30 Aug 2013, 00:55
ގައުމީ ޔުނިވާސިޓީގެ މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކޯސްތައް ނިމި ދަރިވަރުންނަށް މިރޭ ދަސްވެނިވުމުގެ ސަނަދު ދީފި އެވެ.
މިރޭ ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ހަފްލާގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީ އާއި ހަމައަށް އެކިއެކި ދާއިރާއިން ޖުމްލަ 360 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ. އެއީ 250 އަންހެން ދަރިވަރުންނާއި 104 ފިރިހެން ދަރިވަރުންނެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިގްރީ އާއި އެގެ މަތީގެ ޑިގްރި ހާސިލް ކުރި 79 ދަރިވަރުން ހިމެނެއެވެ.
ގައުމީ ޔުނިވާސިޓީއިން މިއަހަރު ހިންގި ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ އާއި ހަމައަށް 281 ދަރިވަރުން ވަނީ ދަސްވެނިވެފައިވެ އެވެ.
ގައުމީ ޔުނިވާސިޓީ އިން ހިންގި ކޯސްތަކުގެ ތެރެއިން ޑިޕްލޮމާ އާއި ބެޗްލާޒް ޑިގްރީ ފެންވަރުގެ 44 ކޯސް ހިންގައިފައިވެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑު ޓޫރިޒަމް ސްޓަޑީޒް އިން ހިންގާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަކަށް ދެވޭ "ޝަހީދު އިބްރާހިމް ހުސައިން އެވޯޑް" ބެޗްލާ އޮފް ސައިންސް އިން ކަލިނަރީ އާރޓްސް މެނެޖްމެންޓް ކޯހުގެ ދަރިވަރު ފާތިމަތު ހައިފާ، ޝެހެނާޒް/ ކ.ތުލުސްދޫ އަށް ލިބިފަ އެވެ.
ދަސްވެނިވުމުގެ އެ ޖަލްސާގައި ޝަރަފްވެރި މެހެމާނު އާދަމް އަބްދުއް ރަހްމާން ވިދާޅުވީ ދަރިވަރުންނަށް މިއަދު ލިބުން ސަނަދާ އެކު އެ ދަރިވަރުންނަށް އެ ކުދިންގެ މަންޒިލް ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ޝަރުތު ތަކަކާއި އެއްކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މަސައްކަތުގައި ފަރުވާތެރިކަމާ ވަފާތެރިކަމާ އިހްލާސްތެރި ވާންވާނެ ކަމަށާއި އަދި އެންމެ ބޮޑަށް ކެތްތެރިވާންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.