29 Aug 2013, 16:52
ރިޔާޟް (އޮގަސްޓް 29): ގެވެށި އަނިޔާކުރުން މަނާކުރާ ޤާނޫނެއް ސަޢޫދީ އަރަބިޔާގައި ފުރަތަމަ ފަހަރަށް ފާސްކޮށްފި އެވެ.
ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން މިޤާނޫނުގެ ދަށުން ގޭގައި ވެސް އަދި މަސައްކަތްކުރާ ތަންތަނުގައި ވެސް އެއްވެސް މީހަކާ ދެކޮޅަށް ޖިސްމާނީ ގޮތުންނާ އަދި ނަފްސާނީ ގޮތުން ވެސް އަނިޔާކުރުން މަނާކުރެ އެވެ. ގެވެށި އަނިޔާގައި މިޤާނޫނު، އަންހެނުންނާއި ފިރިހެނުންނާ ކުޑަކުދިން ވެސް ތަފާތެއް ނުކުރެ އެވެ. މިއީ ގެވެށި އަނިޔާއާ ދެކޮޅަށް ސައޫދީ އަރަބިޔާގައި ފާސްކުރި ފުރަތަމަ ޤާނޫނެވެ. ސައޫދީ އަރބިޔާއަކީ ރައްޔިތުންގެ ވެރިކަމެއްގެ ބަދަލުގައި ޢާއިލީ ވިރާސީ ރަސްކަމެއް ކުރާ ގައުމަކަށް ވާތީ އެގައުމުގެ ޤާނޫނު ހަދަނީ ވެސް، ޤާނޫނު ތަސްދީޤު ކުރަނީ ވެސް އަދި ޤާނޫނު ތަންފީޒު ކުރަނީ ވެސް ސަރުކާރުންނެވެ.
އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ސައޫދީ ޖަމާއަތްތަކުންނާއި އަންހެނުންގެ ޙައްޤުތަކަށް ވާކާލާތުކުރާ ސައޫދީ އަންހެން އެކްޓިވިސްޓުން ވަނީ މިޤާނޫނަށް މަރްޙަބާ ކިޔައި މިއީ ސައޫދީ އަރަބިޔާގައި ގެވެށި އަނިޔާ ތަޙައްމަލްކުރާ އަންހެނުންނަށް އިންސާފު ހޯދުމަށް ހުޅުވުނު ވަރަށްބޮޑު ދޮރެއް ކަމަށް ސިފަކޮށްފަ އެވެ. ނަމަވެސް ސައޫދީ އަރަބިޔާ ފަދަ ޤަބީލާތަކުގެ (ޤަބަލީ) އާދަކާދަތައް އޮންނަ މުޖްތަމައެއްގައި މިޤާނޫނު އެދެވޭ ގޮތުގައި ތަންފީޒު ކުރެވިދާނެ ކަމާ މެދު މިފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
ޢަރަބި ގިނަ ގައުމުތަކެކޭ އެއްގޮތަށް ޤަބަލީ އާދަކާދަތައް އޮންނަ ސައޫދީ އަރަބިޔާގައި ވެސް އަންހެނުންނަކީ ފިރިހެނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ އަދި ފިރިހެނުން ޑޮމިނޭޓްކޮށްފައިވާ ބައެކެވެ. އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ސައޫދީ އަންހެން އެކްޓިވިސްޓެއް ކަމަށްވާ ސުޢާދު އަބޫދިޔާ ވިދާޅުވި ގޮތުގައި ގެވެށި އަނިޔާއާ ބެހޭ މިޤާނޫނަކީ މިކަމަށްޓަކައި ސައޫދީ އަންހެނުން ދިގުމުއްދަތަކަށް ކުރި އިންތިޒާރުތަކަކަށް ފަހު ވުޖޫދަށް އައި ޤާނޫނެކެވެ. ގެވެށި އަނިޔާގެ ގޮތުގައި ސައޫދީ ފިރިހެނުން އެމީހުންގެ އަނބިންނަށާއި ދަރިންނަށާއި އަދި ގާތްތިމާގެ އަންހެނުންނަށް ކުރާ އަނިޔާތަކުގެ ވާހަކަ ދެއްކުމަކީ ސައޫދީ މުޖްތަމައުގައި އަންހެނުންނަށް ކުރަންކެރޭނެ ކަމެއްނޫން ކަމަށްވެ އެވެ.
ނަމަވެސް ސައޫދީ އަންހެނުންނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި އެކަމުގެ ވޭނާއި ކެކުޅުން އިންތިހާއަށް ތަޙައްމަލު ކުރާބައެއް ކަމަށާ ނަމަވެސް ބައްޕައާ ބޭބެއާ ނޫނީ ފިރިމީހާއާ ދެކޮޅަށް އަނިޔާގެ މައްސަލައެއް ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމަކީ ނޫނީ އެފަދަ ވާހަކައެއް ޢާއިލާގެ ތެރޭގައި ދެއްކުމަކީ ސައޫދީ އަންހެނުންނަށް ކުރަން ކެރޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހޭލުންތެރިކަން އިތުރުކޮށް މިކަމާބެހޭ ތަމްރީން ދެވިއްޖެ ނަމަ ސައޫދީ އަންހެނުންނަށް ކުރިމަތިވެފައިވާ އަނިޔާތަކުން ސަލާމަތް ވުމުގެ ފުރްސަތުގެ ބޭނުންހިފުމުގެ ހިއްވަރު ކުރިމަގުގައި އެމީހުންނަށް ލިބިގެންދާނެ ކަމަށް ސުޢާދު ވިދާޅުވި އެވެ.
ސައޫދީ ސަރުކާރުން ދާދިފަހުން ވަނީ ގެވެށި އަނިޔާއާ ބެހޭ ހޭލުންތެރި ޕްރޮގްރާމްތައް ސައޫދީ އަންހެނުންނަށް އަމާޒުކޮށްގެން ދޭން ފަށާފަ އެވެ. މިޤާނޫނު ވުޖޫދަށް އައިސްފައި މިވަނީ ސައޫދީ އަރަބިޔާގެ އަންހެނުން މުޖްތަމައަށް ނެރުމަށް އެގައުމުގެ ރަސްގެފާނު އަބްދުﷲ ރަސްގެފާނު ފައްޓަވާފައިވާ އިސްލާޙީ ޕްރޮގްރާމުގެ ދަށުން ކަމަށް އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ.
ރަސްގެފާނުގެ އިސްލާޙީ މިޕްރޮގްރާމަށް ކޮންޒަވެޓިވް ޚިޔާލުގެ ދީނީ ޢިލްމުވެރިން ނުރުހުނު ނަމަވެސް ޒަމާނީ ހަޤީޤަތްތަކަށާ އަދި ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވިފައިވާ ދީނީ ޢިލްމުވެރިން މިކަމަށް ތާއީދުކުރާ ކަމަށް ޚަބަރު ލިބެ އެވެ. ސައޫދީ އަރަބިޔާގައި ކާރުދުއްވުން ވެސް އަންހެނުންނަށް މަނާކޮށްފައި ވަނިކޮށް ސައޫދީ ޒުވާން އަންހެނުންތަކެއް ވަނީ ހިއްވަރާއެކު އެކަމާދެކޮޅަށް ހަށިފޮޅާލާފައި ތެދުވެ އެހައްޤު ކަށަވަރުކޮށްފަ އެވެ.
އެ ގާނޫނާ ހިލާފުވާ ފަރާތްތައް އެއް އަހަރު ދުވަހަށް ޖަލަށްލައި 13،000 ޑޮލަރުން ޖޫރިމަނާ ކުރާ ގޮތަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. (ސައޫދީ މީޑިޔާ)