30 Aug 2013, 20:46
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި 300 މީޓަރު ދިގުމިނުގެ އާ އޭޕްރަންއެއް އަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މިދިޔަ ހަފުތާގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓުގައި އާ އޭޕްރަންއެއް އަޅަން ނިންމީ ޕާކުކުރާނެ ޖާގަ އިތުރުކުރުމަށް ކަމަށެވެ. އެގޮތުން އަލަށް އަޅާ އޭޕްރަންގައި 300 މީޓަރު ދިގު އަދި ފުޅާ 75 މީޓަރު ހުންނާނެ ކަމަށެވެ.
"އޭޕްރަން އިތުރުކުރަނީ މަތިންދާބޯޓުތައް ޕާކުކުރަން. މިހާރު މިއޮތީ ބޯޓު ބާއްވާ އޭޕްރަން. އެތަނުގައި ޖާގައެއް ނޯވޭ ބޯޓުތައް ޕާކުކުރަން. ނަމަވެސް އަލަށް ހަދާ ތަނަށް ގެންދާނީ ނުދުއްވާ ބޯޓުތަކާއި ޕާކުކުރާ ބޯޓުތައް. އޭރުން އެއާޕޯޓުގެ އެފިޝަންޓީކުރެވޭނެ. މިހާރު އެއާޓްރެފިކްގެ 15 ވަރަކަށް މިނެޓްގެ ޑިލޭއެއް އެބަ އުޅޭ. އެހެންވެ މިތަނުގައި އިތުރު ރަންވޭއެއް އަޅަން ވެސް ނިންމީ،" އެއާޕޯޓުގައި ވީއައިޕީ ލައުންޖްގައި ހުންނަވައި ބަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ޑިޒައިންކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް ހޯއްދަވާނެ ކަމަށް ބަންދު ވިދާޅުވި އެވެ.
"ޓާމިނަލް ބޮޑުކޮށްގެން އަޅުގަނޑުމެންނަށް އާމްދަނީ އިތުރުކުރެވެން އަންނަނީ. އަނެއްކާ އިތުރު ބޯޓު ފަހަރު އަންނައިރު ހިދުމަތްތައް ފުޅާކުރެވޭނީ. އަޅުގަނޑުމެން ޓާގެޓްކުރަނީ 2015 ވަނަ އަހަރު އަންނަންވާއިރަށް 1.8 މިލިއަން ޕެސެންޖަރުންނަށް އަހަރަކު ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް އަޅަން،" އޭނާ ވިދާޅުވި އެވެ.
ބަންދު ވިދާޅުވީ ޓާމިނަލް ބޮޑުކުރާއިރު މަތިންދާބޯޓަށް އަރަން ފަސް އެއިރޯ ބްރިޖް ހުންނާނެ ކަމަށެވެ. އަދި އަލަށް ހަދާ ރަންވޭ ނިމޭއިރަށް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީކުރަން ހިންގާ ތިން އަހަރު ދުވަހުގެ މަޝްރޫއުއަށް 350- 380 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.