ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ބަނދަރު ހެދުމަށް ހަމަޖެހިފައިވާ 22 ރަށުގެ އީއައިއޭ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ބިޑް ކުރުމެއްނެތި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.

އީއައިއީގެ މަސައްކަތް ކ. ގުރައިދޫން މިދިޔަ އާދިއްތަ ދުވަހު ފެށި އިރު، ގުރައިދޫ އީއައިއީގެ ކޮންސަލްޓަންޓަކީ ކޮމާސް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑް (ސީޑީއީ) އެވެ.

އެމްޓީސީސީން ބުނީ 22 ރަށުގެ އީއައީގެ މަސައްކަތް ކުރާނީ ރާއްޖޭގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.

އީއައީގެ މަސައްކަތް ނިންމަމުން ގެންދާނީ ހައުސިން މިނިސްޓްރީން ދީފައިވާ ޕްރިއޮރިޓީސްތަކަށް ބަލައިގެން ކަމަށް އެމްޓީސީސީން ބުނެ އެވެ.

ގިނަ ވެގެން ދެ އަހަރުގެ މުއްދަތުގެ ތެރޭ ބަނދަރުގެ މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި 22 ރަށުގެ ތެރޭ ހިމެނެނީ ދ. ބަނޑިދު އާއި ތ. ބުރުނި އާއި އދ. ދަނގެއްޗާއި، ށ. ފޯކައިދުއާއި ކ. ގާފަރާއި އަދި އެ އަތޮޅު ގުޅި އާއި އއ. ހިމަންދޫ އެވެ. މީގެ އިތުރުން ވެސް ބ. ހިތާދޫ، ލ. ހިތަދޫ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ ށ. ކަނޑިތީމު، ގއ. ކޮލަމާފުށި، ހދ. ކުމުންދޫ، ގދ. މަޑަވެލި، ރ. މަޑުއްވަރި، ތ. މަޑިފުށި، ފ. މަގޫދޫއާއި އެއަތޮޅު ނިލަންދޫގެ އިތުރުން ށ. މަރޮށި ވެސް ހިމެނެ އެވެ. އަދި ބ. ތުޅާދޫގައި ކުރުމަށް ހަމަޖެހިފައި ވަނީ ބްރޭކް ވޯޓާގެ މަސައްކަތެވެ.