އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބު ފަސް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސް ކުރުމަށް ޕީޕީއެމް އިން މަސައްކަތް ކުރަމުންދާ ކަމަށް މީޑީއާތަކުގައާއި ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ފަސް ކުރުމަށް ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާތަކުގައި އަދި ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން އެބަގެންދޭ. އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަ ތަކެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ މާދަމާ ވެސް އިންތިހާބު ބާއްވަން. އަޅުގަނޑުމެން މި ތިބީ އިންތިހާބަށް ފުރިހަމަ އަށް ތައްޔާރު ވެފައި. ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން މި ތިބީ އިންތިހާބު ކާމިޔާބު ކުރަން ކެތް މަދުވެފައޭ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމަށް ޕީޕީއެމް އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ޕީޕީއެމް ކުރަނީ ދެން ތިއްބެވި ކެންޑިޑޭޓުންނަށް ވެސް އެކަމުގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުމަކަށް ޓަކައި ކަމަށް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެ ނަތީޖާ އަކީ އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އާއި ވާދަވެރި ބައެއް ސިޔާސީ ޕާޓީތަކުން ޕީޕީއެމް އިން އިންތިހާބު ފަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޕީޕީއެމް އާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެފަދަ ޕެޓިޝަންތައް ހަދަމުން ދަނީ އެ ފަރާތްތަކަށް އޮތް ތާއިދު ބެލުމަށް ސޭވޭއެއް ކުރުމުގެ ގޮތުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލީފް އިތުރަށް ވިދާޅުވީ މާދަމާ ރޭ ޕީޕީއެމް ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް މެނިފެސްޓޯ އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.