އަދާލަތު ޕާޓީ އަކީ ދީނީގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ޕާޓީއެއް ކަމަށް މުޖުތަމުގައި ލޭބަލް ވެފައި ވަނީ ޝެއިޚު ހުސައިން ރަޝީދު އަހްމަދާއި ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ މެން ފަދަ ބޭފުޅުން ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ދުވަސްވަރުގައި އަމަލުތައް ގެންގުޅުއްވި ގޮތަކުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުރިން އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އަދާލަތު ޕާޓީ ބޭނުންކޮށްގެން ޒާތީ ގޮތުން މީހުންނާ ދިމާކުރަމުން ދިޔަ ކަމަށާއި ނަމަވެސް އެކަންތައްތައް މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"މި ޕާޓީ އަކީ ހަރުކަށި ޕާޓީއެއް ކަމަށް މުޖުތަމުގައި ލޭބަލް ކުރަން ޖެހުނީ އެމީހުންގެ އަމަލުތައް ހުރިގޮތުން. މި ޕާޓީގައި އޭރުގައި އިސްކޮށް ތިބި މީހުން، އެމީހުން ދިޔައީ ވަކި މީހުން ގޮވައިގެން ކޯޓުތަކާއި ތަންތަނަށް. އަދި ބައެއް އިލްމުވެރީންނަށް ނޭނގި އެމީހުންގެ ނަމުގައި ބަޔާންތަކެއް ނެރެ، ޒާތީގޮތުން މީހުންނާ ދިމާކޮށް، އަދާލަތު ޕާޓީ ބޭނުންކޮށްގެން ކަންތައްތައް ކުރަމުން ދިޔައީ. އެކަންތައްތައް މިއަދު މިވަނީ ނިމުމަކަށް އައިސްފަ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ޕޯޑިއަމްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ހަޑިހުތުރުކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެފަދަ ކަންތައް ހައްލު ކުރުމަށް އެދުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.

ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ޕާޓީއާ ދުރަށް ވަޑައިގަތީ ޕާޓީގައި ތިބި ހެޔޮލަފާ މީހުންނާއި ކިޔަވައިގެން ތިބި މީހުންގެ "ހަށި ފޮޅާލި" ހިސާބުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ހަގީގަތަށް ބަލާއިރު ޕާޓީގައި ތިބި ހެޔޮލަފާ މީހުންނާއި ކިޔަވައިގެން ތިބި މީހުންގެ ހަށި ފޮޅާލާ ހިސާބަށް ދިޔާއިމާ އޭގެތެރެއިން ބައެއް މީހުން މި ޕާޓީއާ ދުރަށް ދިޔައީ. ދުރަށް ފޮނުވާލީ ހަގީގަތުގައި. އެމީހުން އަމިއްލައަށް ދުރަށް ދިޔައީކީ ނޫން. ދުރަށް ފޮނުވާލީ. ޕާޓީގެ ތެރެއިން ޕާޓީ ހިމާޔަތް ކުރުމަށް ޓަކައި ޕާޓީ ސަލާމަތް ކުރުމަށްޓަކައި،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ކުރިން ތިއްބެވި ބޭފުޅުން ދުރަށް ވަޑައިގަތުމުން ކިޔަވައިގެންތިބި އެތަށް ބަޔަކު ޕާޓީއާ ގުޅި މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.