30 Aug 2013, 19:47
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިގިލީގައި ހަރަކާތްތެރިވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދަށް ބަޔަކު ހަމަލާދޭން އުޅެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭނާއަށް ވިލިގިލީގައި ބަޔަކު ހަމަލާދޭން އުޅުނީ މިއަދު ހަވީރު އެމްޑީޕީއިން އެ ރަށުގައި ކުރިއަށް ގެންދިޔަ "ކުރިއަށް ކުރިއަށް ކުރިއަށް" ލޮރީ ބުރަށް ފަހު ސައި ބޯން ތިއްބާ ކަމަށެވެ.
"އަޅުގަނޑުމެން ސައިބޯން ތިއްބާ ފުރަތަމަ އައީ ބާޣީ ވަހީދުގެ ޓީޝާޓެއް (ކެމްޕެއިން ޓީޝާޓް) ލައިގެން ހުރި މީހަކު އައިސް ހަޅޭއްލެވީ. އޭގެ ފަހުން އިތުރު ބަޔަކު އައިސް ހަމަލާ ދޭން އުޅުނީ. އުޅުނީމަ އަޅުގަނޑު ހިމާޔަތްކޮށްދިނީ އެމްޑީޕީގެ ސަޕޯޓަރުން" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަލާ ދޭން އުޅުން ފަރާތްތަކާ އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ކުޑަ "ކޮންފްރަންޓޭޝަނަކަށް" ދިޔަ ކަމަށާއި ފުލުހުން އެތަނަށް ގޮސް މިހާރު އެކަންތައް ހަމަޔަކަށް އެޅިފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދަށް ހަމަލާދިން މައްސަލައެއް ރިޕޯޓްކުރެވިފައިވާ ކަމަށާއި އެމައްސަލަ މިހާރު ފުލުހުން ބަލަމުންދާތީވެ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.