އިނގިރޭސިވިލާތުގައި ޝޯތަކެއް ދިނުމަށް މިދިޔަ ހޯމަ ދުވަހު ފުރި ރާއްޖޭގެ މަޝްހޫރު ބޭންޑް، "ސެކްރެޑް ލެގެސީ" އަނބުރާ ރާއްޖެ އަށް ފޮނުވާލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ބޭންޑުން ބައިވެރިވާން ދިޔަ ޝޯގައި ބައިވެރިނުވެވޭ ގޮތަށް އެ ބޭންޑް އަނބުރާ ރާއްޖެ ފޮނުވާލާފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެންނެވެ. އެގޮތުން ޓޫރިސްޓް ވިސާގައި އިނގިރޭސި ވިލާތަށް ދެވުނު ނަމަވެސް ޝޯ ދިނުން އެފަދަ ކަންކަމުގައި ބައިވެރިވާން ދާން ނަމަ ޖެހެނީ ވަކި ހާއްސަ ވިސާއެއްގެ ދަށުންނެވެ.

ސެކްރެޑް ލެގެސީ ބޭންޑްގެ މެމްބަރުން އިނގިރޭސި ވިލާތަށް ދިޔައީ ޓޫރިސްޓް ވިސާގަ އެވެ.

އެ މައްސަލައާ ގުޅިގެން އެ ބޭންޑްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބޭންޑް މިއަދު މާލެ އައިސްފައިވާ ކަމަށާއި އެކަން ދިމާވީ ވިސާގެ މައްސަލައެއް ޖެހުމުން ކަމަށެވެ. އަދި ވިސާގެ ކަންކަން އިސްލާހުކޮށް ވިންޓާގެ ފަހުން އަނެއްކާ ވެސް ޝޯތައް ދިނުމަށް އިނގިރޭސިވިލާތަށް އެ ބޭންޑް ދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ދިވެހިންނަށް] ވިޒިޓް ވިސާގައި ދެވޭ އެކޮޅަށް. ދެން ޕާފޯމްކުރަންޏާ ޖެހޭނީ ކުރީބައިގައި ޑޮކިއުމަންޓް ނިންމަން. އަދި އަހަރުން އޮންނާނީ ކުރިން އިންސްޓްރަކްޝަންއާ އެއްޗެތި ވެސް ދީފައި ދެން އެމީހުން ޕޭޕާތަކެއް ހުށަނާޅާ ހުރީމާ ލަސްކުރީ." ސެކްރެޑް ލެގެސީގެ އޮފިޝަލް ވިދާޅުވި އެވެ.

އެބޭންޑް މިފަހަރު އިނގިރޭސިވިލާތަށް ދިޔައީ އެ ގައުމުގެ ހަތަރު ސިޓީއެއްގައި ޝޯ ދިނުމަށެވެ. ފުރަތަމަ ޝޯ ދިނުމަށް ނިންމީ އިނގިރޭސި ވިލާތުގެ ބާމިންގްހަމްގަ އެވެ. އަދި އޭގެ ފަހުން ލިވަޕޫލް، ބްރައިޓަން، ބްރިސްޓަންގައި ޝޯ ދޭން ނިންމާފައިވެ އެވެ.

ސެކްރެޑް ލެގެސީ ރަޖިސްޓްރީކޮށްފައި ވަނީ "ޖާމަން އެސްޓީ އެފް ރިކޯޑްސް"ގަ އެވެ.