ރިޔާސީ އިންތިހާބާ ދިމާކޮށް، ރިޔާސީ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ބެލެވިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިލްތިމާސްކޮށްފި އެވެ.

އޭސީސީން އެގޮތަށް އިލްތިމާސް ކުރީ މިއަދު އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަނާނުގައި ކެންޑިޑޭޓުން، ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެހީތެރިވެދިނުމާ ގުޅޭ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހަނދާންކޮށްދީފައިވެ އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ކުރަމުންދާ ބައެއް ކަންތައްތަކުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ތުހުމަތު ކުރެވޭ މައްސަލަތައް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފިނަމަ މިހާރު ކޮމިޝަނުން ބަލާނެ ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އިންތިހާބާ ދިމާކޮށް ދެމުންދާ އެހީތަކަކީ ރިޝްވަތުގެ ގޮތުގައި ބެލިދާނެ ތިން ގާނޫނެއްގެ މާއްދާތައް އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ގަވާއިދާ ހަވާލާދީ ބައެއް މާއްދާތަކަށް ވެސް ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އާއި ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ)ގައި ކެންޑިޑޭޓުން ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން އެހީތެރިވެދިނުން ނުހިމެނޭ ކަމަށާއި އެފަދަ ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށްވެރިވާނެ ކަމެއް ކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ)ގެ 14 ވަނަ ނަންބަރުގައި ވަކި މީހަކަށް ވޯޓުލުމަށް ނުވަޔަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެންނުވާނެ ކަމަށާއި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ވާ ގޮތަށް އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ގުޅިގެން ވަކި ފަރާތަކަށް ފަސޭހައެއް ނުވަތަ ހެވެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށް އެ މީހަކު އަމިއްލައަށް ނުވަތަ އެހެން މީހެއްގެ މެދުވެރިކޮށް ނުވަތަ އެހެން މީހެއްގެ ފަރާތުން ރިޝްވަތު ދިނުމާއި ދިނުމަށް ހުށަހެޅުމާއި ދިނުމަށް އެއްބަސްވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ މާއްދާ ވެސް އެ ކޮމިޝަންގެ ބަޔާނުގައި ހިމަނާފައިވެ އެވެ.

ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ރިޝްވަތުގެ ގޮތުގައި ބެލިދާނެ ކަންތައްތައް އޭސީސީން ތަހުގީގު ކުރަމުންދާއިރު އިންތިހާބަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް ގާސިމް ވިދާޅުވެފައި ވަނީ "ވިދާޅުވިއްޔާ ވިދާޅުވި ހުރިހާ އެއްޗެއް ދިނުމަށް ނިންމާފައިވާ" ކަމަށެވެ. އެގޮތުން ސްމާޓް ބޯޑާއި އެލްއީޑީ ޓީވީ އާއި އެޗްޑީ/ތްރީޑީ ޓީވީ އާއި ލެޕްޓޮޕާއި ކޮމްޕިއުޓާ ސިސްޓަމް ވެސް ބަހަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން ވަނީ މ. މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.