ޓިބެޓަށް އައި ބިންހެލުމެއްގެ އަސަރު ދިވެހި ގައުމީ ޓީމު ތިބި ނޭޕާލުގެ ހޮޓަލަށްކޮށްފި އެވެ. ގައުމީ ޓީމް ތިބި ކަތަމަންޑޫގެ އެވަރެސްޓް ހޮޓެލަށް ބިހެލުމުގެ އަސަރު މިރޭ ކުރުމުން، އެ ހޮޓަލުގައި ތިބި ފަސް ގައުމެއްގެ ޓީމު ހޮޓަލުން ނެރުނެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން އަނެއްކާވެސް ހުރިހާ ޓީމުތަކުން ހޮޓަލަށް ވަނެވެ.

ސާފް ޗެންޕިއަންޝިޕް ކަވަރު ކުރުމަށް ކަތަމަންޑޫގައި ހުރި "ސަން"ގެ ރިޕޯޓަރު އަހުމަދު މުޖުތަބާ (މުޖޭ) ބުނީ ނޭޕާލް ގަޑިން މިރޭ 11:45 އެހާކަންހާއިރު އައި ބިންހެލުމަކީ ރެކްޓާ މިންގަނޑުން 4.9 މެގްނެޓިއުޑްގެ ބާރު މިނުގެ އައި ބިންހެލުމެއް ކަމަށެވެ. ބިން ހެލުމުގެ އަސަރު ގައުމީ ޓީމު ތިބި އެވަރެސްޓް ހޮޓެލަށް ކުރުމާއެކު ކުޅުންތެރިން ދެ ފަހަރެއްގެ މަތިން ހޮޓަލުން ނެރުނު ކަމަށެވެ. ގައުމީ ޓީމާއެކު އެވަރެސްޓް ހޮޓަލުގައި ތިބީ އިންޑިއާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލުގެ ގައުމީ ޓީމެވެ.

ސަންގެ ރިޕޯޓަރު މުޖޭ ބުނީ އެވަރެސްޓް ހޮޓަލަކީ ނޭޕާލުގެ އުސް ހިސާބެއްގައި ހުންނަ ހޮޓަލެއް ކަމުން އެ ހޮޓަލަށް ބިންހެލުމުގެ ލޮޅުން ކުރިލެއް ބޮޑު ކަމަށާއި ބިން ހެލުން އައި ގަޑީގައި ހޮޓަލުގައި ހުރި ބައެއް ގޮނޑިތައް އަރި އަޅާލައި ވެއްޓުނު ކަމަށެވެ. ނަމަވެސް ހުރިހާ ކުޅުންތެރިން ހޮޓަލުން ނުކުމެގެންދިޔައިރު އެފަދަ ކުއްލި ހާލަތެއްގައި އަމަލު ކުރާނެ ސެކިއުރިޓީ ޕްރޮޓޮކޯލެއްނުލިބޭ ކަމަށް މުޖޭ ބުންޏެވެ.

"ސާފް އިން ވެސް އަދި އޭއެންއެފްއޭ އިން ވެސް އެއްވެސް އިންސްޓްރަކްޝަނެއް ވެސް ނުލިބޭ ކަމަށްވަނީ. ހުރިހާ ކުޅުންތެރިން ވެސް ހޮޓަލުން ފޭބީ އަމިއްލައަށް. ސެކިއުރިޓީ އެއްވެސް ޕްރޮޓޮކޯލެއް ވެސް ނުލިބޭ،" ގައުމީ ޓީމާއެކު ނޭޕާލުގެ ކަތަމަންޑޫގައި ހުރި ސަންގެ ރިޕޯޓަރު ބުންޏެވެ.