އަންނަ ހޮނިހިރު ދުވަހު ނޭޕާލުގައި ފަށާ އަށްވަނަ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިއަދު ނޭޕާލަށް އަތުވެއްޖެ އެވެ.

ކަތުމަންޑޫގެ ޓްރިބުވާން އިންޓަނޭޝަނަލް އެއާޕޯޓަށް އައުުން ގައުމީޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ނޭޕާލްއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މުބާރާތަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑް 20 ކުޅުންތެރިންނަށް ތިރިކުރާނެ ކަމަށް ކުރި ބުނެފައި ވީ ނަމަވެސް، ތައިލޭންޑު ކޭމްޕު ނިންމުމަށްފަހު ޓީމް ރާއްޖެ އައުމުން އެފްއޭއެމުން ފުރަތަަ ބުނެފައިވަނީ، ޓީމުން ބާކީ ކުރާނީ ދެކުޅުން ތެރިން ކަމަށާއި އަދި 20 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރާނީ، ނޭޕާލަށް އައުމަށްފަހު 30 ވަނަ ދުވަހު ކަމަށެވެ. އެހެން ނަމަވެސް ކޯޗުގެ އެދުމުގެ މަތިން މިއަދު ޓީމް މިއަދު ނޭޕަލަށް ޓީމް އައިރު 25 ކުޅުންތެރިންގެ ސްކޮޑުން 23 ކުޅުންތެރިން ވަނީ ޓީމާ އެކު ނޭޕާލަށް އައިސްފަ އެވެ. އަދި ޓީމާއެކު ހަތް އޮފިޝަލުންވެސް އައެވެ.

އެފްއޭއެމްގެ ޑިރެކްޓާ އޮފް ސްޕޯޓްސް އަލީ ސުޒޭން ވިދާޅުވީ ޓީމުގައި އިންޖަރީއެއް ނެތި ބޭނުން ކުރެވޭ ހާލަތުގައި ތިބި ހުރިހާ ކުޅުންތެރިންވެސް ޓީމާއެކު ގެންނަން ކޯޗު އެދުމުން އެގޮތަށް ނިންމީ ކަމަށެވެ. ޓީމުން ބާކީ ކުރުމަށްފަހު އަލުން ޓީމުގައި ހިމަނާފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މޫސާ ޔާމީން އެވެ.

ގައުމީ ޓީމަށް ފުރަތަމަ ނެގި 25 ކުޅުންތެރިންގެ ތެރެއިން، ވެލެންސިޔާގެ ކީޕަރު މުހައްމަދު ފައިސަލް އަމިއްލަ ސަބަބުތަކަކާހުރެ ތައިލެންޑް ފަރިތަކުރުން ތަކަށް ދިއުމުގެ ކުރިން ޓީމުން ވަކިވެފައިވާއިރު، ދެން ޓީމާ އެކު ނޭޕާލަށް ދަތުރު ނުކުރާ ކުޅުންތެރިއަކީ، ތައިލެންޑްގައި ގައުމީ ޓީމް ކުޅުނު އެކުވެރި ކަމުގެ މެޗުގައި އަނިޔާ ލިބުނު ބީޖީ ސްޕޯޓްސްގެ އަހްމަދު ޒާދު އެވެ.

ގައުމީ ޓީމް ނޭޕާލްގައި ތިބެން ހަމަޖެހިފައިވަނީ، ކަތުމަނޑޫގެ އެވަރެސްޓް ހޮޓަލުގަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް ބީ ފަޅީގައި ހިމެނޭ އަނެއް ޓީމް ތަކަކީ ސްރީލަންކާ، އަފްޣާނިސްތާން އަދި ބޫޓާން އެވެ.

ހޮނި ހިރު ދުވަހު މުބާރާތް ހުޅުވާ މެޗްގައި ވާދަކުރާނީ، މުބާރާތް ބާއްވާ ނޭޕާލްއާއި އެ ގްރުޕްގައި ހިމެނޭ ބަންގުލަދޭޝް އެވެ. ދެވަނަ ދުވަހު ގްރޫޕް އޭގެ އިންޑިއާ އާއި ޕާކިސްތާން މެޗު ކުޅެން ހަމަޖެހިފައިވާއިރު ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ވާދަކުރާނީ އަވަށްޓެރި ސްރީ ލަންކާއާ އެވެ.