ގެދޮރު އިމާރާތްކުރައްވާ ފަރާތްތަކަށް ހާއްސަ ލޯނެއް "ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ލޯން"ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ މާކެޓިން ޑިރެކްޓަރު ރިއްފުއަތު މުހައްމަދު ވިދާޅުވީ ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ އެ ލޯނު 50،000 ރުފިޔާ އިން ފެށިގެން ފަސް މިލިއަން ރުފިޔާ އާ ހަމައަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެލޯނަކީ 15 އަހަރުގެ ތެރޭގައި ދައްކާ ގޮތަށް 11.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު ދޫކުރާ ލޯނެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެލޯނު ނަގާ އިރު އެއްވެސް ޑިޕޮސިޓެއް ބަހައްޓަން ނުޖެހޭ ކަމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ގެއެއް އިމާރާތްކުރަން ވިޔަސް އެ ލޯނު ދޭނެ ކަމަށެވެ. އަދި އެ ލޯނު ނަގާ ފަރާތަކުން އިމާރާތަށް ހަރަދުކުރަން ޖެހޭނީ 20 ޕަސެންޓް ކަމަށާއި ބާކީ 80 ޕަސެންޓް ހަރަދުކުރާނީ އެ ލޯނުތެރެއިން ބޭންކުން ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ބީއެމްއެލް އިން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލޯނެއް މިއަދު ތައާރަފްކޮށްފައިވާ އިރު މީގެ ކުރިން ވެސް އެ ބޭންކުން ވަނީ ތަފާތު ލޯނުތަކެއް ތައާރަފްކޮށްފަ އެވެ.