29 Aug 2013, 18:57
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް ސުޕްރީމް ކޯޓަށް ދައުވާކޮށްފައި ވަނީ ވަހުމްތަކެއްގެ މައްޗަށް ކަމަށް އެ ކޮމިޝަންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އިލެކްޝަނާ ދެކޮޅަށް ދައުވާ ޒަނީން ދައުވާ އިއްވުމުން ސުއޫދު ވިދާޅުވީ އެ ދައުވާކޮށްފައި ވަނީ ހެއްކެއްގެ މައްޗަށް ބިނާކުރުމެއް ނެތި ހަމައެކަނި ހިތުގައި އުފެދިފައިވާ ވަހުމްތަކެއްގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ސޮއިކޮށް ތަތްގަނޑު ޖަހައި އެ ލިސްޓުގެ ކޮޕީއެއް ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކަށް ދިނުމަށް ލާޒިމް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށް ދައުވާގައި އެދިފައިވާއިރު ވޯޓުލުމަށް ރަޖިސްޓްރީ ކުރި ލިސްޓުގެ ކޮޕީއެއް ކޮންމެ ކެންޑިޑޭޓަކަށް ފޮނުވާފައިވާ ކަމަށެވެ.
އެ ލިސްޓް އެކުލަވާލައި އާންމުކޮށްފައި ވަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި ހުރިހާ ކެންޑިޑޭޓުންނަށް އެ ލިސްޓުގެ ކޮޕީ ފޯރުކޮށްދީފައި ވާތީ އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީގެ 236 ވަނަ މާއްދާ އާއި 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ އެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ޒަނީންގެ ދައުވާގައި އެދިފައިވާއިރު ގާނޫނު އަސާސީގެ އެ ދެ މާއްދާގައި އެފަދައިން ބުނެފައި ނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ އެމްޑީޕީގެ ގާނޫނީ ވަކީލު އިބްރާހީމް ރިފްއަތު ވިދާޅުވީ އިންތިޚާބާ ބެހޭ ވަކި ކަންތައްތަކެއް ކުރުމަށް ގާނޫނުތަކުގައި ޑެޑްލައިންތަކެއް ދީފައިވާ ކަމަށާއި އެހެން ކަމުން ދައުވާގައި އެދިފައިވާ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިނަމަ ގާނޫނުގައި ބުނާގޮތަށް ކަންތައްތައް ނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ދައުވާއެއް ހުށަހަޅުއްވާއިރު މަދަނީ މިންގަނޑުން ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެ މިންވަރަށް ޒަނީން ހެކި ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކަކީ ސަލާމަތީ ބާރުތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންނެވި އެވެ.
މައްސަލަ ހުށަހެޅުއްވި ޒަނީން ވަނީ އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީގެ ވާހަކަތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި ދައުވާ ސާބިތު ކުރުމަށްޓަކާ ކަމާ ގުޅޭ ލިޔުންތަކެއް ޒަނީން ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.
ޒަނީން ވިދާޅުވީ ހެންވޭރު ގެއެއްގައި އޭނާގެ ނަން ރަޖިސްޓްރީ ކޮށްފައި ވަނިކޮށް މީގެ ހަތަރު އަހަރު ކުރިން އޭނާ ގަލޮޅު މާލޭހިޔާއަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޗެކްކުރި އިރު ހެންވޭރުގައި ހުރި ވޯޓު ފޮއްޓަކަށް އޭނާ ވޯޓުލާ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައި އޮތްތޯ ޗެކްކުރުމަކީ ރައްޔިތުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓުގައި އެންމެންގެ ނަންތައް ހިމެނުކަމީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ވޯޓު ނުލެވޭގޮތް މެދުވެރިވެއްޖެ މީހަކު ލައްކަ ރުފިޔާ ހަރަދުކުރުމަށް ފަހު ކޯޓަށް ދާންޖެހޭ ކަމަށާއި އެއީ ފައިސާ ހޯދުމަށް ވަކީލުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.
ޒަނީންގެ ގާނޫނީ ވަކީލު އަބްދުލް ހަންނާނު އަހްމަދު ވިދާޅުވީ ޝަކުވާ ހުށަހަޅަންޖެހޭ މުއްދަތު ހަމަވި ފަހުން މާލޭގެ ހެންވޭރަށް ނިސްބަތްވާ މީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައި އޮތްތަން ޗެކްކުރި އިރު އެއްވެސް ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށާއި ނަމަވެސް ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ވޯޓު ލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުނެ އިލެކްޝަނުން އޭނާ އަށް ޖަވާބު ދީފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކަކީ ސަލާމަތީ ބާރުތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ވިދާޅުވެ އެމްޑީޕީން ދެއްކި ވާހަކަށް ޒަނީން ވަނީ ރައްދު ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ސަލާމަތީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށް ދައުވާގައި ފާހަގަކޮށްފައި ވަނީ އިންތިޚާބު ތެރޭގައި އުފެދިދާނެ ބޮޑު ހަމަނުޖެހުމަކުން ރައްކާތެރިވެ ތިބުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ މައްޗަށް އެފަދަ އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި އިލެކްޝަންސްގެ މަސްއޫލިއްޔަތުގެ ތެރެއަށް ސަލާމަތީ ބާރުތަކުން އަތްފޯރު ވެވޭނެ ގޮތަށް ހެދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުނު ކަމަށް ވިޔަސް އެމްޑީޕީން ބުނާފަދައިން ސަލާމަތީ ބާރުތަކުން އިންތިޚާބުގެ ކަންތައްތަކާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ޒަނީން ވިދާޅުވި އެވެ.