30 Aug 2013, 14:33
ޤާހިރާ (އޮގަސްޓް 30): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ "ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީ"ގެ ލީޑަރު ޑރ. ޢަލީ މުޙައްމަދުލްބިލްތާޖީ މިސްރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޑރ. ބިލްތާޖީއަކީ މެޑިސިންގެ ދާއިރާއިން ޕީ.އެޗް.ޑީ ޙާސިލް ކުރައްވާފައިވާ އަދި އަލްއަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގައި ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވާފައިވާ އިސްލާމީ ފިކުރުގެ ބޭފުޅެކެވެ. ޑރ. ބިލްތާޖީ މިހާރު ހުންނެވީ އިޚްވާން ޖަމާއަތުގެ ސިޔާސީ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީގެ ލީޑަރުކަމުގެ މަޤާމުގަ އެވެ. މިސްރުގެ ފުލުހުން ޑރ. ބިލްތާޖީ ހައްޔަރުކޮށްފައި ވަނީ މުރުސީގެ ދިމުޤްރާތީ ވެރިކަން ވައްޓާލި ޢަސްކަރީ އިންޤިލާބާ ދެކޮޅު ޙަރަކާތްތެރިވާ ސިޔާސީ ލިޑަރުން ހައްޔަރުކޮށް އިންޤިލާބާ އިދިކޮޅު އަޑުތައް ކަނޑުވާލުމަށް މިސްރުގެ ވަގުތީ ސަރުކާރުން ކުރިޔަށްގެންދާ ހަރުކަށި ސިޔާސަތު ތަކުގެ ދަށުންނެވެ.
ޑރ. ބިލްތާޖީ ހައްޔަރުކޮށްފައި ވަނީ ޤާހިރާގެ ތުއްރާ ޖަލުގެ ކުޑަގޮޅިއެއްގައި ކަމަށް ޚަބަރުލިބެއެވެ. މިސްރުގެ އިންޤިލާބީ ލީޑަރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީގެ ކޮންޓްރޯލްގެ ދަށުގައިވާ މިސްރުގެ ވަގުތީ ސަރުކާރު ބުނާގޮތުން ބިލްތާޖީގެ އިތުރުން އިޚްވާން ޖަމާއަތުގެ 40 ލީޑަރުން ވަނީ ފާއިތުވި 24 ގަޑީއިރުގެ ތެރޭގައިޖަލުގައި ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި މުރުސީގެ ވެރިކަމުގައި ލޭބަރ މިނިސްޓަރު ކަމުގައި ހުންނެވި ޚާލިދުލްއަޒްހަރީ އާއި ޖަމާލްއަލްޢަޝްރީ ހިމެނެ އެވެ. މީގެކުރިން ވެސް ވަނީ ފުލުހުންވަނީ އިޚްވާން ޖަމާއަތުގެ އެތަށް ލީޑަރުންނެއް ހައްޔަރުކޮށްފައެވެ. މީގެތެރޭގައިއެ ޖަމާއަތުގެ އިސްލީޑަރު އަދި ދީނީ މުރުޝިދު ޑރ. މުޙައްމަދު ބަދީޢު ހިމެނިވަޑައިގަންނަވައެވެ.
މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން މިސްރުގެ ސިފައިން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މުރުސީގެ ސަޕޯޓަރުންނާ ދެކޮޅަށް ހިންގި ޤަތްލުއާންމުގައި 800 އަށްވުރެ ގިނަމީހުން މަރާލާފައިވާއިރު މީގެތެރޭގައި ޑރ. ބިލްތާޖީގެ އުމުރުން 17 އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ މަރާލާފައެވެ. އަދި މިޤަތްލު އާންމުގައި އިޚްވާން ޖަމާއަތުގެ މުރުޝިދު ޑރ. މުހައްމަދު ބަދީޢުގެ ފިރިހެން ދަރިކަލުން ޢަންމާރުލްބަދީޢު ވެސް ވަނީ މަރާލާފައެވެ.
މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ޢަސްކަރީ އިންޤިލާބަކުން ވައްޓާލުމަށް ފަހު މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރުންވަނީ ޙުސްނީ މުބާރަކުގެ ދުވަސްވަރުގައާ އަދި ޒަމާނުއްސުރެ މިސްރުގައި އޮތް "ޕޮލިސް ސްޓޭޓް" ގެ ނިޒާމު އަލުން އަނބުރައި މިސްރަށް ގެނަސްފައެވެ. މީގެތެރޭގައި މިސްރުގެ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްތަކުން އާނބަސް ބުނެފައިވާ ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލުމާއި ސުލްޙަވެރި އެއްވުންތައްވެސް ބަޑިޖަހައި ބާރުގެ ބޭނުންކޮށްގެން ރޫޅާލުމާއި ޝަރީޢަތާނުލައި އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމާއި ކުއްލި ޙާލަތު އިޢްލާން ކުރުމާއި މިނިވަން މީޑިޔާއަށް ފުރްސަތު ނުދިނުމާއި ދައުލަތުގެ މީޑިޔާއިން ސަރުކާރުގެ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމާއި ސަރުކާރުގެ އިސްމަޤާމުތަކަށް ކުރީގެ ޢަސްކަރީ ޖެނެރަލުން ލެއްވުން ހިމެނެއެވެ.
މިސްރުގެ އިންޤިލާބީ ސަރުކާރުން ސިޔާސީ އެތައް ސަތޭކަ ބަޔަކު ޝަރީޢަތަކާ ނުލައި ހައްޔަރުކޮށް ޖަލަށްލާފައިވައިރުމީގެތެރޭގައި ގިނައީ ކުރީގެ މުޙައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިންނެވެ. އިންޤިލާބަށްފަހު ޚުދު މުރުސީވެސް ވަނީ ޝަރީޢަތަކާނުލައި ހައްޔަރުކޮށް ނިޒާމުން ގެއްލުވާލާފައެވެ.
ރޭ ހައްޔަރުކުރި އިޚްވާން ޖަމާއަތުގެ ލީޑަރު ޑރ. ޢަލީ މުޙައްމަދުލްބިލްތާޖީ ވަނީ އޭނާ އާއި އިޚްވާން ޖަމާއަތުގެ ލީޑަރުން މަސައްކަތް ކުރައްވަނީ މިސްރުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ފޭރިގެންފައިވާ އަދި ރައްޔިތުންނާ ދެކޮޅަށް ޤަތްލުއާންމު ހިންގާފައިވާ ފަރާތްތަކުގެ އަނިޔާވެރިކަމުން ރައްޔިތުންނާ ގައުމު ސަލާމަތް ކޮށް ނިގުޅައިގަނެފައިވާ ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ އޭނާގެ ޢާއިލާއަށާއި ސަޕޯޓަރުންނަށް އޯޑިޔޯ މެސެޖެއް ފޮނުއްވާފައެވެ. (ނޫސްއެޖެންސީތައް)