20 Nov 2010, 07:52
އެމްޑީޕީ ކެމްޕޭން އޮފީސް ފަޅާލައި ލެޕްޓޮޕަކާއެކު މާލޭ ދާއިރާގެ ޕްރައިމަރީސް އާ ބެހޭ ލިޔުންތައް ވަގަށް ނަގައިފި އެވެ.
އެމްޑީޕީ އިލެކްޝަން ކޮމެޓީން އިބްރާހިމް އަހުމަދު (މާލިމީ) ވިދާޅުވީ މ. ރެޑްގްރާސްގައި ހުންނަ އެ ޕާޓީގެ ކެމްޕޭން އޮފީސް ރޭ އިލެކްޝަންސް ކޮމެޓީން ބަންދު ކުރީ 8:30 ގައި ކަމަށާއި މިއަދު ހެނދުނު އޮފީސް ހުޅުވަން ދިޔައިރު އޮފީސް ފަޅާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޮފީސް ފަޅައިލުމަށް ފަހު މާލޭ ދާއިރާގެ ޕްރައިމަރީސް އާ ގުޅޭ ލިޔުންތަކާއި އެ ދާއިރާގެ ލިޔުންތައް ހިމެނޭ ލެޕްޓޮޕެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި އެހެން ދާއިރާތަކުގެ ބައެއް ލިޔުންތައް ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ގެންގޮސްފައި ވަނީ މި މަހު 22ގައި ބާއްވާ މާލޭ ދާއިރާގެ ޕްރައިމަރީސްއާ ގުޅޭ ލިޔުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް ވޯޓަށް ނުފޫޒު ފޯރުވޭވަރުގެ ލިޔުމެއް ވަގަށް ނެގިފައެއް ނުވޭ. ވޯޓް ކަރުދާސް އަދި ޗާޕްވެސް ނުކުރަން،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަ މިއަދު ހެނދުނު ފުލުހުނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އިތުރު މައުލޫމާތު އެމްޑީޕީއާ ގުޅައިގެން ހޯދުމަށެވެ.