މިދިޔަ ޖުލައި މަސް ނިމުނުއިރު ބޭރު ފައިސާގެ ރަސްމީ ރިޒާވް 350.4 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ) އަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓްގެ ކުރިއެރުމެކެވެ.

މަރުކަޒީ ބޭންކުން އިއްޔެ އާއްމު ކުރި މިމަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 344.4 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 321.8 މިލިއަން ޑޮލަރެވެ.

އެމްއެމްއޭއިން ބުނީ ބުނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ބޭރު ފައިސާގެ ރިޒާވަށް 28.6 މިލިއަން ޑޮލަރު އިތުރުވެފައިވެ އެވެ. އަދި މަހުން މަހަށް ބަލާއިރު މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަނީ ބޭރު ފައިސާގެ ރިޒާވަށް 5.9 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރި މިންވަރަކީ 2.5 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.

މިއަހަރު ފެށުނީއްސުރެ ބޭރު ފައިސާ ރިޒާވް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ހާއްސަކޮށް މިދިޔަ ދެތިން މަސް ދުވަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފަ އެވެ. ނަމަވެސް ބައެއް ފަހަރު ތެޔޮ އިމްޕޯޓުކުރުމަށް ހިނގާ ހަރަދު ބޮޑުވުމުން ބޭރު ފައިސާ ރިޒާވަށް ހީނަރުކަން ކުރިމަތިވެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 146.4 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓްގެ އިތުރުވުމެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ ތެލުގެ ބާވަތްތަކެވެ. މިދިޔަ މަހު ތެލުގެ ބާވަތްތައް އިމްޕޯޓްކުރުމަށް 44.5 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. ކާބޯތަކެތި އިމްޕޯޓްކުރުމަށް 40 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ތެލުގެ ބާވަތްތައް އިމްޕޯޓްކުރުމަށް ހިނގި ހަރަދު 35 ޕަސެންޓް އިތުރުވިއިރު ކާބޯތަކެތި އިމްޕޯޓްކުރުމަށް ހިނގި ހަރަދުވަނީ 37 ޕަސެންޓް އިތުރުވެފަ އެވެ.