30 Aug 2013, 13:34
ސޫރިޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނުވަތަ ހުޅަނގުން ހިންގާ އެފަދަ އޮޕަރޭޝަނެއްގައި ބައިވެރި ނުވުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ކޮމަންސް އިން ފާސްކޮށްފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ހައުސް އޮފް ކޮމަންސް އަށް ހުށަހެޅި ގަރާރެއްގައި އެދިފައި ވަނީ ސޫރިޔާއާ ދެކޮޅަށް ހިންގޭ އަސްކަރީ އޮޕަރޭޝަނެއްގައި އިނގިރޭސިވިލާތުން ބައިވެރިވުމުގެ ހުއްދައަ ށެވެ.
ނަމަވެސް ކެމަރޮންގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ނިގެންދިޔައީ ހަނި އަގުލަބިއްޔަތަކުން ނެވެ. މިގޮތުން ހައުސް އޮފް ކޮމަންސްގެ 285 މެމްމަބަރަކު އަސްކަރީ ފިޔަވަޅު ނޭޅުމަށް ވޯޓު ދެއްވި އިރު، ކެމަރޮންގެ އެދުމާ އެއްގޮތަށް އަސްކަރީ ފިޔަވަޅު އެޅުމަށް ހުއްދަ ދޭން ވޯޓު ދެއްވީ 272 މެމްބަރުން ނެވެ.
މިވޯޓަށް ފަހު ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވީ ހައުސް އޮފް ކޮމަންސްގެ ނިންމެވުމަށް އިހްތިރާމްކުރައްވާނެ ކަމަށެވެ.
"ގާނޫނު ހަދާ މަޖިލީހުން ނިންމާފައި ވަނީ އިނގިރޭސިވިލާތުން ސޫރިޔާއާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގައި ބައިވެރިނުވަން. މިއީ އިނގިރޭސި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ކަން ސާފުވެއްޖެ. އެކަށް އަޅުގަނޑަށް ވިސްނިއްޖެ. އިނގިރޭސި ސަރުކާރުން ކަންތައް ކުރާނީ އެގޮތުގެ މަތިން،" ވޯޓަށް ފަހު ވާހަކަ ދައްކަވަމުން ކެމަރޮން ވިދާޅުވި އެވެ.
އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ސޫރިޔާއަށް ހަމަލާދިނުމުގެ ވާހަކަތައް ދައްކަން ފަށާފައި ވަނީ ސޫރިޔާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ތެރެއިން މިދިޔަ ހަފުތާގައި އެގައުމުގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރެވެމުންދާ ރިޕޯޓުތަކާ ގުޅިގެން ނެވެ.
އެމެރިކާއިން ބުނެފައި ވަނީ ބައްޝާރުލް އަސަދުގެ ސަރުކާރުން ކެމިކަލް ނާވް ގޭހެއް ކަމަށްވާ "ސެރިން" ބޭނުން ކޮށްފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް ސޫރިޔާއިން އަންނަނީ ހުޅަނގުގެ ތުހުމަތުތައް ދޮގުކުރަމުން ނެވެ.
ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެން އދ.ގެ ވެޕަންސް އިންސްޕެކްޓަރުންގެ ޓީމަކުން ސޫރިޔާގައި ތަހުގީގެއް ފަށާފައިވާ އިރު، މިތަހުގީގު ނިންމާލަން އަދި ދެދުވަހެއް ވަރު ބޭނުންވާނެ ކަމަށް އދ.އިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން މީގެ ކުރިން ރާވަމުން އައިސްފައި ވަނީ ސޫރިޔާއާ ދެކޮޅަށް ދޭ ހަމަލާއެއްގައި އިނގިރޭސި އަސްކަރިއްޔާގެ އެހީތެރިކަން ހޯދުމަށެވެ. ނަމަވެސް ހައުސް އޮފް ކޮމަންސްގެ ނިންމުމާ އެކު އެދޮރު ވަނީ ބަންދުވެފަ އެވެ.