20 Nov 2010, 06:32
ތ. ގުރައިދޫން މާލެ އަށް ދަތުރުކުރި ބޯޓެއް 70 މީހުންނާއެކު ފަރަކަށް އަރަފި އެވެ.
ގައުމީ ދިފާއީ ބާރުގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ގުރައިދޫން ފުރައިގެން ދަތުރުކުރާ ބޯޓު ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 7:30 ގައި ކަމަށާއި ބޯޓުގައި ތިބި 70 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ބޯޓުގައި 17 ކުޑަކުދިން އެބަތިބި ކަމަށް ވެސް އެމްއެންޑީއެފްން ބުންޏެވެ.
"އެ ހަބަރު ލިބުމާއެކު ކޯސްޓްގާޑުން ހެނދުނު ވަނީ އެ ސަރަހައްދަށް ދަތުރު ކުރަން ފަށާފައި، މިހާރު ކޯސްޓްގާޑުން އެ ބޯޓާ ކައިރި ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ބޯޓު އުރިފައި ވަނީ މ. ރާބަނޑޭރިހުރާގެ ފަޅު ރަށަށެވެ.
ލެފްޓިނެޓް އަބްދުﷲ އަލީ ވިދާޅުވީ ބޯޓަށް ލިބިފައިވާ ގެއްލުންތަކާއި ފަރަށް އެރި ސަބަބު އަދި ނޭނގޭ ކަމަށާއި މިހާރު އެކަންކަން ސާފު ކުރަމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބޯޓު ފަރަށް އަރާފައި ވަނީ އެހެން މީހަކާ ހުންގާނު ހަވާލު ކުރުމަށްފަހު ކެޕްޓަން ނިދާފައި އޮއްވަ އެވެ.
ފަރަށް އަރާފައި ވަނީ ކޮން ރަށެއްގެ ބޯޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.