30 Aug 2013, 00:13
ޖޭއެސްސީގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅުއްވާފައި ވަނީ މީގެ ކުރިން އާދަމް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ހުށަހެޅުއްވި އެ ކޮމިޝަންގެ މެމްބަރު ޝުއައިބު އަބްދުއްރަހްމާންނެވެ.
ޝުއައިބު "ސަން"އަށް ވިދާޅުވީ އާދަމް މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުއްވީ އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އެ ކޮމިޝަނަށް އެޖެންޑާނުކޮށްދެއްވުމުން ކަމަށެވެ. އަދި އާދަމް މުހައްމަދުގެ އެ އަމަލީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފް މައްސަލައެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރަކަށް ވީމަ ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާއިރު އެ މިންގަނޑާ ހިލާފަށް ކަމެއް ކުރެއްވި ކަމަށް އަޅުގަނޑަށް ތުހުމަތުކުރެވޭތީ އެމައްސަލަ ހުށަހެޅީ،" ޝުއައިބު ވިދާޅުވި އެވެ.
ޖޭއެސްސީގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުމުން އެކޮމިޝަންގެ ރަޢީސް އާދަމް މުހައްމަދު ވަނީ އެ މައްސަލަ އެޖެންޑާކޮށްދެއްވެން ނެތް ކަމަށް ވިދާޅުވެ ޝުއައިބަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާ އާއި ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާއާ ހިލާފު ކަމަކަށް ވާތީ ޝުއައިބު ހުށަހެޅުއްވި އެ މައްސަލަ އެޖެންޑާކޮށްދެއްވެން ނެތް ކަމަށެވެ.
މީގެ އިތުރުން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސަކު ހަމަޖެއްސުމަށް ފަހު، އެއްވެސް ސަބަބަކާ ހެދި ކޮމިޝަންގެ ރައީސް ކަމުގެ މަގާމްގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަކީ ކޮމިޝަންގެ މެންބަރުންނަށް ލިބިދީފައިވާ ބާރެއް ނޫންކަން ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށް އެސިޓީގައި އާދަމް މުހައްމަދު ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީއަށް އާދަމް މުހައްމަދު ހުށަހެޅުއްވި އެމައްސަލަ އެޖެންޑާ ނުކޮށްދިން މައްސަލަ އޭނާ ވަނީ އެންޓިކޮރަޕްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ހުށަހަޅައިފަ އެވެ.
އެއަށްފަހު ޖޭއެސްސީގެ ރައީސް ވަނީ ޝުއައިބު ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ގާނޫނީ އިމުގެ ތެރެއިން އޭނާއާ މެދު ފިޔަވަޅު އަޅައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށާއި އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.