29 Aug 2013, 20:03
އޮޅުވާލައިގެން ކ. ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށް ދިން ދިން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.
~
މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ފުށިދިއްގަރުފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ދިން ކަމަށް ބުނާ މައްސަލައާ އެނާއާ ގުޅުން އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ނައިބު ލީޑަރުގެ ކަމުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ގާނޫނާ ހިލާފުކަމެއް ކޮށްފާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"ސަރުކާރާއި ޔާމިނާއި ހުރި ގުޅުމަކީ ކޮބައިތޯ. މިހާރު އަދީބަކީ ރައީސް ވަހީދުގެ މިނިސްޓަރެއް އަޅުގަނޑުމެން ޕާޓީގެ ފަރާތުން ފޮނުވާފައި ހުރި. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން އަދީބު ގާނޫނާ ހިލާފު ކަމެއް ކޮށްފާނެ ކަމަކަށް. އަދީބު އިހްތިޔާރެއް ނެތް ކަމެއްގައި އެގްރިމެންޓެއްގައި ސޮއިކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މީގައި އޮންނާނީ ދެ ގޮތް މި ކަހަލަ ކަންތައް ކުރުމުގައި. އެއްގޮތަކީ ގާނޫނާ އެއްގޮތަށް ކުރުން. ސަރުކާރެއް މިއީ. މިނިސްޓަރުން ޒިންމާދާރުވާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށް. އެހެންވީމާ މީގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ގޯހެއް އުޅެންޏާ އަދީބު އަށް ނަސޭހަތްތެރިވެފައި ނޫނީ އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވަންވީ،" ޔާމިން ވިދާޅިވި އެވެ.
އޮޅުވާލައިގެން ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދީފައި ވަނީ ޔާމީން އަޑީގައި ހުންނަވައިގެން ކަމަށް ޕީޕީއެމްގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވަމުން ގެންދަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަޑައިގަތުމަށް ޔާމީން ވަނީ އުމަރަށް ގޮވާލައްވާފަ އެވެ.
"މިކަން ކޮށްފައި އޮތީ ނުރަނގަޅަށް ކަމަށްވަންޏާ އުމަރު ނަސީރު ވަޑައިގަންނަވަންވީ އެންޓި ކޮރަޕްޝަން ކޮމިޝަނަކަށް ނޫންތޯ. ދެން މި ކަމުގެ ތެރެއަށް ޔާމީން ގެނައުމުގެ ބޭނުމެއް ނެތް ދެއް ތޯ؟ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތެރެއަށް ޔާމީން ގެނައިހެން މީގެ ތެރެއަށް ޔާމިން ގެންނަވަނީ ދެއްތޯ؟ އަޅުގަނޑަށް އެއީ ތާކުން ތާކުން ޖެހޭ ވާހަކައަކަށް ނުވާތީ އެ ވާހަކަ ނުދައްކަން މި އުޅެނީ. އުމަރު ނަސީރު [އެ މައްސަލަ އާއި ޔާމިން އާ] ގުޅުވާން އެ އުޅޭ ގުޅުން ސަލާމަތު ބުއްދި ހުރި މީހަކަށް ނުވިސްނޭނެ،" ޔާމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް މިހާރު ތާއިދު ކުރައްވާ އުމަރު އިއްޔެ ވިދާޅުވީ ފުށި ދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް އޮޅުވާލައިގެން 50 އަހަރަށް ކުއްޔަށްދީފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ކަމަށެވެ.
އެ ފަޅު ކުއްޔަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކެބިނެޓްގެ މަޝްވަރާ އާއި ހުއްދަ ނެތި އަދި ބަންޑާރަ ނައިބުގެ ލަފަޔަކާ ވެސް ނުލައި މި މަހުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގަނޑު ވަގުތު ޓްރޭޑާސް ހޮޓަލުގެ ކޮޓަރިއެއްގެ ތެރޭގައި އޮތް އެކަހެރި ބައްދަލުވުމެއްގަ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫއަރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިތުރުން ބޭރު ކުންފުނިން ކަމަށް އުމަރު ތުހުމަތު ކުރައްވާފައިވެ އެވެ.