ކ. މާފުށި ކައުންސިލް އިދާރާގެ ތިޖޫރީން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު މައްސަލައިގެ ތުހުމަތުގައި މާފުށީ ކައުންސިލުގެ ރައީސް އަބްދުﷲ މުފީދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާފުށީ ކައުންސިލްގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 520،000 ރުފިޔާ މަދުވެފައިވާ މައްސަލައިގެ ތުހުމަތުގައި އުމުރުން 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 12 ޖަހާ އެހާކަން ހާއިރު ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައިވާ މީހާގެ ތަފްސީލް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

ނަން ހާމަނުކުރަން އެދެމުން ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާފުށީ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ކަމަށެވެ.

ފުލުހުން ބުނީ މި މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް މާފުށްޓަށް ގޮސް ހިންގި ތަހުގީގުގައި ހަތް ފަރާތަކާ ސުވާލުކޮށް ކަމާ ބެހޭ ލިޔެކިޔުންތައް ބަލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިޖޫރިން މަދުވެފައިވާ ފައިސާ އަކީ މާފުށި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ގޯއްޗެއް ބީލަމުގެ އުސޫލުން ކުއްޔަށް ނެގި ފަރާތާއި ކައުންސިލް އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގޯތި ކުއްޔަށް ނެގި ފަރާތުން އިޖުތިމާއީ ކަންކަމަށް ހަރަދުކުރުމަށް ދައްކާފައިވާ 100،000 ރުފިޔާއާއި ގޯތީގެ ކުލީގެ ގޮތުގައި އެއް އަހަރު ދުވަހަށް ދައްކާފައިވާ 420،000 ރުފިޔާ އެވެ.

މިމައްސަލާގައި ކޮމެންޓެއް ހޯދުމަށް ގުޅާލުމުން މާފުށީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ އަހުމަދު ނަޝީދު ވިދާޅުވީ މިމައްސަލާގައި މީހަކު ހައްޔަރުކުރި ކަން އެނގިފައިނުވާ ކަމަށެވެ.