30 Aug 2013, 11:03
މިޞުރުގެ އިސްލާމީ ސަރުކާރާ ދެކޮޅަށް ޣައިރުޝަރްޢީ، ޣައިރުދުސްތޫރީ، އަދި ޣައިރުޤާނޫނީ ބަޣާވާތެއް ގެނައީ އެ ޤައުމުގެ ޢަސްކަރިއްޔާ އާއި ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ސަފުތަކުގެ މީހުން ގުޅިގެންނެވެ. މިޞުރުގެ ޢާއްމު މުސްލިމުންގެ ތެރެއިން އެތައް މިލިއަން ބަޔަކު އެނގިތިބެ އާއި ނޭނގުމުގެ ތެރޭގައި އެއުރެންނަށް އެހީތެރި ވިއެވެ. ނަމަވެސް މި ބަޣާވާތުގެ މުގުލުގައި ތިބި މައިގަނޑު އެއް ޖަމާޢަތަކީ ޞަލީބީ-ސަހްޔޫނީ އިއްތިހާދެވެ. ޞަލީބީންނޭ މި ދަންނަވަނީ ނަޞާރާ ދީނަށް ނިސްބަތް ވާ ހުޅަނގުގެ ޤައުމުތަކަށެވެ. އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ޤައުމުތަކަށެވެ. ސަހްޔޫނީންނޭ މި ދަންނަވަނީ ޔޫރަޕާއި އެމެރިކާގައި ޙަރަކާތްތެރި ވަމުންދާ ޒަޔަނިސްޓް ޔަހޫދީންގެ ކަޅުބާރުތަކާއި، އިސްރާއީލުގެ ޓެރަރިސްޓް ދައުލަތުގެ ވާހަކައެވެ. ޞަލީބީ-ސަހްޔޫނީ އިއްތިހާދުގެ ފަރާތުން، މިޞުރުގެ ބަޣާވާތުގެ ކަންކަމަށް ދޭންޖެހޭ އެހީތެރިކަމާއި މަދަދު ފޯރު ކޮށްދިނުމުގައި އިސްވެއޮތް ޤައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ.
އަލްޙާފިޡް ދުކްތޫރް މުޙައްމަދު މުރްސީގެ ސަރުކާރާ ދެކޮޅަށް މިޞުރުގެ ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ލީޑަރުންނާއި މުހައްރިކުން ގެންނާން ބޭނުން ވި ބަޣާވާތް ކާމިޔާބުކަމާ އެކު ގެނެވުނީ، ޞަލީބީންގެ ލީޑަރު އެމެރިކާގެ އެހީތެރިކަން ދެ މަގަކުން ލިބުމުންނެވެ. އެއް މަގަކީ މިޞުރުގެ ޢަސްކަރިއްޔާގެ މައްޗަށް އެމެރިކާއަށް ޒަމާނުއްސުރެ ލިބިފައި އޮންނަ ނުފޫޒެވެ. އެމެރިކާގެ އެހީތެރިކަން ލިބުނު ދެވަނަ ގޮތަކީ "ލިބަރަލް ސެކިޔުލަރިސްޓް" ސަފުތަކަށް އެމެރިކާއިން ފޯރުކޮށްދިން ސިޔާސީ މަދަދާއި، ވެދިން ފައިސާގެ އެހީއެވެ. އެމެރިކާގެ އެހީތެރިކަމާއި ތާއީދު ނުލިބުނު ނަމަ، އަދި އެމެރިކާގެ ފެހި ސިގްނަލް ނުލިބުނު ނަމަ، ބާޣީންނަކަށް ބަޣާވާތް ކުރުމުގެ ޤާބިލިއްޔަތާއި ހިތްވަރު ނުލިބުނީހެވެ.
ޢަސްކަރިއްޔާގެ ސާހިބު
މިޞުރުގެ އިސްލާމީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރުމަށް އެމެރިކާއިން އަތް ބޭނި ފުރަތަމަ ގޮތަކީ، މިޞުރުގެ ޢަސްކަރިއްޔާގެ މައްޗަށް އޮތް ނުފޫޒުގެ ބޭނުން ކޮށްގެން، އެކަމަށް ޢަސްކަރިއްޔާ މެދުވެރި ކުރުމެވެ. އަދި ބަޣާވާތާ ގުޅިގެން ޢަސްކަރިއްޔާއާ ދެކޮޅަށް އެއްވެސް ކަހަލަ ޙަޤީޤީ ޕްރެޝަރެއް ނުކުރާނޭ ކަމުގެ ޔަޤީންކަން ދިނުމެވެ.
މިޞުރުގެ ޢަސްކަރިއްޔާ އަކީ ޢަރަބި ޤައުމެއްގައި އޮތް އެންމެ ގަދަފަދަ ހަނގުރާމަވެރި ބާރެވެ. މެދުއިރުމަތީގެ ވެސް، އަދި އުތުރު އެފްރިކާގެ ވެސް ޢަރަބި އެއްވެސް ޤައުމެއްގައި މިޞުރުގައި އޮތް ފަދަ ބިޔަ، ޒަމާނީ، އަދި ވަރުގަދަ ލަޝްކަރެއް ނެތެވެ. މި ލަޝްކަރު ބިނާ ކުރުމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރު ކޮށްދިން ޤައުމަކީ އެމެރިކާއެވެ. މިޞުރުގެ ޢަސްކަރިއްޔާ ތަމްރީނު ކުރެވިފައި ވަނީ އެމެރިކާގެ ކަރިކިއުލަމާ އެއްގޮތަށެވެ. އެމެރިކާގެ މަންހަޖާ އެއްގޮތަށެވެ. އެމެރިކާގެ "ފޮތުގައި" އޮތް ގޮތަށެވެ.
މިޞުރުގެ ޢަސްކަރިއްޔާގެ ތާރީޚަށް ބަލާއިރު، އެ ޤައުމު ވަނީ ސަހްޔޫނީ އިސްރާއީލުގެ ޓެރަރިސްޓް ދައުލަތާ ދެކޮޅަށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ތިން ހަނގުރާމައެއް ކޮށްފައެވެ. މިޞުރުގެ އަމިއްލަ މައްސަލައަކާ ގުޅިގެން އިތުރު އެއް ހަނގުރާމަ ކޮށްފައެވެ. މި ދެންނެވި ހަނގުރާމަތައް ހިނގައިފައި ވަނީ 1948 ވަނަ އަހަރާއި، 1956 ވަނަ އަހަރާއި، 1967 ވަނަ އަހަރާއި، 1973 ވަނަ އަހަރުއެވެ. މި ހުރިހާ ހަނގުރާމައެއް ހިނގި އިރުވެސް، މިޞުރު އޮތީ ހުޅަނގާ ދުރުހެލި، އެއިރުގެ ރޫސީ ވިލާތުގެ އެހީ އާއި މަދަދު ލިބޭ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް 1973 ވަނަ އަހަރު މިޞުރާއި އިސްރާއީލާ ދެމެދުގައި ކުރެވުނު "ޔޮމް ކިޕޫރް" ހަނގުރާމައިގައި މިޞުރު ސިފައިން އިސްރާއީލާ ދެކޮޅަށް ދެއްކި ކުޅަދާނަކަމާއި ހިތްވަރާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް މިޞުރު ސިފައިން ހަނގުރާމަތަކެއް ކުރަމުން ގެންދާ ނަމަ، ކޮންމެވެސް ދުވަހަކުން އެ ހަނގުރާމަތައް ކާމިޔާބު ކޮށް އިސްރާއީލުގެ މައްޗަށް ގަދަ ވެގަންނާނޭކަން އެމެރިކާ އަށް ވިސްނުނެވެ. ނަތީޖާއެއްގެ ގޮތުން، އިސްރާއީލުގެ ސަލާމަތަށް ޓަކައި ރޫސީންގެ އަތުން މިޞުރު "ފިރުކައިގަނެ" މިޞުރު އޮޅުކޮށް، މައިތިރިކޮށް، އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ މުހިއްމުކަން އެމެރިކާ އަށް ވަޒަން ކުރެވުނެވެ.
އެމެރިކާގެ ފައިސާ އާއި އެހީތެރިކަމުގެ ދަޅަ ދައްކައިގެން، އެއިރު މިޞުރުގެ ރައީސްކަމުގައި ހުންނެވި އަންވަރުއް ސާދާތު "ގަނެލައި"، މިޞުރު އެމެރިކާގެ ބައިވެރިޔަކަށް ހެދީ 1973 ގެ ހަނގުރާމައަށް ފަހުގައެވެ. މި ހަނގުރާމަ އަށް ފަހު، އެމެރިކާ އިސް ވެއޮވެ މިޞުރާއި އިސްރާއީލާ ދެމެދުގައި ޞުލްހައިގެ އެއްބަސްވުމެއް ޤާއިމު ކުރުމުގެ މަސައްކަތްތައް ކުރިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި، މިޞުރުގެ ވެރިކަން ކުރާ ޖަންތާ އެމެރިކާގެ ނުފޫޒުގެ ދަށަށް ގެނެވުނެވެ. މިޞުރުގެ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކުގެ މީހުން އެމެރިކާގެ އެކުވެރީންނަށް ވެގެން ދިޔައެވެ. 1978 ވަނަ އަހަރު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި، އެމެރިކާގެ ރައީސް ޖިމީ ކާރޓަރގެ ބެއްލެވުމުގެ ދަށުން، މިޞުރާއި އިސްރާއީލް ސޮއި ކުރި ޞުލްޙައިގެ އެއްބަސްވުމަކީ އެމެރިކާގެ ޖީބަށް މިޞުރުގެ ވެރިކަމުގައި ތިބި މީހުން ފުރިހަމައަށް ވެއްޓުނުކަމުގެ ފުރިހަމަ ހެއްކެކެވެ.
1978 ގެ އެއްބަސްވުމަށް ފަހު، އިސްރާއީލަށް މިޞުރުގެ ފަރާތުން އިތުރު ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަން އެމެރިކާ އަށާއި ޞަލީބީ-ސަހްޔޫނީ އިއްތިހާދަށް ލިބުނެވެ. ނަމަވެސް ހަމައެކަނި އެއްބަސްވުމެއްގެ މައްޗަށް ބަރޯސާ ވެގެން ތިބޭކަށް އެއުރެން ބޭނުމެއް ނުވިއެވެ. އެމެރިކާއިން ގަސްތު ކުރީ ތާއަބަދަށް މިޞުރު އެމީހުންގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމަށް ޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާންށެވެ. އެގޮތުން އެމެރިކާއިން ކުރާން ނިންމީ މައިގަނޑު ދެ ކަމެކެވެ. އެއް ކަމަކީ މިޞުރުގެ ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކުގެ ބާރު އެ ޤައުމުގެ ސިޔާސީ މައިދާނުގައި ދަމަހައްޓައި، އެމީހުންނަށް ޤައުމުގެ ބާރުތައް ކަށަވަރު ކޮށްދިނުމެވެ. އިސްލާމީ ފިކުރުގެ އަދި އިސްލާމީ އުއްމަތުގެ މަޞްލަޙަތުތަކާ މެދު ވިސްނާ މީހުން މިޞުރުގެ ވެރިކަމަށް އަޔަނުދިނުމަށް ކުރެވޭން އޮތްހައި ކަމެއް ކޮށްދިނުމެވެ. ދެވަނަ ކަމަކީ މިޞުރުގެ ޢަސްކަރިއްޔާ އަކީ ވެސް ލާދީނީ ފިކުރުތަކެއްގެ މައްޗަށް ބިނާ ކުރެވިފައި އޮންނަ، އަދި "އެމެރިކަނައިޒް" ކުރެވިފައި އޮންނަ ޢަސްކަރިއްޔާއަކަށް ހެދުމެވެ. އެ ލަޝްކަރުގެ ތަމްރީނުގެ ކަންތައްތައް އެމެރިކާގެ އެހީތެރިކަމާއެކު ކުރުމާއި، އެ ލަޝްކަރު ހަތިޔާރު އެޅުވުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް އެމެރިކާއިން ކޮށްދިނުމެވެ.
އެމެރިކާގެމި ދެންނެވި ސިޔާސަތުތަކާ އެކު، މިޞުރުގެ ވެރިކަންކުރާ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކާއި ޢަސްކަރީ ޖަންތާ އަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އެހީ އޮއްސާން ފެށިއެވެ. ކޭމްޕް ޑޭވިޑް އެއްބަސްވުމާ ހަމައިން ފެށިގެން މިހާތަނަށް ވެސް މިޞުރު ހިމެނިފައި އޮތީ އިސްރާއީލު ނަގައިފައި، އެމެރިކާގެ މާލީ އެހީތެރިކަން އެންމެ ބޮޑަށް ލިބޭ ޤައުމު ކަމުގައެވެ. އެ އެއްބަސްވުމަށް ފަހު ވެއަތު ވެގެން ގޮސްފައި ވާ 35 އަހަރުގެ ތެރޭގައި، އެމެރިކާއިން މިޞުރަށް 66 ބިލިއަން ޑޮލަރުގެ އެހީ ދީފައި ވެއެވެ. އޭގެ ތެރޭގައި މިޞުރުގެ ޢަސްކަރިއްޔާއަށް 1987 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުންދާ 1.3 ބިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން އެމެރިކާއިން މިޞުރުގެ ޢަސްކަރިއްޔާއަށް ހަދިޔާ ކޮށްފައި ވާ އެންމެ ޒަމާނީ ހަތިޔާރުގެ ތެރޭގައި 1000 ޓޭންކާއި، 221 ހަނގުރާމަމަތީ މަތިންދާބޯޓު ހިމެނެއެވެ. ކޭމްޕް ޑޭވިޑް އެއްބަސްވުމާ ވިދިގެން، މިޞުރަށް އެމެރިކާގެ ޢަސްކަރީ ޙަލީފުންގެ ތެރެއިން، ނޭޓޯގައި ނުހިމެނޭ މައިގަނޑު ޙަލީފެއްގެ ދަރަޖަ ވެސް ދެވުނެވެ.
ވަރަށް ގިނަ ބަޔަކަށް ކުރެވިފައި އޮންނަ ކުށް ހީތަކާ ޚިލާފަށް، އެމެރިކާއިން މިޞުރަށް ދޭ އެތައް ބިލިއަން ޑޮލަރުގެ އެހީތަކަކީ އެއްވެސް ޙާލެއްގައި މިޞުރުގެ މުސްލިމް ރައްޔިތުން ދެކެ ލޯބިން އެމެރިކާ ދޭ އެހީއެއް ނޫނެވެ. އެ އެހީ އަކީ މިޞުރުގެ ލާދީނީ، "ލިބަރަލް ސެކިޔުލަރިސްޓް" ޒަޢާމަތާއި ރައުސުލްމާލީންނާއި އިސްރާއީލާ އެކު ގުޅުން ބާއްވާން އެއްބަސް ވި ލީޑަރުންނަށް ދެވޭ އެހީއެކެވެ. އެ އެހީގެ މުޅި މަޤްޞަދަކީ އަދި މުޅި ބޭނުމަކީ މި ދެންނެވި ޖަމާޢަތް މިޞުރުގެ ވެރިކަމުގައި ދެމެހެއްޓުމެވެ. އިސްލާމް ދީނާ ދުރުހެލި ޒަޢާމަތެއް މިޞުރުގައި ބޭއްވުމެވެ. އިސްރާއީލާ ހަނގުރާމަ ނުކުރާނޭ މިޞުރެއް އުފައްދައި ދެމެހެއްޓުމެވެ. މި ޙަޤީޤަތް އެންމެ ކުރުކޮށް ވިދާޅުވެދެއްވި އެއް ބޭފުޅަކީ އެމެރިކާގެ ސެނެޓުގެ މެންބަރު ލިންޑްސޭ އޮލިން ގްރަހަމެވެ. ޔަހޫދީ ސަހްޔޫނީންގެ ވަރަށް ބޮޑު މަދަދުގާރެއް، އަދި އިސްލާމް ދީނާ ނުހަނު ދެކޮޅު ބޭފުޅެއް ކަމަށްވާ ލިންޑްސީ ފެބުރުވަރީ 2011 ގައި ވިދާޅުވި ކަމަށް އަލްޖަޒީރާގެ މުޙައްލިލް މަރްވާން ބިޝާރާ އެސޯޝިއޭޓެޑް ޕްރެހާ ޙަވާލާ ދެއްވައި ލިޔުއްވައިފައި ވެއެވެ. "އަހަރެމެން މިޞުރަށް ކޮންމެ އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ ދެ މަޤްޞަދެއްގައެވެ. އެއް މަޤްޞަދަކީ މިޞުރު އެމެރިކާގެ ހަލީފެއްގެ ގޮތުގައި ބޭއްވުމެވެ. ދެވަނަ މަޤްޞަދަކީ އިސްރާއީލުގެ ދައުލަތް ޙިމާޔަތް ކުރުމެވެ."
1979 ވަނަ އަހަރު މިޞުރުގެ ވެރިކަމުގައި ހުންނެވި އަންވަރުއް ސާދާތަށް ފަހު ދެން ވެރިކަމަށް ވަޑައިގަތް ޙުސްނީ މުބާރަކަކީ ވެސް ހަމަ މި ޖަމާޢަތުގެ ބޭފުޅެކެވެ. އެމެރިކާއަށް ވަފާތެރި، އިސްރާއީލާ އެކުވެރި ލީޑަރެކެވެ. 2011 ވަނަ އަހަރު މުބާރަކުގެ ވެރިކަން ވައްޓައިލެވި، އިޚްވާނަށް ވެރިކަން ލިބުމަކީ އެމެރިކާއިން 1979 ވަނަ އަހަރުއްސުރެ ކޮންމެ އަހަރަކު މިޞުރަށް ދެމުން އައި އެތައް ބިލިއަން ޑޮލަރުގެ ބޮޑު އެހީގެ މުޅި މަޤްޞަދު ގެއްލުވައިލި ބަދަލެކެވެ. އެހެންކަމުން އެ ބަދަލާ މެދު އެމެރިކާއަކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވެވުނެވެ. އިޚްވާނުގެ ސަރުކާރާއި ރައީސް މުރްސީގެ ވެރިކަން ވައްޓައިލާން ކޮންމެހެން ވެސް ޖެހުނު ސަބަބަކީ މިއެވެ.
2011 ވަނަ އަހަރު މިޞުރުގެ އިސްލާމީ ސަރުކާރު އުފެދުމުން، މިޞުރަށް ދެމުން އައި އެހީތައް ހުއްޓައިލާން އެމެރިކާ ވަރަށް ސީރިއަސްކޮށް ވިސްނިއެވެ. ނަމަވެސް ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު، އެމެރިކާގެ އޮފިޝަލުން ނިންމީ މިޞުރަށް ދޭ އެހީތައް ކަނޑައިލުމުން ނިކުންނާނޭ ނަތީޖާ އަކީ، މިޞުރުގެ ޢަސްކަރިއްޔާއާ އެމެރިކާއާ ދެމެދުގައި އޮތް ގާތް ގުޅުން ނެތި، މިޞުރުގެ ޢަސްކަރިއްޔާގެ މައްޗަށް އެމެރިކާގެ ނުފޫޒު ގެއްލިގެން ދިޔުން ކަމެވެ. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އެމެރިކާގެ ޖީބުގައި މިޞުރު ބޭއްވުމަށް ޓަކައި ތިރީސް އަހަރު ވާންދެން ކުރި ހުރިހާ ޚަރަދެއް އެއީ ފޫ ނެތް ފަޔަކަށް ފުރުނު ފެންތަކެއް ކަމަށް ވެގެން ހިނގައިދާނޭ ކަމަށެވެ. އެހެންކަމުން، މުރްސީގެ ސަރުކާރު އައުމުން ވެސް، އެމެރިކާއިން މިޞުރުގެ ޢަސްކަރިއްޔާއަށް ވެދޭ އެހީތައް ކުރިޔަށް ގެންދިޔައެވެ. 2011 ވަނަ އަހަރު ވެސް، ދުނިޔޭގެ ޤައުމުތަކަށް އެމެރިކާއިން ވެދިން ޢަސްކަރީ އެހީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއް ބަޔަކީ މިޞުރަށް ވެދިން އެހީއެވެ.
ފައިސާއާއި ޢަސްކަރީ ސާމާނުގެ އެހީ ދީލަތި ގޮތެއްގައި ފޯރު ކޮށްދިނުމުގެ އިތުރުން، މިޞުރުގެ ލަޝްކަރުގެ ތަމްރީނުގެ ކަންތައްތަކުގައި ވެސް އިސް ދައުރެއް އަދާ ކުރަނީ އެމެރިކާއެވެ. ކޮންމެ އަހަރަކު ވެސް އެމެރިކާ އަށް ގޮސް، އެ ޤައުމުގެ ޢަސްކަރީ ތަޢުލީމުގެ ނިޒާމުން ތަޢުލީމާއި ތަމްރީނު ލިބިގަތުމުގެ ފުރުޞަތު މިޞުރުގެ 500 އޮފިސަރުންނަށް ދެވެއެވެ. މީގެ ތެރޭގައި ހިމެނެނީ މިޞުރުގެ ޢަސްކަރިއްޔާގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރާ އޮފިސަރުންނެވެ. ތިރީހަކަށް އަހަރު ވާންދެން މިގޮތަށް މިކަން ހިނގުމަށް ފަހު، މިއަދު މިޞުރުގެ ޢަސްކަރިއްޔާގެ އެކިވަރުވަރުގެ އޮފިސަރުންނާއި ކޮމާންޑަރުންގެ ތެރޭގައި، އެމެރިކާއިން ކިޔަވައި ތަމްރީނު ހޯދައިފައި ނެތް މީހަކު މަދެވެ. މިހާރު ޢަސްކަރިއްޔާގެ އިސް ބޭފުޅެއްގެ މަޤާމުގައި ހުންނެވި، އަދި ޖުލައި 03 ގެ ބަޣާވާތް ގެންނެވި ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީއަކީ ވެސް ޕެންސިލްވޭނިއާގައި ހުންނަ "ޔޫއެސް އާރމީ ވޯރ ކޮލެޖް" ގައި އެތައް އަހަރެއް ހޭދަ ކުރައްވައި ޢަސްކަރީ ތަޢުލީމާއި ތަމްރީނު ހޯއްދެވި ބޭފުޅެކެވެ. ހަމަ އެ ކޮލެޖުން ތަމްރީނު ހޯއްދެވި ބޭފުޅުންގެ ތެރޭގައި މިޞުރުގެ ވައިގެ ސިފައިންގެ އިސް ކޮމާންޑަރ ޖެނެރަލް ރިޒާ މަޙްމޫދު ވެސް ހިމެނިވަޑައިގަނެއެވެ. ޢަސްކަރީ ތަޢުލީމުގެ ދިގު މުއްދަތުގެ ޕްރޮގްރާމްތަކުގެ އިތުރުން، މިޞުރުގެ ޢަސްކަރިއްޔާގެ އެކި ދަރަޖަދަރަޖައިގެ އޮފިސަރުންނާއި ކޮމާންޑަރުންނާއި އާދައިގެ ސިފައިންނަށް ކޮންމެ އަހަރަކު ވެސް އެމެރިކާއިން އެތައް ޓްރޭނިންގ ޕްރޮގްރާމެއްގެ ފުރުޞަތު ލިބެއެވެ. ދޭތެރެދޭތެރެއިން މިޞުރުގައި ވެސް އެމެރިކާ ސިފައިންގެ ފައުޖުތަކާ ގުޅިގެން ޢަސްކަރީ ތަމްރީނުތަކާއި ފަރިތަކުރުންތައް ބާއްވައެވެ.
މިފަދަ ގޮތަކަށް ބިނާ ކުރެވިފައި ވާ މިޞުރުގެ ޢަސްކަރިއްޔާއަކީ ވަރަށް ބޮޑަށް "އެމެރިކަނައިޒް" ކުރެވިފައި ވާ ޢަސްކަރިއްޔާއެކެވެ. އެ ޢަސްކަރިއްޔާގެ ފިކުރަކީ ވެސް "އެމެރިކަން" ފިކުރެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިޞުރުގެ ސިފައިންގެ ހިތްތަކުގައި، ޚާއްސަކޮށް އެ ޢަސްކަރިއްޔާގެ ލީޑަރޝިޕުގެ ހިތުގައި އިސްލާމީވަންތަކަމެއް ނެތެވެ. އެމީހުންގެ އިމާމަކީ ޚާލިދު ބުނުލް ވަލީދެއް ނޫނެވެ. ޖޯރޖް ވޮޝިންގޓަނެވެ. އެ މީހުން ކިޔަވަނީ ޔަރްމޫކާއި ޤާދިސިއްޔާގެ ތާރީޚެއް ނޫނެވެ. ގެޓީސްބާރގާއި ޔޯރކްޓައުން ހަނގުރާމައިގެ ތާރީޚެވެ. އެމީހުން ހަނގުރާމަ ކުރަނީ މުސްލިމުންނާއި އިސްލާމް ދީނުގެ ދިފާޢުގައެއް ނޫނެވެ. އެމީހުން ހަނގުރާމަ ކުރަނީ މިޞުރުގެ ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ވެރިގިންތީގެ ދިފާޢުގައެވެ.
ކަން މިހެން އޮތް ނަމަވެސް، ޖެނެރަލް އައްސީސީ ފަދަ މީހުން ހަނދާން ނައްތައިލައިގެން ނުވާނޭ ކަމަކީ، ޞަލީބީންނާއި ސަހްޔޫނީން، މުސްލިމުން ކުރެ އިސްލާމް ދީނާއި އިސްލާމީ އުއްމަތަށް ޣައްދާރު ވެ އެމީހުންނާ ބައިވެރިވާ މީހުންނަށް ކޮށްދޭ ވަޢުދެއް ފުއްދަނީ ވަރަށް ވެސް މަދު ފަހަރެއްގައި ކަމެވެ. މިހާރު މިޞުރުގައި މި ހިނގާ ކަންތައްތައް ނިމި، އިޚްވާނުލް މުސްލިމޫންގެ ޤިޔާދަތު ފުނޑުފުނޑު ވެ، އެ ޖަމާޢަތުގެ މުޙައްރިކުންގެ އެތައް ހާސް ބަޔަކު މަރު ވެ، ޖަމާޢަތުގެ ޙަރަކާތް ހުއްޓިގެން ދާ ދުވަސް އަތުވެއްޖެ ނަމަ، ދެން އިންސާނީ ޙައްޤުތަކޭ، މިޞުރުގެ ސިފައިން ރައްޔިތުން މެރީއޭ ކިޔައި ޢަސްކަރިއްޔާ ކުށްވެރި ކޮށްފައި ކުއްލިޔަކަށް މިޞުރަށް ބޮން އަޅައި، ލީބިޔާ ފުނޑުނފުނޑު ކޮށްލި ގޮތަށް މިޞުރު ފުނޑުފުނޑު ކޮށްލާކަށް ވެސް އެމެރިކާ ފަހެއް ނުޖެހޭނެއެވެ. އެފަދަ ދުވަހަކުން ޞައްދާމް ޙުސައިނާއި މުޢައްމަރުލް ޤައްޛާފީ އަށްހެދި ގޮތް ޢަދުލީ މަންޞޫރާއި ޖެނެރަލް އައްސީސީ އަށް ހަދައިލާކަށް ވެސް އެމެރިކާ ފަހެއް ނުޖެހޭނެއެވެ.
އީއޯއާރް
ޢަސްކަރީ އަދި ޢަސްކަރީ ޖާސޫސީ މައިދާނުގައި މިޞުރާއި އެމެރިކާގެ ގުޅުމުގެ ވާހަކަ ދައްކާ އިރު، "އެކްސްޓްރާ އޯރޑިނަރީ ރެންޑިޝަން" ޕްރޮގްރާމް ނުވަތަ އީއޯއާރުގެ މަތީން ކޮންމެހެންވެސް ހަނދާން ކުރާން ޖެހެއެވެ. މި ޕްރޮގްރާމަކީ އެމެރިކާގެ "ހަޑި މަސައްކަތް" ކުރުމުގައި، އަދި ދީނެއް ރައްބިއެއް ރަސޫލެއް ބެލުމެއް ނެތި އެމެރިކާގެ ނުބައި ޢަމަލުތަކުގައި ބައިވެރި ވެ އެހީތެރި ވުމުގައި މިޞުރު ވެއްޓިގެން ދިޔަ ދަށު ދަރަޖަ ދައްކުވައިދޭ މިސާލެކެވެ.
"އެކްސްޓްރާ އޯރޑިނަރީ ރެންޑިޝަން" ނުވަތަ "އީއޯއާރް" ޕްރޮގްރާމަކީ އެމެރިކާގެ ސީއައިއޭއިން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގިފައި ވަނީ އެ ޤައުމުގެ އެކުވެރި އެހެން ދައުލަތްތަކާ ގުޅިގެންނެވެ. އޭގެތެރެއިން ވެސް، މި ޕްރޮގްރާމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިން ޤައުމަކީ މިޞުރެވެ. އީއޯއާރްގެ މިޞުރީ ބޮޑަކީ މަޝްހޫރު ޢުމަރު ސުލައިމާނެވެ. ޙުސްނީ މުބާރަކުގެ ވެރިކަމުގެ ދުވަސްވަރު، ޢުމަރު ސުލައިމާން އެންމެ ފުރަތަމަ ހުންނެވީ މިޞުރުގެ ވަރުގަދަ ޖާސޫސީ އިދާރާގެ ވެރިއަކަށެވެ. ސުލައިމާނަކީ ހުރިހާ މާނައެއްގައި ވެސް އެމެރިކާގެ "އަޅެކެވެ". ޖާސޫސީ އިދާރާގައި ހުންނެވި އިރުވެސް، އޭނާ ސިފަ ކުރެވެނީ ޤާހިރާގައި ހުންނަވާ "ސީއައިއޭގެ މީހާ" ގެ ގޮތުގައެވެ. ސުލައިމާނަކީ ޙުސްނީ މުބާރަކުގެ ލާދީނީ، އަދި ޚުދުމުޚުތާރު ވެރިކަމުގެ ވެސް އެންމެ އިސް އެއް ލީޑަރެވެ. މުބާރަކުގެ ސަރުކާރާ ދެކޮޅަށް މިޞުރުގެ ރައްޔިތުން، 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ތެދުވުމުން، މުބާރަކު އޭނާގެ ސަރުކާރަށް ގެންނެވި އެންމެ މުހިއްމު އެއް ބަދަލަކީ ވެސް ޤައުމުގެ ނާއިބު ރައީސްކަމުގެ މަޤާމަށް ޢުމަރު ސުލައިމާން ގެންނެވި ގެންނެވުމެވެ. މީގެ އިތުރަށް، ޢުމަރު ސުލައިމާނަކީ "ލިބަރަލް ސެކިޔުލަރިސްޓް" ސަފުތަކުގެ އެންމެ ކުރީގައި ހުންނެވި ބޭފުޅެކެވެ. ހުޅަނގަށް އަޅުކަން ކުރެއްވުމާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރެއްވުމުގައި އަރައި ހުންނެވި ބޭފުޅެކެވެ.
އީއޯއާރް ޕްރޮގްރާމަކީ ކޮބައި ބާވައޭ، މި ސުވާލު ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދިދާނެކަން ނޭނގެއެވެ. މި ޕްރޮގްރާމަކީ ޓެރަރިޒަމުގެ ތުހުމަތުގައި، ނުވަތަ ޠާލިބާނުންނާއި އަލްޤާޢިދާއާ ގުޅުން ހުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މުސްލިމުން އެމެރިކާއިން ބޭރުގެ އެކިއެކި ޤައުމުތަކުގެ ސިއްރު ޖަލުތަކުގައި ބައިތިއްބައިގެން، ސީއައިއޭގެ އޮފިސަރުންނާއި އެ ޤައުމުތަކުގެ އޮފިސަރުން ގުޅިގެން އެ ޤައިދީންނަށް އެކި ބާވަތްބާވަތުގެ ވޭންދެނިވި އަނިޔާ ކޮށްގެން، އެމީހުންގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އެމެރިކާއިން ބޭރުގައި ހިންގާން ޖެހުނީ، އެމެރިކާގެ ޖަލުތަކުގެ ސެކިޔުރިޓީ ނިޒާމު ރޭވިފައި އޮންނަ ގޮތުންނާއި، ނޫސްވެރީންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުގެ މީހުން އެ ޖަލުތަކުގެ ކަންހިނގާ ނުހިނގާ ގޮތް ބަލަމުން ދާތީ، އެމެރިކާގައި އެފަދަ ކަމެއް ކުރުމުން، އެކަން ފަޅާއެރުމުގެ ފުރުސަތު ބޮޑު ވުމުންނެވެ.
އީއޯއާރް ޕްރޮގްރާމުގެ ކަންކަމުގައި، މިޞުރުގެ ޢަސްކަރިއްޔާ އާއި ޖާސޫސީ އިދާރާ ވެގެން ދިޔައީ އެމެރިކާގެ ކަނާއަތަށެވެ. ކުރީންވެސް ދެންނެވި ފަދައިން، މި ޕްރޮގްރާމުގެ ޤާހިރާ ކޮމާންޑަރަކީ ޢުމަރު ސުލައިމާނެވެ. މި ޕްރޮގްރާމުގެ ދަށުން އެތައް ސަތޭކަ މުސްލިމުން ހައްޔަރު ކޮށް ޤާހިރާގެ ޖަލުތަކަށް ގެންގޮސް، ސީއައިއޭގެ އިރުޝާދުގެ ދަށުން، ސީއައިއޭގެ އޮފިޝަލުންނާއި މިޞުރުގެ ޢަސްކަރީ އަދި ޖާސޫސީ އިދާރާގެ އޮފިޝަލުން ވެގެން އެމީހުންނަށް ވޭންދެނިވި އަނިޔާތައް ދެވިފައި ވެއެވެ. ކަރަންޓުގައި ޖެއްސުމާއި، ކުރިމަތިފަރާތަށާއި ފުރަގަސް ފަރާތަށް ނަރު ފަދަ ތަކެތި ކޮއްޕުމާއި، މޫނުގައި ފޮތި ބަނދެފައި އަނގަޔާއި ނޭފަތަށް ފެން އެޅުމާއި، ނިދިން މަޙުރޫމު ކުރުމާއި، މަދިރި އާއި ކުރައްޕާއި މީދާ ފަދަ ތަކެތީގެ ހާލިތަކުގައި އެތައް ދުވަހަކާއި ރެއެއް ހޭދަ ކުރާން ޖެއްސުމާއި، ރޭޕް ކުރުމާއި، ތަޅައި އަނިޔާ ކުރުން ފަދަ ވަޙުޝީ އެތައް އަނިޔާތަކެކެވެ. ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާތަކެކެވެ. މި އަނިޔާތައް އުފުލި އެތައް މުސްލިމުންނެއް އެމީހުންގެ ވާހަކަތައް ކިޔައިދީފައި ވެއެވެ.
އޭގެ ތެރެއިން އެކަކީ މިޞުރު ދަރިކޮޅުގެ އޮސްޓްރޭލިޔާ ރައްޔިތެއް ކަމަށް ވާ މަމްދޫޙް ޙަބީބެވެ. ތިން އަހަރު ވާންދެން އެމެރިކާގެ ހައްޔަރުގައި ހުރި މަމްދޫޙް، އީއޯއާރް ޕްރޮގްރާމުގެ ދަށުން ޤާހިރާގެ ޖަލެއްގައި ފަސް މަސް ދުވަސް ހޭދަ ކުރިއެވެ. އެ ފަސް މަސް ދުވަހުގެ ތެރޭގައި ސީއައިއޭގެ އޮފިޝަލުންނާއި މިޞުރުގެ ޖާސޫސީ އިދާރާގެ އޮފިޝަލުން ގުޅިގެން، ޢުމަރު ސުލައިމާނުގެ ބެލުމުގެ ދަށުން، މަމްދޫޙަށް ކުރި އަނިޔާތަކުގެ ވާހަކައަކީ އާދައިގެ ހިތެއްގެ ވެރި އިންސާނަކަށް އަހާން ކެތް ނުކުރެވޭ ފަދަ ބިރުވެރި، ހިތާމަވެރި ވާހަކަތަކެކެވެ. އެ ވާހަކަތައް އަޑު އެހި މުސްލިމަކަށް، ޒަމާނެއްގެ ކޮޅުން ވެސް ޞަލީބީ އެމެރިކާ އާއި، އެމީހުންނަށް އަޅުކަން ކުރާ "ލިބަރަލް ސެކިޔުލަރިސްޓް" ޣައްދާރުންނަށް މަޢާފު ނުކުރެވޭ ފަދަ ވާހަކަތަކެކެވެ. މި އަނިޔާއިން މަމްދޫޙް ސަލާމަތް ވީ އެމެރިކާގެ ނޫސްވެރިއަކަށް މަމްދޫޙާ ބެހޭ މަޢުލޫމާތު އިއްތިފާޤަކުން ލިބި، އޭނާގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރުމާ ގުޅިގެންނެވެ. މަމްދޫޙަށް "ޓެރަރިޒަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތް" ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ފަހުން އެއްބަސް ވިއެވެ. 2008 ވަނަ އަހަރު މަމްދޫޙް ވަނީ "މައި ސްޓޯރީ: ދަ ޓޭލް އޮފް އަ ޓެރަރިސްޓް ހޫ ވޮޒްންޓް" މި ނަމުގައި އޭނާގެ އަމިއްލަ ހަޔާތުނާމާއެއް ލިޔެފައެވެ.
އީއޯއާރް ޕްރޮގްރާމުގެ ހިތިރަހަށް ދުށް އެތައް ސަތޭކަ މީހުންގެ ތެރެއިން، އެންމެ މަޝްހޫރު އެކަކީ ލީބިޔާގެ ރައްޔިތެއް ކަމަށްވާ އިބްނުއްޝައިޚް އައްލީބީއެވެ. 2003 ވަނަ އަހަރު އެމެރިކާއިން ޢިރާޤަށް އަރައިގަތުމަށް ޓަކައި، ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިނުގެ ސަރުކާރާއި އަލްޤާޢިދާއާ ގުޅުން އޮންނަ ކަމަށާއި އަލްޤާޢިދާގެ ޓެރަރިސްޓުންނަށް ޢިރާޤުގައި ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ދެވޭ ކަމުގެ ހެކީގެ ގޮތުގައި އދ. އަށް ހުށަހެޅި އެންމެ މުހިއްމު ހެއްކަކީ އީއޯއާރްގެ ދަށުން، އައްލީބީއަށް އެތައް ދުވަހެއް ވާންދެން އަނިޔާ ކޮށްގެން، ގަދަކަމުން އޭނާގެ އަތުން ހޯދި ދޮގުހެއްކެވެ. މިކަން ހިނގި ގޮތް ވެސް ފަޅާއެރީ މާ ފަހުންނެވެ.
އައްލީބީ ހައްޔަރު ކޮށްގެން ފުރަތަމަ އޭނާއާ ސުވާލު ކޮށް ތަޙްޤީޤު ކުރީ އަފްޣާނިސްތާނުގެ ބަގްރާމުގައި، އެމެރިކާގެ އެފްބީއައިއިންނެވެ. އެއަށްފަހު އޭނާ ވެސް ސީއައިއޭގެ ބެލުމުގެ ދަށަށް ބަދަލު ކުރެވުނެވެ. ސީއައިއޭގެ ބެލުމުގެ ދަށުން، އޭނާ އެންމެ ފުރަތަމަ ގެންދެވުނީ ގަލްފުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހެއް ކަމަށް ވާ "ބަތާން" އަށެވެ. ބަތާނުން އޭނާ ގެންދެވުނީ އީއޯއާރް ޤައިދީއެއްގެ ގޮތުގައި މިޞުރަށެވެ. ޤާހިރާގެ ޖަލެއްގައި އެތައް މަސް ދުވަހެއް ވާންދެން އޭނާ ހުއްޓެވެ. މި މުއްދަތުގެ ތެރޭގައި، ސީއައިއޭގެ ޖައްލާދުންނާއި މިޞުރުގެ ޖާސޫސީ އިދާރާގެ ޖައްލާދުން ގުޅިގެން އޭނާއަށް ވެސް މަމްދޫޙް ޙަބީބަށް ދިން ފަދަ އެތައް އަނިޔާއެއް ދިނެވެ. މި އަނިޔާގެ ވޭންތަކަށް ކެތް ނުކުރެވިގެން، އެންމެ ފަހުން އައްލީބީ އެމެރިކާ ބޭނުންވި ގޮތަށް ބަޔާންތައް ދިނެވެ. ޢިރާޤުގެ ސަރުކާރާއި އަލްޤާއިދާއާ ގުޅުން އޮންނަ ކަމަށާއި، އަލްޤާޢިދާގެ ދެ އޮޕަރެޓިވުންނަށް ޢިރާޤުން ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ދެވިފައި ވާ ކަމަށް ބުނެއެވެ. މި ދޮގުހެކި ލީބީގެ އަތުން ހޯދުމަށް ފަހު، ވަރަށް ސިއްރުވެރި ގޮތެއްގައި އައްލީބީ ފޮނުވައިލެވުނީ ލީބިޔާގެ ޖަލަކަށެވެ. އޭނާގެ ޙަޤީޤީ ވާހަކަ ހާމަވެގެން ދިޔައީ 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، ލީބިޔާގެ ޖަލެއްގެ ގޯތިތެރޭގައި އޭނާ ހުއްޓައި، ހިޔުމަން ރައިޓްސް ވޮޗް ޖަމްއިއްޔާގެ ދިރާސާ ކުރާ މެންބަރަކަށް އޭނާ ފެނި، އެއީ ކާކުކަން އެނގުމުންނެވެ. އައްލީބީގެ ވާހަކަ ޢާއްމު ވެ، އޭނާއާ ބެހޭ ޙަޤީޤަތް ހާމަވިތާ ދެ ހަފުތާއެއްހައި ދުވަސް ފަހުން، އެ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ލީބިޔާ ސަރުކާރުން އިޢުލާން ކުރީ އައްލީބީ "އަމިއްލަޔަށް މަރު ވެއްޖެ" ކަމަށެވެ.
މި ދެންނެވީ މިޞުރުގެ ޢަސްކަރިއްޔާ އާއި ޖާސޫސީ އިދާރާ އެމެރިކާއާ ގުޅިފައި އޮތް މިންވަރެވެ. މިޞުރުގެ އިސްލާމީ ސަރުކާރު ވައްޓައިލުމުގައި އެމެރިކާ ވަނީ މި ނުފޫޒުގެ ބޭނުން ކޮށްފައެވެ. ރައީސް މުރްސީގެ "ޑިމޮކްރެޓިކް" ސަރުކާރު ފުނޑުފުނޑު ކޮށްލައި، "ޑިމޮކްރެޓިކް" ސަރުކާރު އަނބުރައި ރުޖޫޢަ ކުރާން ގޮވައިލައި ނުކުތް އެތައް ހާސް ރައްޔިތުންނެއް ކަތިލުމުގެ ހިތްވަރު ކުރާން މިޞުރުގެ ޢަސްކަރީ ބާރުތަކަށް ކެރުނީ، އެކަމަށް އެމެރިކާގެ މޭންޑޭޓެއް ލިބިފައި އޮތީމައެވެ. އެހެންނޫންނަމަ، ބައިނަލްއަޤްވާމީ މުޖުތަމަޢު ބަލާން އޮއްވައި އެފަދަ ޖަރީމާތަކެއް ހިންގާކަށް ޖެނެރަލް އައްސީސީ އާއި، މިޞުރުގައި ތިބި އިސްލާމް ދީނުގެ ޢަދުއްވުންނަކަށް ނުކެރުނީހެވެ.
ބާޣީ ފައިސާ
ރައީސް މުރްސީގެ އިސްލާމީ ސަރުކާރު ވައްޓައިލުމަށް ޓަކައި އެމެރިކާ މަސައްކަތް ކޮށްފައި ވަނީ މިޞުރުގެ ޢަސްކަރިއްޔާ އާއި ފުލުހުންނާއި ޖާސޫސީ އިދާރާގެ މައްޗަށް އެކުލެވޭ "ސަލާމަތީ ބާރުތަކުގެ" މައްޗަށް އެމެރިކާ އަށް އޮތް ނުފޫޒުގެ ބޭނުން ކޮށްގެން އެކަންޏެއް ނޫނެވެ. އޭގެ އިތުރަށް، އެމެރިކާ ވަނީ މިޞުރުގެ ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކަށް މުރްސީގެ ސަރުކާރާ ދެކޮޅަށް ޙަރަކާތްތައް ހިންގުމަށް ޓަކައި އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ފޯރު ކޮށްދީފައެވެ. މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އިސްލާމް ދީން ނައްތައިލުމުގެ ސިއްރު ޕްރޮގްރާމެއް ހިފައިގެން ނިކުމެ ތިބި ޖަމާޢަތެއްގެ މީހުންނަށް އިނގިރޭސި ވިލާތާއި ޑެންމާރކް ފަދަ ޤައުމުތަކުން އެހީ ފޯރުކޮށްދޭ ބީދައިންނެވެ.
މިޞުރުގައި ބަޣާވާތް ގެނައި ލާދީނީ ޖަމާޢަތްތަކަށް އެމެރިކާގެ މާލީ އެހީތެރިކަން ފޯރު ކޮށްދީފައި ވާ ގޮތާ ބެހޭ ތަފްސީލީ ރިޕޯޓެއް، 10 ޖުލައި 2013 ގައި އަލްޖަޒީރާ އޮންލައިނުގައި ޝާއިޢު ކުރެވިފައި ވެއެވެ. ތަޙްޤީޤީ ނޫސްވެރިޔާ ޢިމާދު މައްކީ ލިޔުއްވައިފައި ވާ މި ރިޕޯޓާ އެކު، އެ ރިޕޯޓުގައި ވާ މަޢުލޫމާތު ނެގިފައި ވާ އަޞްލު ލިޔުންތައް ވެސް ޝާއިޢު ކުރެވިފައި ވެއެވެ. މި ލިޔެކިޔުންތައް ހޯދިފައި ވަނީ ވަނީ ޔުނިވަރސިޓީ އޮފް ކެލިފޯރނިއާ، ބާރކްލޭގެ ތަޙްޤީޤީ ނޫސްވެރިކަމުގެ މަޝްރޫޢުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރީންގެ މަސައްކަތުންނެވެ.
ޚުދުމުޚްތާރު ރައީސް ޙުސްނީ މުބާރަކުގެ ވެރިކަން ވެއްޓި، އިޚްވާނުލް މުސްލިމޫންގެ އަތްމައްޗަށް ވެރިކަން އައުމުގެ ކޮޅުމަތި ފެނުނީއްސުރެ، އެމެރިކާއިން އައީ މިޞުރުގެ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކާއި މުހައްރިކުންނަށް ފައިސާ ދެމުންނެވެ. ޢިމާދު މައްކީގެ ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތުގައި، މެދުއިރުމަތީގައި ޑިމޮކްރަސީ ކުރިއެރުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅައިފައި އޮތް ބަޖެޓަކުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް، މުރްސީގެ އިސްލާމީ ސަރުކާރާ ދެކޮޅު، ލާދީނީ ފަރާތްތަކަށް ހޭދަ ކުރެވިފައި ވެއެވެ. މި ދެންނެވި ޑިމޮކްރަސީ ކުރިއެރުވުމުގެ ޕްރޮގްރާމަށް އެމެރިކާގެ އޮފިޝަލުން ބޭނުން ކުރެއްވި ނަމަކީ "ޑިމޮކްރަސީ އެސިސްޓެންސް އިނީޝިއޭޓިވް" މިއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ "ޢަރަބި ބަހާރު" ގެ ފަހުން ޢަރަބި ޤައުމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރޭގައި، އިސްލާމީ ފިކުރުގެ ޕާޓީތަކާ ދެކޮޅު ޙަރަކާތްތަކަށާއި، އިސްލާމް ދީނާ ދެކޮޅު ލާދީނީ ބާރުތަކަށާއި ޙަރަކާތްތަކަށާއި މުޙައްރިކުންނަށް އެހީތެރި ވެދިނުމެވެ. އިންޤިލާބު އަންނަ ޤައުމުތަކުގައި އަލަށް ޤާއިމު ކުރެވޭ ސިޔާސީ ނިޒާމުތަކަކީ އިސްލާމް ދީނާ ދެކޮޅު، "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކުގެ އަތްމަތީގައި އޮންނަ ނިޒާމުތަކަކަށް ހެދުމެވެ. ދަށުން ދެވޭ އެހީތައް ދެވިފައި ވަނީ އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ތަފާތު އެތައް އޭޖެންސީއެއް މެދުވެރިކޮށް ދެވެއެވެ. އޭގެ ތެރޭގައި "މިޑްލްއީސްޓް ޕާރޓްނަރޝިޕް އިނީޝިއޭޓިވް" (މެޕީ) އާއި "ނެޝަނަލް އެންޑޯވމަންޓް ފޯރ ޑިމޮކްރަސީ" (ނެޑް) ހިމެނެއެވެ.
އެމެރިކާގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އެހީ ލިބުނު ފަރާތްތަކުގެ ތެރޭގައި މިޞުރުގެ "ލިބަރަލް ސެކިޔުލަރިސްޓް" ސިޔާސީ ޕާޓީތަކުގެ އިތުރުން، ފަރުދީ މުޙައްރިކުންގެ އެތައް ބަޔަކު ހިމެނުނެވެ. ތިރީގައި މި ދަންނަވާލަނީ އޭގެ ތެރެއިން ބައެއް މީހުންގެ ވާހަކައެވެ.
އެމެރިކާގެ "ބާޣީ ފައިސާ" ގެ އެންމެ ބޮޑު ޢަދަދެއް ލިބުނު ފަރާތަކީ ރައީސް މުރްސީގެ އިސްލާމީ ސަރުކާރާ ދެކޮޅަށް، ލާދީނީ ޢަލްމާނީ ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި "ދަ ސެލްވޭޝަން ފްރަންޓް" އިއްތިޙާދެވެ. "ތަމައްރުދް" ޙަރަކާތް އުފައްދުމުގައި އިސް ދައުރެއް އަދާ ކޮށް، އެ ޙަރަކާތަށް މަގު ދައްކައި، ސިޔާސީ ތާއީދު ފޯރު ކޮށްދީ، އަދި މުރްސީގެ ސަރުކާރާ ދެކޮޅަށް އެތައް މުޒާހަރާއެއް ކުރުމުގައި އިސްކޮށް އޮތް ފަރާތަކީ ސެލްވޭޝަން ފްރަންޓެވެ. ސެލްވޭޝަން ފްރަންޓުގެ ލީޑަރުންގެ ތެރޭގައި ހަމްދީން ޞަބާޙީ އާއި މުޙައްމަދުލް ބަރާދަޢީ ހިމެނިވަޑައިގަތެވެ. މީގެ ތެރެއިން ޞަބާޙީ އަކީ 2011 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް މުރްސީއާ ވާދަ ކުރައްވައި ބަލި ވެވަޑައިގަތް ބޭފުޅެކެވެ. މުހައްމަދުލް ބަރާދަޢީ އަކީ ސެލްވޭޝަން ފްރަންޓުގެ އިސް ތަރުޖަމާނެވެ. ސެލްވޭޝަން ފްރަންޓަށް އެމެރިކާއިން ދިން ފައިސާގެ ޖުމުލަ ޢަދަދު އެނގިފައި ނެތް ނަމަވެސް، އެ ޢަދަދު ގުނޭނީ އެތައް ސަތޭކަ މިލިއަން ޑޮލަރަކުން ކަން ޔަޤީން ކުރެވެއެވެ.
ރައީސް މުރްސީގެ ސަރުކާރާ ދެކޮޅަށް ތެދު ވި މުހައްރިކުންގެ އެތައް ފަރުދުންނަކަށް ވެސް ކުދި އަދި ބޮޑެތި މާލީ އެހީތައް އެމެރިކާއިން ފޯރު ކޮށްދީފައި ވާ ކަން، ޔޫސީ ބާރކްލޭގެ ނޫސްވެރީން ހޯދި ލިޔުންތަކުން އެނގެއެވެ.
އޭގެ ތެރެއިން އެކަކީ ކުރީން މިޞުރުގެ ފުލުހުންގެ މަތީ މަޤާމެއްގައި މަސައްކަތް ކުރުމަށް ފަހު، އަމިއްލަޔަށް އެމެރިކާއަށް އަރުވައިލެވިގެން އުޅޭ ކާނަލް ޢުމަރު ޢަފީފީ ސުލައިމާނެވެ. މީނާ އަމިއްލަޔަށް އެމެރިކާ އަށް އަރުވައިލެވިގެން އުޅެނީ، ޤާހިރާގައި ހުންނަ ސަޢޫދީ އެމްބަސީ އާއި އިސްރާއީލުގެ އެމްބަސީގެ ކައިރީގައި ހަމަނުޖެހުން އުފައްދާން ކުރި މަސައްކަތްތަކަކާ ގުޅިގެން، ޤާހިރާގެ ކޯޓަކުން އޭނާގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކުރުމާ ވިދިގެންނެވެ. އެމެރިކާގައި ހުރެގެން، ރައީސް މުރްސީ އާއި އެމަނިކުފާނުގެ އިސްލާމީ ސަރުކާރާ ދެކޮޅަށް ލާދީނީ ޢިލްމާނީން އެކަތިގަނޑަކަށް ވެގެން ތެދުވާން ގޮވައިލައި، އިސްލާމީ ސަރުކާރާ ދެކޮޅަށް ޕްރޮޕެގެންޑާ ފަތުރައި، އަދި އެ ސަރުކާރާ ދެކޮޅަށް ހަރުކަށިކަމާއި ބާރުގެ ބޭނުން ކުރާން ޖެހޭ ކަމަށް ވަކާލާތު ކޮށް ސޯޝަލް މީޑިއާގައި ފިތުނަ އުފެއްދުމުގައި މީނާ އަކީ އަރައިހުރި ބޮޑެކެވެ. ހާމަވި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެމެރިކާ ސަރުކާރުން ވަނީ ނެޑް މެދުވެރިކޮށް، މީނާއަށް އެކަނި އެއްލައްކަ ޑޮލަރަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާ ދީފައެވެ.
މިފަދަ އަނެއް މީހަކީ ނެޑް މެދުވެރިކޮށް، 2011 ވަނަ އަހަރުގެ ތެރޭގައި ހަތްދިހަ ފަސް ހާސް ޑޮލަރުގެ އެހީ ލިބުނު މީހެއް ކަމަށްވާ އިސްރާ ޢަބްދުލްފައްތާޙެވެ. މިޞުރުގެ ލާދީނީ ޙަރަކާތުގެ އެންމެ އިސް އެއް މުޙައްރިކެއްގެ ގޮތުގައި އިސްރާ މަޝްހޫރު ވެގެން ދިޔައީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހު، މުރްސީގެ ސަރުކާރުގެ ބާރު އެޅުމާ އެކު، މިޞުރުގައި އިސްލާމީ ފިކުރު ވަރަށް ބޮޑަށް އެކުލެވިފައި އޮތް ޤާނޫނުއަސާސީއެއް ފާސް ކުރުމުގެ މަސައްކަތް ފެށުމުންނެވެ. މި ޤާނޫނުއަސާސީއާ ދެކޮޅަށް އޭނާ ވަނީ ވަރުގަދަ ކެމްޕޭނެއް ހިންގައިފައެވެ. އެ ކެމްޕޭނުގެ ތެރޭގައި "ލިބަރަލް ސެކިޔުލަރިސްޓް ވިސްނުމުގެ އެންމެން މަގުތަކަށް ނުކުމެ މިސްކިތްތައް ހިސާރު ކުރާށޭ" ގޮވައިފައި ވެއެވެ. މީގެ އިތުރުން، އިސްރާ ވަނީ "ޤާނޫނުއަސާސީ އަށް ތާއީދު ކުރާ އިސްލާމީ މުއްލާއިންނާއި، މިސްކިތްތަކުގައި ދަރުސް ދޭން އަރައި ތިބޭ މީހުން އެތަންތަނުން ދަމާކޫއްތައި ނެރެ، މަގުތަކަށް އުކައިލާން" ވެސް ގޮވައިލައިފައެވެ. މި ގޮވައިލުންތަކާ ގުޅިގެން، މިޞުރުގައި މިސްކިތްތަކަށް ޙަމަލަ ދިނުން ޢާއްމު ވެގެން ދިޔައެވެ. އެ ޙަމަލަތަކުން މިސްކިތްތައް ދިފާޢު ކުރުމުގައި އެތައް ބަޔަކު މަރު ވެފައި ވެސް ވެއެވެ. މިފަދަ ޙާދިސާތަކުގެ ވީޑިއޯ އާއި ރިޕޯޓްތައް "ވީޑިއޯޔައުމް7" ފަދަ އެތައް ވެބްސައިޓެއްގައި ޝާއިޢު ކޮށްފައި އެހެރީއެވެ. މި ވާހަކައެއް އެއްވެސް ބަޔަކު ނުދައްކައެވެ. ހުޅަނގުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކަކަށް މި ވާހަކަތަކެއް ނާރައެވެ. އެކަމަކު ކޮން ބައެއްކަން ނޭނގޭ ބަޔަކު ނަޞާރާ ފައްޅިއަކަށް ޙަމަލާ ދީފި ކޮންމެ ފަހަރަކު، މިޞުރުގެ ލާދީނީ މީހުންގެ މީޑިއާ އައުޓްލެޓްތަކާއި ހުޅަނގުގެ މީޑިއާގެ މޫނުމަތީ ސަފުހާތަކުގައި، އިޚްވާނުލް މުސްލިމޫންގެ ބޮލުގައި ތުހުމަތު އަޅުވައި، އެ ވާހަކަ ދަނީ ލިޔަމުންނެވެ.
މި އަސްރާ ޢަބްދުލްފައްތާޙަކީ މުޙައްމަދުލް ބަރާދަޢީގެ "އައްދުސްތޫރް" ޕާޓީގެ އިސް މުޙައްރިކެކެވެ. އޭގެ އިތުރަށް، އޭނާގެ މަސައްކަތްތައް ކުރުމަށް ޓަކައި "އިޖިޕްޝަން ޑިމޮކްރެޓިކް އެކަޑަމީ" ގެ ނަމުގައި ޖަމްޢިއްޔާއެއް ވެސް ހަދައިފައި ވެއެވެ. މިއީ ދިވެހިރާއްޖޭގައި ހަދައިގެން އުޅޭ "ޓްރާންސްޕޭރެންސީ މޯލްޑިވްސް" ފަދަ ޖަމާޢަތެކެވެ. ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި، ފަސާދަ ހުއްޓުވުމުގެ ނަމުގައި، އަދި ރަނގަޅު ހެޔޮ ވެރިކަމެއްގެ ވާހަކަ ދެއްކުމުގެ ނަމުގައި މިފަދަ ޖަމާޢަތްތައް ހަދައިގެން އުޅޭ މި މީސްމީހުންނަކީ ޙަޤީޤަތުގައި ހެޔޮ ވެރިކަމާއި ރައްޔިތުންގެ މަޞްލަޙަތުތަކާ މެދު އެއްވެސް ވިސްނުމެއް ހުރި ބައެއް ނޫނެވެ. އެމީހުންގެ ބޭނުމަކީ މިފަދަ ވާހަކަތައް ދައްކައިގެން ރައްޔިތުން ހައްލައިލައި، މުޖުތަމަޢުގައި ބާރާއި މަޤާމު ހޯދައިގެން، އެ ބާރާއި މަޤާމުގެ އެހީގައި އިސްލާމް ދީނާ ދެކޮޅަށް ދާއިމީ ހަނގުރާމައެއް ކުރުމެވެ. ލާދީނީ، ޢަލްމާނީ ފަރާތްތަކުގެ ބާރު އިސްލާމީ ދައުލަތްތަކުގައި ފެތުރުމެވެ. މި ކަހަލަ ކޮންމެ ޖަމާޢަތެއް ވެސް ޙަރަކާތްތެރި ވަމުން ދަނީ ހުޅަނގުގެ ތާއީދާއި މާލީ އެހީތެރިކަމާ އެކުގައެވެ.
މީގެ އިތުރުން ވެސް، މިޞުރުގެ "ރިފޯރމް އެންޑް ޑިވެލޮޕްމަންޓް ޕާރޓީ" ގެ ލީޑަރު މުޙައްމަދު ޢިޞްމަތުއް ސާދާތާއި، މުބާރަކުގެ އަރިސް ބޭފުޅެއް ކަމަށްވާ ސާދިން އިބްރާހީމް ފަދަ އެތައް ބަޔަކަށް މި އެހީތެރިކަން ލިބިފައި ވެއެވެ. މީގެ ތެރެއިން މުޙައްމަދު ޢިޞްމަތުއް ސާދާތަކީ، ރައީސް މުރްސީއާ ދެކޮޅަށް މި އަހަރުގެ ޖޫން 30 ގައި ބޭއްވި މިލިއަން މުޒާހިރާގެ "އިންތިޒާމު ކޮމިޓީ" ގެ މެންބަރެކެވެ.
މި ދެންނެވި އެންމެންނަކީ ވެސް މިޞުރުގެ "ހޮނޑައިދޫ ރާ ޕާޓީތަކުން" ފެންނަ މީހުންނެވެ. އިސްލާމް ދީނާ އެއްގޮތަށް ޤައުމުގެ ކަންކަން ބައްޓަން ކޮށް ހިންގާން މަސައްކަތް ކުރާ ކޮންމެ މީހަކަށް ފުރައްސާރަ ކޮށް، މަލާމާތް ކުރަމުންދާ މީހުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި "ޕިއްލޭތައް" މިޞުރަށް ގެންގޮސްގެން، އެމީހުން ލައްވައި އިސްލާމީ ޝަރީޢަތަށް ފުރައްސާރަ ކުރުވާ މީހުންނެވެ. އިތުރު ނަބިއްޔާއަށް ޞަލަވާތް ކިޔެވުމަށް އިންކާރު ކުރާ މީހުންނެވެ. އިތުރު އެކަލޭގެފާނަށް ފުރައްސާރަ ކުރާ މީހުންނެވެ. އިސްލާމީ ޝަރީޢަތާ ދުރަށް މިޞުރުގެ ތަޢުލީމީ ނިޒާމު ގެންދާން ރާވައި، އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހުންނެވެ. ކީރިތި ޤުރްއާނާއި ސުންނަތް ފިޔަވައި، އެހެން އޯލްޓަރނޭޓިވެއް ހޯދާން ހުޅަނގުގެ އެހީތެރިކަމާ އެކު ރެއެއް ދުވާލެއް ނުބަލައި އުޅޭ މީހުންނެވެ.
ރައީސް މުރްސީގެ އިސްލާމީ ސަރުކާރާ ދެކޮޅަށް ހިންގި ޙަރަކާތުގައި މިޞުރުގެ ފަސް މިލިއަން ޤިބްޠީ ނަޞާރާއިންގެ ވެސް ވަރަށް ބޮޑު ދައުރެއް އޮތެވެ. ބަޣާވާތަށް ޓަކައި އެމެރިކާގެ ފައިސާގެ އެހީތެރިކަން ލިބުނު މީހުންގެ ތެރޭގައި ވެސް ޤިބްޠީ ނަޞާރާއިންގެ ބޮޑެތި ލީޑަރުންނާއި މަހުޖަނުންގެ އެތައް ބަޔަކު ހިމެނެއެވެ. އޭގެ ތެރޭގައި މައިކަލް މިޔުނިއަރ އާއި، ނަޖީބް ސަވިރިސް އާއި، ޠާރިޤް ޙައްޖީ އާއި، ޞަލާޙް ދިއާބާއި، އުސާމާ ޣަޒާލީ ޙަރްބް ހިމެނެއެވެ. މީގެ ތެރެއިން މައިކަލް މިޔުނިއަރ އަކީ "އަލްޙަޔާ" ޕާޓީގެ ލީޑަރެވެ. އޭނާ އަކީ އެމެރިކާގެ ވެސް ރައްޔިތެކެވެ. ޓީވީ ޕްރޮގްރާމްތަކަށް އަރައި ރައީސް މުރްސީއާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމުގައި އޭނާއަކީ ވަރަށް އިސް ދައުރެއް އަދާ ކުރި މީހެކެވެ. އޭނާގެ ވާހަކައިގައި ތަކުރާރުކޮށް، މަގުމައްޗަށް ނުކުމެ މުރްސީގެ ސަރުކާރު ވައްޓައިލާން ގޮވައިލަމުން ގެންގޮސްފައި ވެއެވެ. 2011 ވަނަ އަހަރުގެ ތެރޭގައި މީނާއަށް އެކަނިވެސް އަށްލައްކަ ހަތްދިހަ ހާސް ޑޮލަރަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާ އެމެރިކާއިން ދީފައި ވެއެވެ.
ނަފްރަތުގެ ޙައްދެއް ނެތް
ކޮންމެއަކަސް، މި ދެންނެވި ފަދަ އެތައް ހެކިތަކަކުން ސާބިތު ވާ ގޮތުގައި، އިސްލާމީ ވެރިކަމެއް މިޞުރުގައި ޤާއިމު ވުމުން އެ ވެރިކަން ވައްޓައިލީ އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. ޞަލީބީ-ސަހްޔޫނީ އިއްތިހާދުގެ މޯރަލް ސަޕޯޓާ އެކުގައެވެ. ބަޣާވާތް ކުރީ މިޞުރުގެ ލާދީނީ ޢަސްކަރިއްޔާ އާއި، "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކުގެ މީހުންނެވެ. އެމީހުންގެ ފަހަތުގައި މިޞުރުގެ މުސްލިމުންގެ ތެރެއިން އެތައް މިލިއަން ބަޔަކު ތިބި ކަމީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ އިސްލާމީ ދުނިޔޭގެ ޙާލަތު މިހާރު އޮތްގޮތުން، ޚުދު މުސްލިމުންނަށް ވަނީ އިސްލާމް ދީނުގެ ޢަދާވާތްތެރީން ވަކިކުރާން ނޭނގިފައެވެ. އިސްލާމްކަމުގެ ދޮގުވެރި މޫނު ދައްކައިގެން ތިބެ، ދީން ނެތިކޮށްލާން އުޅޭ މީހުންނަކީ ކޮބައިކަން ދެނެގަންނާން ނޭނގިފައެވެ. ޚުދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް ކަން އޮތީ މިހެން ނޫންތޯއެވެ.
ބަޣާވާތަށް ފަހު މިޞުރުގެ ލޮބުވެތި މުސްލިމުން ކަތިލައި، އެމީހުންގެ ލެއިން މިޞުރުގެ ބިން ރަތް ކުރަމުން އެ ގެންދަނީ ވެސް މި ދެންނެވި ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" އިއްތިހާދާއި ޢަސްކަރީ ޖަންތާގެ ލީޑަރުންނެވެ. ހަމަ އެއްކަލަ އެމެރިކާ އާއި ޔޫރަޕުގެ ތާއީދާ އެކުގައެވެ. ޞަލީބީ-ސަހްޔޫނީ އިއްތިހާދުގެ ސިއްރު ހިތްވަރުދިނުމާ އެކުގައެވެ. މުސްލިމުން ކަތިލާން ވީމާ، އިންސާނީ ޙައްޤުތަކެއް ވެސް ނޯވެއެވެ. ޓެރަރިޒަމުގެ ވާހަކައެއް ވެސް ނޯވެއެވެ.
މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައި ވަނީ ބާޣީންގެ ރަޙުމެއް ނެތް ޙަމަލާތަކުގައި މިޞުރުގެ އިސްލާމީ ޙަރަކާތުގެ ފަސްހާހެއްހައި މެންބަރުން ޝަހީދު ކޮށްލިތަނެވެ. ވަކިވެގެން އެދިޔަ މުސްލިމުންނަށް ޓަކައި އަޅުގަނޑުމެންގެ ލޯތަކުން އޮހޮރުނު ކަރުނަ ނުހިކެނީސް، އެ ލޮބުވެތި އަޚުންނާއި އުޚުތުންނަކީ "ޓެރަރިސްޓުން" ކަމަށާއި، އެއީ "ޙައްދުފަހަނައެޅީން" ކަމަށާއި، އެއީ "ތަހުޒީބު ނުވާ މީހުން" ކަމަށާއި، އެއީ "މުއްލާއިން" ކަމަށް ބުނެ ފުރައްސާރަ ވެސް އެތިބަގެން ކުރަނީއެވެ. އެމީހުންނަށް އެވީ ހަމަ ވާންވީ ގޮތް ކަމަށާއި، ސިފައިންގެ ފައުޖުތައް ފެނުމުން ދުވެ ފިލި ނަމަ، ދުނިޔޭގައި ތިބެވުނީސް ނޫންހޭ ބުނެ ޖެއްސުން ވެސް އެތިބަގެން ކުރަނީއެވެ. އެއްވެސް އިންސާނިއްޔަތުކަމެއް ނެތިއެވެ.
މިކަންކަމާ މެދު ވިސްނައި ފިކުރު ކުރުމުން، އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހޭ ހިތި ޙަޤީޤަތެއް ފެނިގެން ދެއެވެ. އިތުރު އެތައް ސަތޭކަ މުސްލިމުންގެ ލޭ މިޞުރުގެ މަގުތަކަށާއި މައިދާންތަކަށް އޮހޮރިގެން ދިޔަޔަސް ޞަލީބީ-ސަހްޔޫނީ އިއްތިހާދުގެ ލީޑަރުންނާއި، މިޞުރުގެ ލާދީނީ "ލިބަރަލް ސެކިޔުލަރިސްޓް" ޖަމާޢަތްތަކުގެ މީހުންގެ ހިތްތަކަކަށް ފިނިކަމެއް ނުލިބޭނެއެވެ. މުސްލިމުންގެ ލޭގެ ސައިލުތަކުގެ ސަބަބުން ނީލަކޯރުގެ ފެންގަނޑު ރަތް ވެގެން ދިޔަޔަސް، އެއުރެންގެ ހިތްތަކަށް ހަމްދަރުދީގެ އެއްވެސް ޝުޢޫރެއް ނުވަންނާނެއެވެ. އެ ލޭގެ ސައިލުތައް ބޮއި ހުސް ކޮށްލައިގެން ވެސް، މުސްލިމުންގެ ލެޔަށް އެމީހުން ބޮވައިގެންފައި ތިބި ބޮވައިގަތުމުގެ އަލާއެއް ނުމެކެނޑޭނެމެއެވެ. އެއުރެންގެ ހިތްތަކުގައި އިސްލާމް ދީނާއި މުސްލިމުންނާ މެދު އޮންނަނީ އެއަށްވުރެ މާ ވަރުގަދަ ޙަސަދަ އަކާއި ރުޅިވެރިކަމަކާއި ނަފްރަތެކެވެ.