30 Aug 2013, 20:57
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މާދަމާ ފަށާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފަރިތަކުރުމަށް ގައުމުތަކަށް ދޫކޮށްފައިވާ ޕްރެކްޓިސް ދަނޑުތަކުގެ ފެންވަރު ދައްވުމުން ކުޅުންތެރިންނަށް ފަސޭހައިން އަނިޔާވާނެ ކަމަށް ދިވެހި ގައުމީ ޓީމުގެ ޑރ. އަހުމަދު ޝަކީބު ބުނެފި އެވެ.
ޝަކީބުގެ އެފްބީ ޕޭޖްގައި އޭނަ ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނެފައި ވަނީ، ޓީމްތައް ޕްރެކްޓިސް ކުރުމަށް ދޫކޮށްފައިވާ ދަނޑުތަކުގެ ފެންވަރު ވަރަށް ދަށްކަމަށާއި އެހެން ކަމުން ކުޅުންތެރިންނަށް ފަސޭހައިން އަނިޔާވާނެ ކަމަށެވެ.
"ޕްރެކްޓިސް ދަނޑުތަކުގެ ފެންވަރު ވަރަށް ގޯސް. ކުޅުންތެރިންނަށް ފަސޭހައިން އަނިޔާވާނެ. އިންތިޒާމްކުރާ ފަރާތްތަކުން ފެންވަރު ރަނގަޅު ދަނޑުތަކެއް ޕްރެކްޓިސްކުރުމަށް ދޭން ޖެހޭނެ،" ޝަކީބުގެ އެފްބީ ޕޭޖްގައި އޭނަ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ދަނޑުތަކުގެ ފެންވަރު ދަށްކަމަށް ބުނެ، ގައުމީ ޓީމުގެ ޑރ. ޝަކީބު މިއަދު އޭނަގެ އެފްބީ ޕޭޖަށް ލާފައި ހުރި ބައެއް ފޮޓޯތަކުން ވެސް ފެންނަމުން ދަނީ ދަނޑުގެ ބޮޑު ބައެއްގެ ވިނަތައް ވެސް ހަލާކުވެ، ދަނޑުތެރޭގައި ފެންހެދި "ޗަކަ" ވެފައިވާތަނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 5:45ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅީގެ ނޭޕާލާއި ބަންގްލަދޭޝް އެވެ. މިގްރޫޕްގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އާއި ޕާކިސްތާނެވެ.
މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީފަޅިގަ އެވެ. ރާއްޖެއާ އެކު ގްރޫޕް ބީފަޅީގައި ހިމެނޭ ޓީމްތަކަކީ ބޫޓާނާއި އަފްގާނިސްތާން އަދި ލަންކާ އެވެ.
މުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފުރަމަ މެޗު އަންނަ ހޯމަދުވަހު ރާއްޖޭގެ ގަޑިން 5:45ގައި ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ސާކް ސަރަހައްދުގެ އަށް ގައުމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50000 ޑޮލަރުގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ އިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރު ލިބޭނެ އެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ތިންވަނަ އާއި ހަތަރު ވަނައަށްދާ ދެޓީމަށް 10000 ޑޮލަރު ލިބޭނެ އެވެ.