29 Aug 2013, 21:31
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އެ ގައުމުން ބޭރުކޮށްފައިވާ ފަލަސްތީނުގެ ހަތަރު ރެފިއުޖީން ބޭނުންވި ގޮތަށް ސުވިޑްން އަށް ފޮނުވައިލައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީރިޔާގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ސުވާލު އުފެދޭފަދަ ޓްރެވަލް ޑޮކިޔުމަންޓުތަކެއް ހިފައިގެން ދުބާއީ މަގުން މި މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ އައި ހަތަރު މީހުންގެ އެ އާއިލާއިން ސުވިޑްންއަށް ފުރާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
އެ ހަތަރު މީހުންނަކީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީސް ފޯ ފަލަސްތީން ރެފިއުޖީސްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަން ފޯ ރެފިއުޖީސް (ޔޫއެންއެޗްއާރުސީ) އިން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެމީހުން ސުވިޑްން އަށް ފޮނުވާލުމުގައި އެ ޖަމިއްޔާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނުގެ އެ ހަތަރު މީހުންނަކީ ރެފިއުޖީ އާއިލާއަކަށް އުފަން ބައެއް ކަމަށާއި އެ މީހުން ދިރިއުޅެމުން ގެންދިޔައީ ސީރިޔާގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެ މީހުން ސީރިއާ ދޫކޮށް ސުއިޑްންއަށް ދާން ބޭނުންވީ ސީރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެ މީހުން ސީރިޔާއިން ބޭރުކޮށްލުމާ ގުޅިގެންނެވެ.
ފަލަސްތީނުން ރާއްޖެ އައި އެ އާއިލާއިން ބޭނުންވި ގޮތަށް އެމީހުން ސުވިޑްން އަށް ދެވެން ދެން ދިވެހި ސަރުކާރުގެ ވަނީ އެ މީހުންނަށް ބޯހިޔާވަހިކަންދީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.