ލ. ގަމުގައި ކުޑަ ކުއްޖަކާ ގަދަކަމަކުން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގި ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 16 އަހަރުގެ ކުއްޖާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެކުއްޖާ ގޭބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.