އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އިންޑިއާގެ މަތީ ފެންވަރުގެ ވަދުފެއް ރާއްޖެ އަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އިންތިހާބު އޮބްޒާވްކުރުމަށް އަންނަނީ އިންޑިއާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނަރުންތަކެއް ކަމަށެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ދައުވަތަށް ފޮނުވަން ހަމަޖެހިފައިވާ ވަފުދުގައި ހިމެނެނީ އިންޑިއާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނަރުން ކަމަށްވާ ޖީއެމް ލިންޑޯ އާއި ބީބީ ޓަންޑޮން، އެން ގޯޕާލާ ސުވާމީ އަދި ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު އެސްއެމް ގަވާއި ކަމަށެވެ. އެ ވަފުދު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާއިން އަންނަ ވަފުދު އެކި ރަށްރަށުގައި ބަހައްޓާފައި ހުންނަ ވޯޓުފޮށި ދޮށަށް ޒިޔާރަތްކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ހުރިހާ ރިޔާސީ ކެންޑިޑޭޓުންނާ ގުޅިގެން އަމާން ސުލްހަވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ގެނެސް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވުމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.