30 Aug 2013, 19:11
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ހަރަދު 1.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 6.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އެ މުއްދަތުގެ ނިޔަލަށް ޖުމްލަ ހަރަދުގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ތަފާސް ހިސާބުން ދައްކަ އެވެ.
އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 872.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ 16 ޕަސެންޓްގެ ކުރިއެރުމެކެވެ. އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ޓެކްސްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު ދެ ބިލިއަން ރުފިޔާ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ އާއި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 781.7 މިލިއަން ރުފިޔާ ހިމެނެ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 1.2 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 ޕަސެންޓް މަދު އަދަދެކެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ދަށްވެފައި ވަނީ ސަރުކާރުގެ ކުންފުނިތަކުން ލިބުނު އާމްދަނީ އެވެ. އެ މުއްދަތުގައި ސަރުކާރުގެ ކުންފުނިތަކުން ލިބުނު އާމްދަނީ ވަނީ 86 ޕަސެންޓް ދަށްވެފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުންފުނިތަކުން 35.9 މިލިއަން ރުފިޔާ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ މަހުގެ ނިޔަލަށް 13 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 32 ޕަސެންޓް ދަށްވެފަ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ. އެގޮތުން އެ މުއްދަގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސް ހިސާބުތައްދައްކާ ގޮތުން ރިކަރަންޓް ހަރަދުގެ ތެރެއިން އެންމެ ބޮޑުއެއް ހޭދަވެފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. އެ މުއްދަތުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 873.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއީ ގާތްގަނޑަކަށް 35 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކެޕިޓަލް ހަރަދު ވަނީ 31 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 582.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ.