29 Aug 2013, 23:12
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭ 39 ދުވަހުގެ ތެރެއިން، މަސައްކަތެއް ނެތިގެން 19 ދުވަހު މަޖިލީހުގެ ޖަލްސާ ނުބާއްވައި ދެ ވަނަ ދައުރުގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ. އެއް މަހުގެ ޗުއްޓީއަކަށް ފަހު މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ފަށާނީ އޮކްޓޯބަރު މަހު އެވެ.
މަޖިލީހުގެ ދެ ވަނަ ދައުރު ޖޫން މަހުން ފެށިގެން މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދިޔަ އިރު، ޖަލްސާ ބާއްވަން ޖެހޭ 39 ދުވަހުގެ ތެރެއިން މަޖިލީހުގެ ޖަލްސާ ބޭއްވި އެންމެ 20 ދުވަހު އެވެ. ރަސްމީ ބަންދު ދުވަހެއް ފިޔަވައި ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހެއްގައި ޖަލްސާ ބާއްވަންޖެހޭ އިރު، މި މަހު ޖަލްސާ ބާއްވާފައި ވަނީ ހަފްތާ އަކު އެއްފަހަރު އެވެ. މި މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންމެ ހަތަރު ޖަލްސާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު މިއަދު ނިންމާލީ ފަސް ބިލެއް މަޖިލީހުން ފާސް ކުރުމަށް ފަހުގަ އެވެ. އެގޮތުން އާބިޓްރޭޝަންގެ ބިލާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައި ބިލުގެ އިތުރުން އާއިލާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.