30 Aug 2013, 14:28
އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ގާއިމްކޮށް ދަމަހައްޓައި، ސަލާމަތީކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ވޯޓުލާދުވަހު ކަންކަން ކުރިއަށް ގެނދާނެ ގޮތުގެ ފުލްސްކޭލް އެކްސަސައިޒެއް ބޭއްވުމަށް ފުލުހުން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބާއްވާ އެކްސަސައިޒް މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން އެކްސަސައިޒް ކުރިޔަށްދާނީ މުޅި ރާއްޖޭގައި އެކުއެކީ އެއްވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮޕަރޭޝަނަލް ހާލަތު އިތުރަށް ވަރުގަދަކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމް ކޮށްދީ އަމާން އިންތިޚާބަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފުލުހުން ދަނީ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. މިގޮތުން މާލެއާއި އަތޮޅުތަކުގައި މިހާރުވެސް ވަކިވަކި އޮޕަރޭޝަންތައް ހިންގައި ޖިނާއީ ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިނިވަންކަމާއެކު ކޮންމެ ކެންޑިޑޭޓަކަށްވެސް ކޮންމެ ރަށެއްގައި ކެމްޕޭންކޮށް ރައްޔިތުންނަށް ހުށަހަޅަން ބޭނުންވާ ހުށަހެޅުން ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މި އެކްސަސައިޒް ކުރިޔަށްދާއިރު އެކިއެކި ހާލަތްތަކަށް ބަލައި ޚާއްސަ ހަރަކާތަތްތަކެއް ހިންގާނެ ކަމަށާއި އެކްސަސައިޒް ކުރިޔަށްދާއިރު ބައެއް ފަހަރު މަގުތައް ބަންދުކުރެވި ބައެއް ތަންތަން ބަލައި ފާސްކޮށް ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސަސައިޒް ކުރިޔަށްދާއިރު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ އެދިފަ އެވެ.