(25 އޯގަސްޓްގެ އަދަދާއި ގުޅޭ)

ޗުއްޓީ ނަގައިގެން މިއާ އިންނަނީ ކޮޓަރީގަ އެވެ. އެންމެ އަވަހަށް ވެސް ކޮޓަރިން ނިކުންނަނީ މެންދުރު ވާ ފަހުންނެވެ. ކިރިޔާ ކާ އެއްޗެއް އަނގަށް ލާން ކެރެނީ އެހާއިރު ވީމައެވެ. ޝާފިޔާ ނޫން އެހެން އެންމެންވެސް އޮފީހަށް ނިކުންނާތީ ނަސީބަކުން މިއާ ބޭނުންވި އެކަނިވެރިކަން ހެނދުނު ގަޑީ ލިބެއެވެ. ދެތިން ދުވަހު ގަދައަށް ހޮޑު ލެވުނު ފަހުން މިއާ ހުންނަނީ ހެނދުނު ދަތް އުނގުޅަން ބިރުން ނުއުނގުޅައެވެ. ކާއެއްޗެއް އަނގައަށް ލަނީވެސް ދިހައެއް ޖަހާ ފަހުންނެވެ. އިޔަން ހޮސްޕިޓަލުގައި އުޅެފައި އިރު އިރުކޮޅާ ހާލު ބަލައިލަން ގުޅައިލުމުން އޭނާގެ ބަނޑުހައިކަން ފިލައެވެ. އެއަޑު އެކަނި އަހައިލުމުންވެސް ހިތް އުފަލުން ފުރެއެވެ.

ހެނދުނެވެ. އިޔަން އޮފް ދުވަހަކަށް ވުމުން ނިދަން އޮވެފައި ލޯ ހުޅުވައިލި އިރު މިއާ އެނދުގައި އިނދެގެން ކޮންމެވެސް އެއްޗެއް ކައެވެ. ލެޕްޓޮޕަށް ގެއްލިފައި އިންވަރުން އިޔަން ހޭލިކަމެއް މިއާ އަކަށް އޭރު ނޭނގެއެވެ. "ކިއްލިތަ ތިކަނީ؟" އިޔަން ވާހަކަ ދެއްކި އަޑަށް މިއާ ދިޔައީ ސިއްސައިގެންނެވެ. "މިއާ ހަތަރު ކަޅި ހަމަކޮށްލައިފައި ޅަ ކުއްޖެއްހާ މައުސޫމު ކޮށް ބޯ ޖަހައިލި އެވެ. "މިހާ ހެނދުނާ ސައިވެސް ނުބޮއެ ކިއްލި؟" އިޔަން ހައިރާންކަން ފައުޅު ކުރިއެވެ. ތެދުވެފައި މޭޒުމަތީ އޮތް ފޯނު ނަގައި އޭނާ ގަޑި ބަލައިލި އިރު އަށެއް ޖަހަނީއެވެ. "ބްރަޝް ނުކޮށް ހުރީމަ އަނގައިން ނުބައިވަސް ދުވައިފާނެތީ." މިއާ ބުނެލި އަޑު އިވުނެވެ. "ބްރަޝް ނުކުރަންތަ މިހާރު؟" އިޔަން ގާތަށް ހިނި އަންނަ ގޮތްވިއެވެ. "ހޫމ... ހޮޑު ލެވެނީ ހެނދުނު ބްރަޝް ކުރަން އުޅޭއިރަށް. އެހެންވެ މިހާރު ބްރަޝް ނުކޮށް އަނގަ މީރުކޮށްލަން ކިއްލި ކަނީ. ދެން މެންދުރު ވީމަ ބްރަޝް ކުރަނީ. މެންދުރު ހޮޑުލެވޭލެއް މަދު. ވަރަށް މަދު ދުވަހަކު ލެވެނީ ވެސް." މިއާ ކިޔައިދިނެވެ. "ނޮޓް ބޭޑް." އިޔަން ހިނިއައިސްފައި ހުރެ ތެދުވެގެން ފާޚާނާއަށް ވަންނަން ދިޔައެވެ.

"މިއާ އަހަރެން އެބަ ވިސްނަން ހަނީމޫން ޓްރިޕް ބަހަނާ އަކަށް ހަދާފަ ދެމީހުން ނިއުޒިލޭންޑަށް ގޮސްލަން. އެއިރުން މިއާގެ ކަންޑިޝަންވެސް ސިއްރު ކުރެވޭނެ. އަނެއްކޮޅުން އަހަރެންނަށް އެކޮޅުގައި ހުރެގެން ޒޯހާ ހޯދަން މަސައްކަތް ކުރެވޭނެ." އިޔަން ނިކުމެފައި ވާހަކަ ދެއްކިއެވެ. މިއާގެ ހިތަށް އުދަނގޫ ވި ނަމަވެސް ވަގުތުން ހިނިތުންވެލައިފައި އެއްބަސްވިއެވެ. މިއާގެ އެހަރަކާތުން އިޔަންގެ ހިތަށްވެސް ހަމަޖެހުން ގެނެސްދިނެވެ.

ތިން ދުވަސް ފަހުން އެމީހުން ތިބީ ކުއީންސް ޓައުން ގައެވެ. ގޭގެ މޫނުމަތި ފެނުނީއްސުރެ އިޔަންގެ ހިތަށް ތަދު ކުރަން ފެށީ ޒޯހާގެ ހަނދާން ތަކެވެ. ކައިރީގައި މިއާ ހުރިކަންވެސް ހަނދާން ނައްތާލައިފައި އިޔަން ވަދެގެން ދިޔައީ ފުރަތަމަވެސް ކޮޓަރި އަށެވެ. ފާރުގައި ހަރުކޮށްފައިވާ ދެމަފިރީންގެ ކައިވެނީގެ ފޮޓޯގަނޑު ނަގައިގެން އޭނާ އިރުގަނޑެއް ވާންދެން އިނެވެ. އަނެއްކޮޅުން މިއާ އެކަނިވެފައި އިނީ ސިޓިންރޫމް ސޯފާގައެވެ.

މިއާ ތެދުވީ ދުރުގައި ހުރި ފޮޓޯ ފްރޭމެއް ފެނިގެންނެވެ. ކައިރިއަށް ގޮސް ހުއްޓިފައި ބަލަހައްޓައިގެން ހުރެވުނެވެ. އިޔަންގެ އަތުތެރޭގައި ޒޯހާ ވަށާލައިގެން ނަގާފައިވާ ފޮޓޯގަނޑު ކިތަންމެހާވެސް ރީއްޗެވެ. ގުޅެއެވެ. ޚުދު މިއާގެ ހިތްވެސް އެކަމަށް އިކްރާރު ވިއެވެ. އިރުކޮޅަކުން އިޔަން ކޮޓަރީގެ ދޮރު ހުޅުވި އަޑަށް މިއާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ހީވީ ވައްކަން ކުރަން އުޅެނިކޮށް ވަގު ހިފިހެންނެވެ. ދެލޯ ބޮޑުކޮށްފައި ފޮޓޯގަނޑު ބަހައްޓަން އުޅެނިކޮށް ވީނުވީއެއް ނޭނގި އަތުން ދޫވެގެން ވެއްޓުނީ ތިރިއަށެވެ.

"ކީއްތި ކުރީ؟" ފޮޓޯގަނޑު ތެޅުނު އަޑާއެކު އަވަހަށް އެދިމާއަށް އައި އިޔަން ތިރީގައި ކުޑަ ކަކޫ ޖަހައިލި އެވެ. އެވަގުތު ތެޅިފައިވާ ފޮޓޯގަނޑު ފެނުމުން ހިތަށްވީ ފާޑެއްގެ ގޮތެކެވެ. މިއާ އަށްވެސް އެވަގުތު އިޔަންގެ މޫނަށް އެރި ކުލަ ފެނުނެވެ. މިއާއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނު ވަރުން ވަގުތުން ކަރުނަ އައެވެ. "އިޔާ އައެމް ސޯ ސޮރީ." އިޔަންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މިއާ ރޮއިގެންފައި ދުއްވައިގަތީ ސިޑި އާއި ދިމާއަށެވެ. އޭނާ ސިޑިން އަރައިގެން މަތީގައި ހިނގަމުން ދަނިކޮށް ފަތާ ފެންގަނޑުން ބޭރަށް ފާރަށް އެޅިފައިވާ ދަޅަތައް ފެނުނެވެ. މިއާ ކުދި ފިޔަވަޅު ތަކެއްގައި ގޮސް ބޯދިއްކޮށްލި އިރު އެއީ ރީތި ރީތި ފަތާ ފެންގަނޑެކެވެ. މިއާ ބަލަން ހުރެލައިފައި ގޮސް ފެންގަނޑަށް ދެފައި ބާލައިގެން ކައިރި ފަށުގައި އިށީންދެލިއިރުވެސް ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެކަމަކު އެފެންގަނޑުގެ ފިނިން ހިތަށް ހިސާބެއްގެ ލުއެއް ލިބުނެވެ.

މިއާ ކުއްލި އަކަށް ހަނދާންވެގެން އަތް ދަބަސް ހުޅުވާލައިފައި އޭގައި އޮތް ފޮތް ނަގައި ގަނޑެއް ކަނޑައިލި އެވެ. ކުޑަ ބޯޓެއް ހަދާލައިފައި ފެންގަނޑަށް ލުމުން ލަސްލަހުން ދަތުރު ކުރަން ފެށިއެވެ. ފަހަތުން އިޔަންގެ ފިޔަވަޅުގެ އަޑު އައީ މިއާ އެހެން އިންނަތާ އިރުކޮޅެއް ފަހުންނެވެ. އެވަގުތު މިއާ ފެނިފައި އިޔަންގެ ހިޔާލުތައް ގުޅިގެން ދިޔައީ މާޒީއާއެވެ. ކައިވެނީގެ ރޭ ޒޯހާ އެކަނިމާ އެކަނި އެ ފެންގަނޑަށް ދެފައި އެލުވާލައިގެން އިން މަންޒަރު ތަސްވީރު ކުރެވުނެވެ.

"ސީރިއަސްލީ މިއާ. އެއީ އެއްވެސް ކަމެއް ނޫން." އިޔަން ގޮސް ފަހަތުގައި ހުއްޓިފައި ވާހަކަ ދެއްކި އެވެ. މިއާ އެއްޗެއް ނުބުނެ އަދިވެސް ބަލަން އިނީ ފެނުމަތީ ދަތުރު ކުރަމުން ދިޔަ ކަރުދާސް ބޯޓަށެވެ. "މިއާ ހަނދާން ވޭތަ އަހަރުމެން ކުޑައިރު ފެންވަރަން ވަދެ ޓަބްގައި ބޯޓު ދުއްވި ކަން." އިޔަން ޖިންސްގެ ފައިކުރި ކުޑަކޮށް އަރުވާލައިފައި މިއާ ފަދައިން ޕޫލަށް ދެފައި އެލުވާލައިގެން ކައިރީގައި އިށީންދެއްޖެއެވެ. "އަހަރެންގެ ބޯޓު ކޮންމެ ފަހަރަކު ކުރިން ފޯވެގެން އަޑިއަށް ދަނީ." މިއާވެސް މާޒީގެ ސޮފްހާތައް ހުޅުވާލައިފި އެވެ. "އެނގޭތަ އެއީ ކީއްވެކަން؟ އަހަރެން ބޯޓު ހަދާއިރު މިއާގެ ބޯޓުގެ ފުލަށް ކުޑަ ސްޓޯންއެއް ކަހަލަ އެތިކޮޅެއް ލައިފަ ބަހައްޓަނީ." އިޔަން ބުނެލި އެއްޗަކުން މިއާ ކުއްލިއަކަށް މޫނު އަނބުރާލި އިރު އިނީ ދެލޯ ބޮޑުކޮށްގެންނެވެ. "ހަމަތެދެއް މިބުނީ. މިއާއަށް ބޯޓު ހަދަން އޭރު ނޭނގޭތީ އަހަރެންނަށް ޖެއްސީމަ އެޑްވާންޓޭޖް ނަގަނީ އެގޮތަށް." އިޔަން ހިނި އައިސްފައި އޮޅުންފިލުވައި ދިނެވެ. "ސަޗް އަ ޖާރކް." މިއާ ހީގެންފައި އިޔަންގެ ކޮނޑުގައި ޖަހައިލި އެވެ. ޖަވާބުގައި އިޔަންވެސް ހަމަ އެގޮތަށް މިއާގެ ކޮނޑުގައި ހިފާ ކުޑަކޮށް ކޮށްޕައިލުމުން މިއާއަށް އެހަށިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އަރި އަޅައިލައިގެން ފެންގަނޑަށް ވެއްޓެން ދިއުމުން އިޔަންއަށްވެސް މިފަހަރު ސަލާމަތެއް ނުކުރެވުނެވެ.

"އިޔަން އަޅެ މޮޔަތަ؟ ކުޑައިރު ހުންނަ ބާރެއް ނޫނޭ މިހާރު އިޔަންގެ ގައިގަ ހުންނާނީ. ފިރިހެނެއްގެ ބާރޭ." މިއާ ފެންގަނޑު ތެރެއިން ބޯ ހިއްލައިލާފައި ކުޑަކޮށް ލޯ އަޅައިލި އެވެ. "ހެހެ އަހަރެންނަކަށް ނޭނގެ މިއާ އަދިވެސް ތިހާ ޑެލިކޭޓް ކަމެއް." އިޔަން ހީލިއެވެ.

މިއާ ފެންގަނޑު ތެރޭގައި ފަތަން ފެށުމުން އިޔަން އުޅުނީ ތެދުވެގެން ދާށެވެ. އެކަމަކު ތަންކޮޅަކަށް ދިޔަތަނާ މިއާ ރޮއިގެން އަޑު އިވިގެން އަވަހަށް އެނބުރި ބަލައިލެވުނެވެ. "އިޔާ އަހަރެންގެ ފައި." އިޔަންއަށް ފެނުނު އިރު މިއާ އަޑިއަށް ދަނީއެވެ. ބަލާކަށް ނުހުރެ ދުވެފައި ގޮސް ފެންގަނޑު ތެރެއަށް އިޔަން ފުންމައިލި އެވެ. މިއާ ފެންގަނޑު އެރުވި ފަހުން އެނގުނީ ފައި އަކުނި ވަޔަށް ދަމައިގަނެގެން އުޅޭ ކަމެވެ. "ރީތިކޮށް ފައި ދަމާލައިގެން އިނދޭ!" އިޔަން މިއާ ބައިންދާފައި އެފައިތިލައިގައި ބާރަށް ހިފަހައްޓައި ފައި ތެދު ކުރިއެވެ. "މިހާރު އޯކޭ." ދާދި އަވަހަށް މިއާއަށް ފަސޭހަ ވިއެވެ. "ކުރިންވެސް ވޭތަ މިގޮތަށް؟" އިޔަން މިއާގެ ފައިން އަތް ދޫކޮށްލައިފައި ހަތަރުކަޅި ހަމަކޮށްލި އެވެ. މިއާގެ ހެދުން އޮތީ ގައިގައި ތައްތާލައެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައިރު މޫނާއި ތުންފަތްވެސް ރީތިކަމުން ވިދައެވެ. ޚުދު އިޔަންގެ ހިތްވެސް އެކަމަށް އެއްބަސްވިއެވެ.

މިއާ ޖަވާބެއް ނުދީ އުޅެނިކޮށް އިޔަން އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލީ އެރީތި މޫނުގެ ޖާދޫގައި ޖެހިދާނެތީ ބިރުން ކަހަލައެވެ. "ނުވޭ." މިއާ ތެދުވިއެވެ. ކޮޓަރި އާއި ދިމާއަށް ދާން ފެށުމުން އިޔަން ތެދުވެފައިވެސް މިއާ ނިވާ ވަންދެން މަޑުކޮށްލިއެވެ.

އިޔަން ފެންވަރާލައިގެން ނިކުމެފައި ބޭރަށް ދާން ވެގެން މިއާ ކައިރީ އެވާހަކަ ބުނަން ނިންމިއެވެ. އެކަނި އިންނަން މިއާ ބިރުގަންނަންޏާ އޭނާ ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ.

އިޔަން ގޮސް ދޮރުގައި ޓަކި ޖަހައިލުމުން ޚަބަރެއް ނުވިއެވެ. "މިއާ!" އިޔަންގެ ހިތް ތެޅިގަތީ ޒޯހާ ފަދައިން މިއާވެސް ގެއްލުނީބާއޭ ހިތަށް އަރައިފައެވެ. އެހެންވެ ގޮވާލެވުނީވެސް ނިކަން ބާރަށެވެ. "އިޔަން އަހަރެން މިއުޅެނީ." އަޑު އައީ ބަދިގެ އާއި ދިމާއިންނެވެ. އިޔަން ބާރަށް ހިނގާލައިފައި ގޮސް ހުއްޓުނު އިރު މިއާ މެންދުރަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަނީއެވެ. "މިއާ އަހަރެން ބޭރަށް ދާންވެގެން މިއުޅެނީ. ކެރޭނެތަ ގޭގައި އެކަނި އިންނަން؟" އިޔަން އަހައިލިއ ެވެ. "ދޮރު ތަޅުލައިގެން އިނީމަ އޯކޭވާނެ އެއްނު." މިއާ އިޔަންއަށް ބަލައިވެސް ނުލައި ކެކެމުން ދިޔަ ތެލިން ދޭފަތަށް އެތިކޮޅެއް ނަގައި ހިހޫ ކޮށްލާފައި ރަހަ ބަލައިލި އެވެ. "އޯލްރައިޓް. އެބަ އަންނަން." އިޔަން ހިތްހަމަޖެހުމާއެކު ނިކުމެގެން ދިޔައެވެ.

މައިކަލްގެ ކާރު އޮތީ ގޭގެ ދޮރުމަތީގައެވެ. އިޔަން ނިކުމެފައި ގޮސް ކާރަށް އަރައި އިށީންނުމުން މައިކަލް ގެއާއި ދިމާއަށް ބަލާތީ އެދިމާއަށް ބަލައިލެވުނެވެ. ކަހާލައިފައިވާ ދޮރު ފޮތިގަނޑުގެ ސަބަބުން މިއާ ބަދިގޭގައި ކައްކަން އުޅޭ މަންޒަރު ރީތިކޮށް ފެނެއެވެ. "ސެކަންޑް ވައިފް." އިޔަން ބުނެލި އެއްޗަކުން މައިކަލް އިނީ ހައިރާންވެފައެވެ. "ލޯންގް ސްޓޯރީ." އިޔަން އެވަގުތަށް ވާހަކަ ކުރު ކޮށްލަންވެގެން ބުނެލިއެވެ. ދެމީހުން ކާރު ދުއްވައިލާފައި ގޮސް އޮބައިލި ފަހުން މިއާ ކެއްކި އެއްޗެހި ތައްޓަކަށް އަޅައިގެން ނިކުތީ ސިޓިންރޫމަށެވެ.

މިއާ ސޯފާގައި ދެފައި ވަށްކޮށްލައިގެން އިށީންދެފައި ޓީވީވެސް ހުޅުވައިފިއެވެ. ކުޅި ކަމުން ޗޯސް ދަމަމުން ތަށީގެ އެއްފަރާތުގައި ހުރި ޗިޕްސް ވެސް އިރު އިރުކޮޅާ އަނގައަށް ލައެވެ. މިއާ ކައި ނިންމާފައި ބަދިގެއަށް ވަދެ ފުރަތަމަވެސް ބޯލީ ފިނި ފެންތައްޓެކެވެ. އެއަށްފަހު ފްރިޖްގައި ހުރި ބޮޑު އައިސް ކްރީމް ތަށި ނަގައިގެން ކާން ފެށިއެވެ. އިރުކޮޅެއް ވީއިރު އޭނާ ފޫހިވާން ފެށިއެވެ. މިއާ އިޔަންގެ ކޮޓަރިއަށް ވަދެ އެއްޗެހި ތައް ހާވައިލަން އުޅެނިކޮށް އަލަމާރި ތެރޭ ހުރި ޒޯހާގެ ހެދުންތައް ފެނުނެވެ. މިއާ ބަލަހައްޓައިގެން ހުރެލައިފައި އެތަނުން ކަޅު ހެދުމަކާއި ހުދު ޝޯލްއެއް ނަގައިގެން ލޯގަނޑު ކައިރިއަށް ޖެހިލިއެވެ. މިއާ ހެދުން ލައިފައި ޝޯލް އަޅަން ނޭނގިގެން އުޅެނިކޮށް ފޯން ރިންގް ވާން ފެށި އަޑަށް ސިއްސައިގެން ދިޔައެވެ. އަވަހަށް ދުވެލައިފައި ގޮސް ނެގިއިރު އިޔަންގެ ފޯނެކެވެ. އިޔަން ގުޅީ ތަންކޮޅެއް ލަސްވެދާނެ ވާހަކަ ބުނަން ވެގެންނެވެ. މިއާވެސް އިޔަން ހިތްހަމަ ޖައްސައިދޭން ހުރިހާ ކަމެއްވެސް ރަނގަޅު ކަމުގައި ބުނެލިއެވެ.

އިރު އޮއްސެން އައިއިރު ބިންގަނޑު ފިނިވާން ފެށިއެވެ. މިއާ ލައިގެން ހުރި ހެދުން މަތިން އަދި ޖެކެޓް ކޮޅެއް ލައިގެން ދޮރު ހުޅުވާފައި ބޭރަށް ނިކުމެއްޖެއެވެ. އެތެރޭގައި ހުންނަން އިޔަން ބުނެފައި ވީ ނަމަވެސް މިއާ މާބޮޑަށް ފޫހިވީއެވެ. އަނދިރިކަން ވެރިވަމުން ދިޔައިރު ދުރުގައިވާ ގަސްތައް ފެނުނީ ނާމާން ގޮތަކަށެވެ. މިއާ ގޭގެ ވަށައިގެން ބުރެއް ޖަހާލައިފައި ގޮސް ހުއްޓުނީ ތަންކޮޅެއް ދުރަށެވެ. އެހިސާބުގައި ހުރެފައި ތިރި ބަލައިލާއިރު ތިރީގައިވާ އިމާރާތްތައް ކުދި ބޮކިތަކެއް ފަދައިން ފެންނަމުން ދިޔައެވެ. މިއާ ހަށަން ބަނދެލައިގެން ހުއްޓައި ކާރެއްގެ އަޑު އިވުމުން ސިއްސައިގެން ދިޔައެވެ. ދެކޮޅު ބަލާލައިފައި އަވަހަށް ދުވެފައި ގެއަށް ވަންނަން ދަނިކޮށް ކޮންމެވެސް މީހަކު އޭނާގެ ފަހަތުން ދުއްވައިގެންފިއެވެ. މިއާގެ ބިރުވެރިކަން އިތުރުވީ ދެނެވެ. ދެފައި ކުރިއަށް ލެވުނު ހައި ބާރެއް ލައިފައި އޭނާއަށް ދިމާ ކުރެވުނީވެސް އެހެން ދިމާ އަކަށެވެ. މާބޮޑަށް ބިރު ގަތުމުން ގެ ހުންނަތަން އޮޅުނީ އެވެ.

"ޕްލީޒް ޑޯން ކިލްމީ." މިއާ ދުވެ ދުވެ ވަރުބަލި ވީ ފަހުން އެމީހަކު އަތުގައި ހިފެހެއްޓުމުން ބުނެވުނެވެ. އެހިސާބުން މޫނު މައްޗަށް އަނދިރިވެގެން އަރި އަޅާލައިފިއެވެ. އެސްފިޔަތައް މެރެމުން ދިޔައިރު އޭނައަށް އިހްސާސްވީ އެމީހަކު އޭނާގެ ހަށިގަނޑު ވެއްޓުނަ ނުދީ ހިފަހައްޓައިލި ކަމެވެ.

ލޯ ހުޅުވައިލެވުމާއެކު މިއާ ފުންމައިގެން ތެދުވިއެވެ. އޭނާ އޮތީ ކޮޓަރީގައެވެ. އެކަމަކު ފެންނަ ހިސާބުގައި އެކަކުވެސް ނެތެވެ. އެހާ އަވަހަށް މިއާ އަށް އިހްސާސްވީ ބޯ ނިވާކޮށްފައި އޮތް ޝޯލް ނެތްކަމެވެ. އަނެއްކާ އޭނާ ގެނައީ އިޔަން ހެއްޔެވެ؟ މިއާގެ ނިއްކުރިން ދާ ތިކިތައް ވިދަން ސިކުންތެއްވެސް ނުނެގިއެވެ. އިޔަންއަށް އޭނާ ޒޯހާގެ ހެދުމުގައި ހުއްޓާ ފެނުން އެއީ މިދުނިޔޭން އޭނަ އެދޭނެ އެންމެ ފަހު ކަންތަކެވެ. ކުރިއަށްވުރެވެސް ބޮޑަށް އޭނާގެ އިޔަންގެ ކުރިމަތީގައި އަގު ވެއްޓޭނެކަން އެއީ ކަށަވަރު ކަމެކެވެ.

މިއާ ކަންބޮޑުވެފައި އިނދެ ވިސްނަ ވިސްނާފައި އެންމެ ފަހުން ކޮޓަރިން ނިކުތެވެ. ބަދިގެ ތެރޭގައި މީހަކު އުޅޭ އަޑު އިވިގެން ދިޔައިރު އިޔަން އިނީ މޭޒު ކައިރީ ކޮފީއެއް ބޯށެވެ. "އިޔަންތަ އަހަރެން ގެނައީ؟" މިއާ ނުކެރި ހުރެފައިވެސް ސުވާލު ކުރިއެވެ. އެވަގުތު އިޔަން އެއްޗެއް ނުބުނެ އިން އިނުމާއި މޫނުގައިވި ކުލަވަރު މިއާއަށް އެއްކަމެއް ޔަޤީންކޮށްދިނެވެ. އޭނަ އެހެދުމުގައި ފެނިގެން އިޔަން ހަޤީޤަތުގައި ވެސް ނުރުހިއްޖެއެވެ.

"ޒޯހާގެ ހެދުން ލިއަކަސް ޒޯހާ އަކަށް ނުވެވޭނެ." ކުއްލި އަކަށް ކަންފަތަށް އިވުނު އަޑު މިއާއަށް ޤަބޫލެއް ނުކުރެވުނެވެ. އިޔަން ބަލައިވެސް ނުލައި ކޮފީ ތަށި ހިފައިގެން ނިކުމެގެން ދިޔައީ މިއާގެ ކައިރިން ލައިފައެވެ. އެކަމަކު އެންމެ ފަހަރަކުވެސް އެމޫނަށް ބަލައެއް ނުލިއެވެ.

މިއާގެ ލޮލުން ކަރުނަ އައީ އިޔަން ގޮސް ކޮޓަރިއަށް ވަން ފަހުންނެވެ. އަނގަމަތީގައި ދެއަތް އަޅާލި ފަހުންވެސް އަޑު ބޭރު ވާން ފެށިއެވެ.
(ނުނިމޭ)