29 Aug 2013, 23:01
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް އަޑުއަހަން ވަޑައިގެންނެވި ގާނޫނީ ވަކީލަކު ނޯޓް ފޮތުގައި ޝަރީއަތުގެ މަޖިލީހުގެ ސްކެޗެއް ކުރެއްސެވުމުން 5،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ގާނޫނީ ވަކީލު މުހައްމަދު ޝަފާޒް ވަޖީހު ޖޫރިމަނާކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަހްމަދު ޒަނީން އާދަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް އަޑުއަހަން ވަޑައިގެން ނޯޓް ފޮތުގައި ޝަރީއަތުގެ މަޖިލީހުގެ ސްކެޗެއް ކުރެއްސެވުމުން ނެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޝަފާޒު ވަޖީހު ވިދާޅުވީ އޭނާ ޖޫރިމަނާ ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ޝަރީއަތުގެ މަޖިލީސް އަޑުއަހަން އިންނަވައި ފަނޑިޔާރުންނާއި ވަކީލުން ހިމެނޭ ގޮތަށް އެ މަޖިލިސް ތެރޭގައި ހުރި ބައެއް ތަކެތީގެ ސްކެޗެއް ކުރެހުމުން އެ ކަމަކީ ޝަރީއަތުގެ ނިޒާމާ ޚިލާފު އަމަލެއް ހިންގި ކަމަށް ކަނޑައެޅުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަދަބު ދީފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް ކޯޓުގެ އިޒުނަ ނެތި ޝަރީއަތުގެ މަޖިލީހުން ނިކުމެ ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅޭނެ ކަމަށެވެ.
އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
ޝަރީއަތުގެ މަޖިލީހުގެ ސްކެޗް ކުރެހީ ޝަރީއަތުގެ މަޖިލީހަށް ވަންނަ މީހުން ބޭނުންކުރުމަށް ޚާއްސަ ކޮށްފައި ހުންނަ ނޯޓް ފޮތަކާއި ފަންސުރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަން ކުރުމަކީ މަނާކަމެއް ކަން އަންގައިދޭ ލިޔުމެއް އެތަނުގައި ނެތްކަމަށާއި އެފަދަ އިރުޝާދެއް ވެސް ކޯޓުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވްސް ބާ އެސޯސިއޭޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ސްކެޗެއް ކުރަހައިގެން ވަކީލަކު ޖޫރިމަނާ ކުރުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަދަބަކީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާ އަށް ނުފެތޭ ކަމަކާ ގުޅިގެން ދީފައިވާ އަދަބެއް ކަމަށާއި އެފަދައިން ސްކެޗުތައް ކުރެހުމަކީ ރާއްޖެން ބޭރުގެ ކޯޓުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން އެދިން އަދަބަކީ އެއްވެސް މަގުސަދެއް ހާސިލްވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މަސްލަހަތު ގެއްލުން ނޫންކަމެއް ނުވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.