29 Aug 2013, 15:46
ރައީސް ޑރ. މުހައްމަދު ވަހީދު ތަސްދީގު ނުކުރައްވާ އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވި ޖަލުތަކާއި ޕެރޯލްގެ ބިލް އިސްލާހުތަކާއި އެކު ރައްޔިތުންގެ މަޖިލީހުން ތިން ވަނަ ފަހަރަށް ފާސް ކޮށްފި އެވެ.
ރައީސް މިއަހަރުގެ މޭ މަހު އަނބުރާ ފޮނުއްވާލެއްވި ޖަލުތަކާއި ޕެރޯލްގެ ބިލް މިއަދު މަޖިލީހުން ފާސް ކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 39 މެންބަރުން އިއްތިފާގުންނެވެ. އަދި ވަކޮކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ.
ގައުމީ ސަލާމަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ރައީސް ވަހީދު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވަމުން 28 ކަމެއް ފާހަނގަ ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ފާހަނގަ ކުރައްވާފައިވާ ގިނަ ކަންތައްތަކަކަށް ރިޔާޢަތް ކޮށް ބިލަށް އިތުރު އިސްލާހްތައް ގެނެސްފައި ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބިލް ތައްޔާރު ކުރުމަށް ރާއްޖޭން ބޭރުގެ ގިނަ ގައުމުތަކުގައި އަމަލު ކުރާ ގޮތް ބަލާފައި ވާނެ ކަމަށެވެ. އެ ބިލް ތައްޔާރު ކުރުމުގައި ގިނަ ދިރާސާތަކެއް ކޮށްފައި ވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެން ކަމުން މިހާރު ޖަލުތަކާއި ޕެރޯލްގެ ބިލްގައި އެއްވެސް މައްސަލަ އެއް ނޫޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސް ވިދާޅުވީ މިހާރު ޖަލުތަކާއި ޕެރޯލްގެ ބިލް އެކުލަވާލާފައިވާ ގޮތުން ޖަލު ތަކުގައި ތިބީ ގައިދީންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ލިބިދެވޭނެ ކަމަށެވެ. އަދި ޖަލު ތަކުގައި ތިބީ ގައިދީންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ އަށް ގާއިމް ކޮށްދެވޭނެ ކަމަސް ވެސް މޫސަ ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލްގައިވާ ގޮތުން ޖަލުތައް ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަން ޖެހޭނެ އެވެ. އަދި އެ މުއައްސަސާގެ ދަށުން ޖަލު ތަކުގައި ތިބީ ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީން ޕްރޮގުރާމް ތައް ހިންގަން ޖެހޭނެ އެވެ. އަދި ޖަލުގެ މާހައުލަކީ ގައިދީންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ވެސް އެ މުއްސަސާގެ މަސްއޫލީއްޔަތެކެވެ.