30 Aug 2013, 15:37
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅެންޖެހޭ މެޗްތަކުގެ ތެރެއިން އެންމެ އުނދަގޫ މެޗަކީ އެންމެ ފުރަތަމަ ކުޅެންޖެހޭ މެޗުކަމަށް ގައުމީ ޓީމްގެ ހަންގޭރީ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.
މިއަދު ކަތަމަންޑޫގެ އެވަރެސްޓް ހޮޓެލްގައި އޮތް ޕްރި-މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު ބުނީ، "ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށްޓަކައި އިދި ކޮޅު ޓީމް ބަލިކުރުމަކީ ކޮންމެ ޓީމަކަށްވެސް ކުރަން ޖެހޭ ކަމެއް. މުބާރަތެއްގައި އަބަދުވެސް އެންމެ އުނދަގޫ އަދި އެންމެ މުހިއްމު މެޗަކަށް ވާނީ، އެންމެ ފުރަތަމަ މެޗު" ކަމަށެވެ.
"މެޗުގެ ކުރިއަށް ހުރި މެޗުތަކުގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އަހަރެން މިވަގުތު މި ވިސްނަނީ ހަމަ އެކަނި ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމް ބަލިކުރަން،" ކޯޗު ބުންޏެވެ. "ފުރަތަމަ ދެމެޗުން މޮޅުވުމަކީ އަހަރެމެންނަށް މަޖުބޫރު ކަމެއް. ދެން އޭގެ ފަހުން ވިސްނާނީ ފަހު މެޗާ ދޭތެރޭގައި."
މި މުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފުރަމަ މެޗު އަންނަ ހޯމަދުވަހު ރާއްޖޭގެ ގަޑިން 5:45ގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުންނަ އިރު ކޯޗު ބުނީ، އޭނާ އަބަދުވެސް ވިސްނަނީ ޖެހިގެން އޮންނަ މެޗަށް ކަމަށާއި ފަހުން ކުޅެންޖެހޭ މެޗުތަކަށް ވިސްނާނީ، ފުރަތަމަ ކުޅެންޖެހޭ މެޗަށް ފަހު ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ޓީމުތަކުގެ ކޯޗުންގެ ތެރެއިން މި މުބާރާތުގެ އެންމެ ތަޖުރިބާހުރި ކޯޗު ބުނީ، މުބާރާތަށް ނުކުންނައިރު އޭނާއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އެހެން ނަމަވެސް މިފަހަރުގެ މުބާރާތަކީ ރާއްޖެއަށް އަދި ހުދު ކޯޗަށްވެސް ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ.
"މިފަހަރުގެ މުބާރާތް ކާމިޔާބުކުރުން އަހަރެމެންނަށް ވަރަށް މުހިއްމު. އަހަރެމެންގެ މިތިބީ މުޅިން އާ ޖީލެއްގެ ކުޅުންތެރިން. އެހެން ކަމުން މި މުބާރާތުގައި އަހަރެމެންނަށް އެއްވެސް ޕްރެޝަރެއް ނެތް. އެކަމަކު މި މުބާރާތް ކާމިޔާބުކޮށް އަހަރެމެންގެ ސަޕޯޓަރުންގެ އުންމީދުތައް ފުރިހަމަ ކޮށްދޭން ބޭނުން." ކޯޗުބުންޏެވެ.
މުބާރާތުގައި ވާދަކުރާ ޓީމު ތަކާބެހޭގޮތުން ކޯޗު ބުނީ، އެންމެ ވަރުގަދައޭ ބުނާވަރުގެ އެއްވެސް ޓީމެއް ނެތް ކަމަށާއި، ހުރިހާ ޓީމަކީވެސް ވަރުގަދަ ޓީމުތައް ކަމަށެވެ.
ކޯޗު އިތުރަސް ބުނީ، ޓިމުގެ ހުރިހާ ކުޅުންތެރިންނާ ދޭތެރޭގައިވެސް އޭނާއަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށާއި އަދި އެންމެ ބޮޑަށް ހިތްހަމަ ޖެހެނީ ކުޅުންތެރިން ކޯޗަށް ފުރިހަމައަށް އިތުބާރު ކުރާތީ ކަަށެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ޑިފެންޑަރު އަކުރަމް އަބްދުލްޣަނީ ބުނީ، ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި އަދި މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.