ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން މ. އަތޮޅު މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާކުރި މައްސަލަ އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޑީޕީ އިން އިންތިހާބުގެ ކަންކަމަށް އުފައްދާފައިވާ ކޮމްޕްލެއިންޓްސް ކޮމިޓީ އިން ބުނީ ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން ސްކޫލަކަށް ފައިސާ ހަދިޔާކުރި ކުރުމަކީ އިންތިހާބަށް އޭގެ ސަބަބުން ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެހެން ކަމުން ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީ އިން ވަނީ އެދިފަ އެވެ.

ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ "ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ" ކަމަށެވެ.

ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް މ. މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކުރިއަށް ދިޔަ އެ ސްކޫލުގެ ބޯޑު މެމްބަރުންގެ ޖަލްސާއެއްގަ އެވެ.

މުލަކު ސްކޫލުގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އިލްހާމް ހަދިޔާކުރެއްވި ފައިސާ ހަދިޔާކުރައްވާފައި ވަނީ، އެ ސްކޫލުގެ ކޮމްޕިއުޓާ ލެބްގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި އެހީއެއް ވެދެއްވުމަށް މީގެ ހަތަރު މަސް ދުވަސް ކުރިން ރައީސް ވަހީދުގެ އަރިހުގައި އެދިފައި ވަނި ކޮށް ކަމަށެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ބުނެފައި ވަނީ މިއީ އިލްހާމްގެ އަމިއްލަފުޅު ހައިސިއްޔަތުން ހަދިޔާކުރެއްވި ފައިސާއެއް ކަމަށެވެ.

އެމްޑީޕީއިން މިއަދު ވަނީ އިތުރު މައްސަލައެއްވެސް އިލެކްޝަންސްއަށް ހުށަހަޅާފަ އެވެ. އެއީ ށ. މާއުނގޫދޫގައި އިލެކްޝަންސް ކޮމިޝަންގެ މުއައްޒަފަކު ޕީޕީއެމްއަށް ކެމްޕެއިންކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ އެކެވެ.

މީގެ ކުރިން އެމްޑީޕީގެ ކޮމްޕްލެއިންޓްސް ކޮމިޓީ އިން ވަނީ ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތަކެތި ހަދިޔާކުރަމުންދާ ކަމަށް ބުނެ ޝަކުވާއެއް ވެސް އިލެކްޝަންސް އަށް ހުށަހަޅާފަ އެވެ.

އެމްޑީޕީ އިން މި އަހަރުގެ މޭ މަހުގެ ތެރޭގައި އުފައްދާފައިވާ ކޮމްޕްލެއިންޓްސް ކޮމިޓީއަކީ އިންތިހާބާ ގުޅިގެން ރައްޔިތުން އެޕާޓީއަށް ހުށަހަޅާ ބައެއް ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. ގާނޫނީ ވަކީލުންގެ މައްޗަށް އެކުލެވޭ މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އަބްދުﷲ ހަސީން އަދި މުހައްމަދު ފަރީދެވެ.