ކ. މާފުށީގަ އާއި އެ އަތޮޅު ގުރައިދޫގައި މިއަދު ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު މާފުއްޓަށް ވަޑައިގެން ޕީޕީއެމްގެ ޖަގަހަ ހުޅުވައިދެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ޖަގަހަ ހުޅުވާދެއްވުމަށް ފަހު ޔާމީން ވަނީ އެ ޕާޓީގެ މެނިފެސްޓޯގައިވާ ކަންތައް ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން މަސްވެރިނަށް މަސް ނުބޭނޭ ދުވަސްތަކުގައި ފައިސާ ލިބޭނެ ނިޒާމް ގާއިމުކުރައްވާނެ ވާހަކައާއި ހަމަ އެފަދައިން އެފަދަ ނިޒާމެއްގެ ތެރެއިން ސިއްހީ ނިޒާމެއް ގާއިމުކުރައްވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޔާމީންއާ އެއްފަދަ ގާބިލް ބޭފުޅެއް ނެތް ކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަނުން އުފެދޭ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީސްކޫލް ގާއިމްކޮށްދެއްވާނެ ކަމަށް ވެފައިވާ ވައުދު ތަކުރާރުކުރެއްވި އެވެ.

ގުރައިދޫގެ ޖަގަހަ ހުޅުވުމަށް ފަހު ޔާމީން ދެއްކެވި ވާހަކަފުޅުގައި ގުރައިދޫގެ ބަނދަރު ހަލާކުވެ ގޮސްފައިވާތީ އެކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. މިއަދު ގުރައިދޫގައި ބޭއްވި ރަސްމިޔާތުގައި ވަނީ ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމިން އާއި ނައިބު ރައީސް އަހްމަދު ލިއުޝާން އަދި އަހްމަދު ރިޔާޒް އާއި ކ. ގުރައިދޫ ދާއިރާ އަތޮޅު ކައުންސިލް މެންބަރު އިބްރާހިމް ޝަލީޒް ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވާފަ އެވެ. އެ މެންބަރުން ކުރިން ތިއްބެވީ ގައުމީ އިއްތިހާދު ޕާޓީގަ އެވެ.