މަޝްހޫރު ދިވެހި ފިލްމީ ތަރި ނިއުމާ މުހައްމަދު ސިޔާސީ ހަރަކާތްތަކުގައި އުޅޭ ކަމަށް ބުނެ ޓެލެވިޝަން މޯލްޑިވްސް އިން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ގެނެސްދެމުން އަންނަ "ހޯޔަންބޯ" ޕްރޮގްރާމަށް ދައުވަތު ދިނުމަށް ފަހު ނާރުވާ ގޮތަށް ހަަމަޖައްސައިފި އެވެ.

ނިއުމާއަށް ޓީވީއެމުން ދައުވަތުދީފައި ވަނީ މިއަދު ގެނެސްދިނުމަށް ހަމަޖެހިފައިވާ ހޭޔަންބޯ ޕްރޮގްރާމަށެވެ. އެ ޕްރޮގްރާމްގައި ގެނެސްދޭ އެކިއެކި ސެގްމަންޓްތަކުގެ ތެރެއިން ނިއުމާ އަށް ދައުވަތު ދީފައިވަނީ އޭނާއަށް އެންމެ ކަމުދާ ފަސް ބާވަތެއްގެ ވީޑިއޯ ލަވައެއް ގެނެސްދިނުމަށެވެ. ގިނަ ފަހަރަށް ރެކޯޑްކޮށްގެން ގެންނަ އެ ޕްރޮގްރާމަށް ނިއުމާއަށް ދުރާލާ ދައުވަތު ދިނުމަށް ފަހު ކެންސަލްކުރުމުން ބައެއް މީޑިއާތަކުގައި ނިއުމާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޑިރެކްޓާ އަބްދުﷲ ރަމީޒު ސަންއަށް ވިދާޅުވީ "ހޭޔަންބޯ" އަށް ނިއުމާ ނޭރުވުމަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން 2013 ގެ ރިޔާސީ އިންތިހާބް އިޢުލާން ކުރުމާ އެކު އެމްބީސީން އަމަލު ކުރަމުން އަންނަ ގައިޑް ލައިންގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ ނިއުމާ ނޫނަސް ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ޓީވީއެމުން ނުދައްކާނެ ކަމަށާއި އެފަދަ ފަންނާނުންގެ ލަވަތަކެއް ދެއްކުން ހުއްޓާލައިފައިވާ ކަމަށެވެ.

"ހަމަ އެކަނި ސެލެބްރިޓީޒުންނެއް ނޫން އަދި ނިއުމާ ވެގެންނެއް ވެސް ނޫން. އެހެން އެތައް ފަންނާނުނެއް ވެސް މިދުވަސްކޮޅު ޓީވީއަށް ނާރުވަންވެގެން ހުންނާނެ ކެންސަލްކޮށްފައި. ދުވަސްކޮޅު އަޅުގަނޑުމެން ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހި، ސިޔާސީ ގޮތުން ވަކިބައެއް ޕްރޮމޯޓްނުކޮށް، އެންމެންނަށް ހަމަހަމަ އުސޫލުން ކަންތައްތައް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގައިޑްލައިންއަކާއި ސިޔާސަތުތަކުގެ ތެރޭގައި އަޅުގަނޑުމެން އުޅޭނީ. އޭގެ މަގުސަދަކީ ރައްޔިތުންނަށް ފެއާ އެންޑް ފްރީ އެލެކްޝަނެއް ގެނެސްދިނުން." ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގައިޑް ލައިނާ ގުޅިގެން ޓީވީއެމުން ގެނެސްދެމުން އައި ވަރަށް ގިނަ ޕްރޮގްރާމްތަކާއި ލަވަތައް ވެސް ގެނެސްދެމުން ނުދާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ނިމި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރާ ބޭފުޅަކު އެނގެން ދެން އެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުން ގެންދާނެ ކަމަށް ވެސް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ޓީވީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނިއުމާ ސަންއާ ވާހަކަދައްކަމުން ބުނީ ޓީވީއެމުން މިދުވަސްކޮޅު ގެނެސްދޭ އެއްވެސް ޕްރޮގްރާމަކަށް އޭނާ ނޭރުވޭނެ ކަމަށް ހޭޔަންބޯ ޕްރޮގްްރާމަށް އޭނާ އަރުވަން ދައުވަތު ދިން ފަރާތުން ގުޅާފައި ބުނެފައިވާ ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

"އަހަރެން މާ ސިޔާސީ ވީމަ، ޕްރޮގްރާމްގެ ހެޑަކަށް ހުންނަ ފަރާތުން ހުއްދަ ނުދިން ކަމަށް އަރުވަންވެގެން ގުޅި ކުއްޖާ ބުނީ. އަދި ބުނި މިދުވަސް ކޮޅު އެއްވެސް ޕްރޮގްރާމަކަށް ނޭރޭނެއޭ. އަހަރެން އަރަންޏާ އަރަނީ ކޮންމެ ވެސް އެންޓަޓެއިނިން ޕްރޮގްރާމަކަށް. ހަމަގައިމުގެ ވެސް ޓީވީއެމްގެ އެއްވެސް ޕްރޮގްރާމެއްގައި ސިޔާސީ އެއްވެސް ވާހަކައެއް ދައްކާފައެއް ނޯންނާނެ،" ނިއުމާ ބުންޏެވެ.

ފިލްމް ދާއިރާގައި މިހާތަނަށް އެންމެ ގިނަ އެވޯޑްތައް ލިބި އަދި ގައުމީ އެވޯޑް ވެސް ދެ ފަހަރެއްގެ މަތިން ލިބިފައިވާ ނިއުމާ އަކީ މިހާރު އެމްޑީޕީގެ ސަޕޯޓަރެކެވެ. ނަމަވެސް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނިއުމާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޮވުމަށްޓަކައި ކެންޕެއިންތަކުގައި ޝޯވްތައް ހުށަހަޅައިދީފަ އެވެ.

ނިއުމާއަށް ރައީސް މުހައްމަދު ނަޝީދު ހަމަލޮލުން އެންމެ ފުރަތަމަ ފަހަރަށް ފެނިފައި ވަނީ ނަޝީދުގެ އަތްޕުޅުން އޭނާ އަށް ގައުމީ އެވޯޑް ލިބުނު ރޭ ކަމަށް ނިއުމާ ވަނީ ބުނެފަ އެވެ. އޭގެ ކުރިން އޭނާ ތާއީދު ކުރަނީ ރައީސް މައުމޫނަށް ކަމަށް އޭނާ އެރޭ ވަނީ ބުނެފަ އެވެ.