20 Nov 2010, 09:22
އޯކިޑްމަގާއި ޗާންދަނީ މަގު ގުޅޭ ލައިޓްކައިރީގައި މިއަދު ހެނދުނު ސައިކަލަކާއި އެމްބިއުލެންސެއް ޖެހި، ހިނގި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާގެ ބޯފަޅައިގެން ގޮސް އަދި ވެސް އޭނާ ވާހަކަ ނުދައްކާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
އެމްއެމްއޭގެ އޮފީސް ކުރިން ހުރި އިމާރާތުގެ ހަތަރުއަނގޮޅީގައި ހިނގި އެކްސިޑެންޓްގައި ބޯފަޅައިގެން ގޮސް، ފަޔަށް އަނިޔާވެފައިވާ، ސ. ހިތަދޫ ހަނދުވަރުގޭ ނިޒާން ނަޖުމީ، 25، ގެ ބައްޕަ ނަން ބުނުމަށް އުޒުރުވެރިވެ ބުނީ، އޭނާގެ ދަރިފުޅު އަދިވެސް އޮތީ ހޭނާރައި ކަމަށާއި އޭނާގެ ބޮލަށާއި ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
އައިޗީއެމްއެޗުން ވާހަކަ ދެއްކި އޮފިޝަލަކު ދެންމެ ބުނީ ނަޖުމީގެ ހާލު އަދި ވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފިޝަލް ނުދެއްވި އެވެ.
އެ އެކްސިޑެންޓްވި މަންޒަރު ދުށް މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ހެނދުނު ގާތްގަނޑަކަށް 8 ޖަހާ އެހާކަންހާއިރު ނަޖުމީ ޗާންދަނީ މަގުން ދެކުނަށް އައިސް ލައިޓަށް މަޑުކޮށްގެން އިނދެފައި ލައިޓް ޖެހުމުން ސައިކަލް ދުއްވާލި ވަގުތު ބާރުސުޕީޑްގައި އޯކިޑްމަގުން އިރަށް ސައިރަން އަޅާފައި ދިޔަ އައިޖީއެމްއެޗްގެ އެމްބިޔުލާންސް ސައިކަލް ޖެހި، ނަޖުމީ ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށާއި އެވަގުތު ނަޖުމީގެ ބޮލުން ހޯސްލާފައި ލޭފޭބި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް އެތައް އިރެއް ވީއިރު ވެސް ހޭ ނާރާ ކަމަށް އޭނާ ބުންޏެވެ.
އެ އެކްސިޑެންޓް ހިނގި ކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.