އައްޑޫ ސިޓީން: މުރުޝިދު އަބްދުލްހަކީމް

އަމިއްލަ ޒާތުގައި މުއްސަނދިކަން ހުރުމަކީ ދައުލަތެއް ހިންގޭނެ ރައުސްމާލެއް ނޫން ކަމަށާއި ސަރުކާރުން ރައްޔިތުނަށް ކަންތައްތަކެއް ކޮށްދެވޭނީ ސަރުކާރު މުއްސަނދިވެގެން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ މަރަދޫ ފެދޫގައި ހުރި ޕީޕީއެމް ޖަގަހައިގައި ވާހަކަފުޅު ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާ ވެސް ތަމްސީލު ކުރައްވާ ޔާމީން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް އިސާރާތް ކުރައްވައި ވިދާޅުވީ މުއްސަނދިން ބޭފުޅަކު ކަމެއްގައި އުޅުއްވާ ނަމަ އެ ބޭފުޅެއްގެ "އެންމެ އިސްކަމަކަށް އޮންނާނީ އޭނާގެ މުއްސަނދިކަން ކުރިއަށް ގެންދިއުން" ކަމަށެވެ.

"އަޅުގަނޑުމެނަށް، ސަރުކާރަށް ކަންތައްތަކެއް ކޮށްދެވޭނީ ސަރުކާރު މުއްސަނދިވެގެން. ސަރުކާރު ހިންގާ މީހާ އޭނާ ތަބީއީ ގޮތުން އޭނާ އަމިއްލަ ޒާތުގައި މުއްސަނދިކަން ހުރުމަކީ ސަކާރު ހިންގަން އޮތް ރައުސްމާލެއްނޫން. އެކަމެއް ނުވާނެ. މުއްސަނދިކަން އޮތް މީހަކު ކަމަކާ އުޅޭ ކަމުގައިވާ ނަމަ އޭނާގެ އެންމެ އިސް ކަމަކަށް އޮންނާނީ އޭނާގެ މުއްސަނދިކަން ކުރިއަށް ގެންދިއުން،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖެ މިއަދު އޮތް ހާލަތުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ މުދަލާއި ފައިސާ އެއްކުރައްވަން ދަހިވެތިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށާއި އަދި އެ ބޭފުޅަކީ ވަގުތީ އުފާތައް ލިބިގަތުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެސް ވެގެން ވެސް ނުވާނެ ކަމަށެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބިގައި ވާދަކުރައްވާ ބައެއް އެހެން ޕާޓީތަކަށް ފާޑުވިދާޅުމުން ޔާމީން ވިދާޅުވީ ގާސިމް އިބްރާހިމާއި ހަސަން ސައީދުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ ކިބައިން އިހްލާސްތެރިކަން ފެނިގެން ނުދިޔަ ކަމަށާއި ވޯޓު ދިނުމުގައި އިހްލާސްތެރި ފަރާތްތަކަށް ވޯޓުދިނުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމަށް ގެންނަން ބޭނުންނުވާ ކަމަށް ބުނެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕީއެމް ފިޔަވައި އެހެން ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުގައި "އެއްވެސް އިހްލާސްތެރިކަމެއް ނެތް" ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް ގެންނަން ބޭނުން ނޫން ކަމަށް ބުނާ ހުރިހާ ޕާޓީތަކުން އެކުވެގެން ރައީސް ނަޝީދާ ވާދަކުރުމަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމުން ހުށަހެޅުމުން އެކަމަށް އެ ބޭފުޅުން އެއްބަސްނުވުމަކީ ނަޝީދާ އިދިކޮޅު ކަމަށް ބުނެ އެހެން ޕާޓީތަކުން ދައްކާ ވާހަކައިގެ އިހްލާސްތެރިކަން ނެތް ކަމުގެ ހެއްކެތް ކަމަށެވެ.

"އަޅުގަނޑު ތަސްމީނަށް ދެންނެވިން، އަޅުގަނޑުމެން ގާސިމަށް ދެންނެވިން، އަޅުގަނޑުމެން ހަސަން ސައީދަށް ދެންނެވިން. މިއީ ރިޔާސީ އިންތިހާބަށް އޭރުނިކުންނާނެ ކަމަށް ބެލެވުނު މީހުން. އަޅުގަނޑުމެން އެންމެ ހިނގާށޭ ޕްރައިމަރީއަކަށް ނިކުނަވާން [އެ ބޭފުޅުން ކައިރި ދެންނެވިން]. އޭރު ހުރިހާ ޕާޓީއަކުން ޕްރައިމަރީއަކަށް ގޮސްގެން ރައީސް ނަޝީދާ ވާދަކުރައްވަން ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުންވާ މީހަކު ހޮވުނު ނަމަ މިކަން ހައްލުވީސް. ކެންޑިޑޭޓަކު ހޮވުނީސް، އެހެންވީމާ މި ދަންނަވަނީ ދައްކަވާ ވާހަކައިގެ އިހްލާސްތެރިކަމެއް ނެތިއްޔޭ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ ޕޮލިސީތައް އަދި ނަޝީދު ގެންގުޅުއްވާ އުސޫލުތަކާ ދެކޮޅު ފަރާތްތަކުން އެއް ކެންޑިޑެޓަކު ނުކުންނެވި ނަމަ ވޯޓު ފޮއްޓާ ހަމައަށް ދިޔުމުގެ ކުރީން ވެސް އެކަން އޮތީހީ ނިމިފައި ކަމަށެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އައްޑު އަތޮޅަށް އިހްލާސްތެރިކަމާ އެކު ކަންތައްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި މާލެ އިން ބޭރުން އެންމެ ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ވަނީ އައްޑޫ ސިޓީ އަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ވަނީ ވަނީ ފޭދޫ ޖަގަހަ އަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. ފޭދޫ ޖަގަހައަށް ވަޑައިގެން އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުގައި ޝިޔާމް ވަނީ ޔާމީންގެ ސިޔާސަތުތައް މެންބަރުނާ ހިއްސާ ކުރައްވައިފަ އެވެ.