29 Aug 2013, 18:11
ކ. ހިންމަފުށީ ސްކޫލްގެ ދަރިވަރުންތަކެއް ގެންގުޅުނު ނޯޓް ފޮތެއްގައި އަތްލައިގެން، އެލާޖްޖިކްވެފައި ވާތީ އެފޮތް ބޭނުން ކުރާ ފަރާތްތަކުން އެކަމުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ.
ހެލްތު ޕްރޮޓެންޝަން އެ މައްސަލަ އާއްމުންގެ ސަމާލު ގެނެސް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހިންމަފުށީ ސްކޫލްގެ ގްރޭޑް 5ގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ގެންގުޅުނު ނޯޓު ފޮތެއްގެ ބަނޑޭރިގަނޑުގެ ތެރެއިން ނުކުތް "ޖެލީ"ކަހަލަ ދިޔައެއް އެ ކްލާހުގެ ކުދިންތަކެއްގެ އަތުގައި ޖެހި އަތް ހިރުވާ، ތަދުވެ އެލާޖިކް ވެފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އެ ކްލާހުގެ އަށް ދަރިވަރަކަށް ދިމާވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ޓްރާންސްޕޭރަންޓް ބަނޑޭރިގަނޑެއް ލާފައިވާ އެ ފޮތް ބޭނުންކޮށްގެން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގާތްގަނޑަކަށް ހަތް އިންޗި ހުންނަވަރުގެ އެ ނޯޓު ފޮތް އިއްޔެ ހިންމަފުށީ ސްލޫލްގައި ހުޅުވި ދަރިވަރުން އެލާޖިކްވުމާ ގުޅިގެން އެރަށު ސިއްހީ މަރުކަޒުން ވަނީ ފަރުވާދީފަ އެވެ. އަދި އެކުދިންގެ ތެރެއިން ދެ އަންހެން ކުއްޖަކު ހާލުދެރަވެގެން އިތުފަރުވާ އަށް އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.