30 Aug 2013, 18:02
ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ހޮވޭ ޕީޕީއެމްގެ ސަރުކާރަކުން ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތްކޮށްދޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިނަށް ޑރ. ޖަމީލް ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީން ތަކުރާރުކޮށް ބުނަމުންދާ އެއް ވާހަކައަކީ އެޕާޓީގެ ވެރިކަމެއްގައި އައިއެންއައިއޭ އިންޑިއާގެ ޖީއެމްއާރަށް ނުވަތަ ބޭރުގެ ކުންފުންޏަކަށް ހަވާލުކުރާނެ ވާހަކަ ކަމަށެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގައި އެހެން ބަޔަކާ އެތަން ހިންގަން ހަވާލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްއަށް ވޯޓު ދެއްވަންވީ އެއް ސަބަބަކީ ދިވެހިރާއްޖޭގައި ހުރި މުހިއްމު ތަންތަން ބޭރުގެ ކުންފުނިތަކާ ހަވާލުނުކޮށް، ދިވެހިން ލައްވާ ތަރައްގީކޮށް ހިންގުމުގެ ވިސްނުން ހުރީ ޕީޕީއެމްގައި ކަމަށްވާތީވެ ކަމަށެވެ.
"އެމްޑީޕީން ރައީސް ނަޝީދު އެވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ، ދެން ވެސް މާލޭ އެއާޕޯޓް ޖީއެމްއާރަށް ނުވަތަ ބޭރުގެ ފަރާތްތަކަށް ދޭނަމޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ރާއްޖޭގެ މުހިއްމު ތަންތަން ދިވެހިންގެ ފައިދާ ހިމެނޭ ގޮތަށް އަޅުގަނޑުމެން އަމިއްލައަށް ތަރައްގީކޮށްގެން އެކަން ކުރިއަށް ގެންދާނީ" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ޕީޕީއެމްއިން ނުކުރާނެ ކަމަށާއި ބޭރުގެ އިންވެސްޓްމަންޓްތައް ހޯދާއިރު ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތްކުރުމަށް ޕީޕީއެމްއިން ވިސްނާނެ ކަމަށެވެ.
"ދިވެހިންގެ އިސްތިގުލާލަށް ބުރޫ އަރާ ފަދަ ގޮތަކަށް އަޅުގަނޑުމެން ކަންތައްތަކެއް ނުކުރާނަން. އަދި ހަމައެއާ އެކީގައި ދިވެހި ވަޒީފާތަކާއި ދިވެހި ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރިއަށް ގެންދާނީ،" ޖަމީލް ވިދާޅުވި އެވެ.
ހއ. އަތޮޅުގެ ގިނަ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައިވާއިރު، ޖަމީލް ވިދާޅުވީ ހއ. ގެ ގިނަ ރަށްތަކުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އޮތް ތާއީދު ބޮޑު ކަމަށާއި އެރަށްތަކުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
"މީގެ ކުރީގައި އަޅުގަނޑުމެންނަށް ތަންކޮޅެއް ތަފާތުކޮށް ފެނުނު ރައްތަކުގެ ތެރޭގައި ދިއްދޫ ހިމެނޭ. އެހެން ނަމަވެސް ދިއްދޫ ވެސް މިހާރު އެއޮތީ ޕީޕީއެމްއަށް އަގުލަބިއްޔަތު ލިބިފައި. ހަމައެއާއެކު ހޯރަފުށީގައި ރައީސް ނަޝީދު ވަޑައިގެންނެވިއިރު ވަރަށް މަދު ބަޔަކު ދިޔައީ. އަޅުގަނޑުމެން ދިޔަ ދަތުރުގައި ރަށުގެ ގިނަ ބަޔަކު ތިބި" ޑރ. ޖަމީލް ވިދާޅުވި އެވެ.
ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު އޭނާ މިހާރު ފުރާވަޑައިގެންފައި ވަނީ ދ. އަތޮޅަށެވެ. ދ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިންކުރުމަށްފަހު ނ. އަތޮޅު އަދި އަރި އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.