29 Aug 2013, 14:20
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 މެންބަރުންނަށް ވުރެ އިތުރު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ހ އާއި 72 ވަނަ މާއްދާގެ ށ އިސްލާހް ކުރުމަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް، 77 މެންބަރުންނެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ އިސްލާހުގައި ވަނީ ކޮންމެ އިދާރީ ދާއިރާއަކުން މެއި، 28، 2009 ގައި އެކުލަވާލި ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ވަކި އިންތިހާބީ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެއިން ކޮންމެ އިދާރީ ދާއިރާއަކުން އިންތިހާބު ކުރާނީ މެންބަރެއް ކަމަށެވެ. އަދި 72 ވަނަ މާއްދާގެ (ނ) އުނިކުރުމަށް ވެސް އާމިރުގެ އިސްލާހުގައިވެ އެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ)ގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަންވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހޮވަންވާނެ ކަމަށް ބަޔާންކުރެ އެވެ.
ގާނޫނުއަސާސީގެ އެ ދެ މާއްދާ އަށް އިސްލާހު ހުށަހަޅުއްވަމުން އާމިރު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ހަތަރު ލައްކައެއްހާ ރައްޔިތުންގެ މައްޗަށް ބިނާވެފައިވާ އާބާދީއަކަށްވާއިރު ރައްޔިތުންގެ މަޖިލީހުން އިންތިހާބު ކުރެވޭ މެންބަރުންގެ އަދަދު އިތުރުވެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ގައުމުގެ އިގްތިސާދަށާއި، ގައުމުގެ އިދާރީ ހިންގުމަށް ގެނެވޭ އެންމެ އެދެވޭ ބަދަލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުން ތަމްސީލު ކުރުމަށް ކޮންމެ 5000 ރައްޔިތަކަށް މެންބަރަކު ނުވަތަ ދެ މެންބަރުން އިންތިހާބު ކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ބަޔާން ކުރުމަށް ބަލާއިރު އެ އަދަދަކީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 28 މެއި 2009 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސް އެކުލަވާލުމުގައި ކަނޑައެޅިފައިވާ އިދާރީ ދާއިރާތަކާއި، އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މެންބަރުންގެ އަދަދު ދެމިއޮތުމަކީ މިހާރު ބެހިފައިވާ އިދާރީ ދާއިރާތަކުގެ ރައްޔތިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެން،" އާމިރު ވިދާޅުވި އެވެ.
އާމިރު ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުން ތަމްސީލް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ރައްޔިތުން ތަމްސީލް ކުރުމަކީ ޑިމޮކުރަސީގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ހަރަދު ބޮޑު ވެގެން ހިނގައިދާނެ ކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުން ނުވަތަ ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މަޝްވަރާ ކޮށްގެން އެންމެން އެއްބަސްވެވޭ ފޯމިޔުލާ އެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއްގައި ރައްޔިތުން ތަމްސީލުވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް. ޑިމޮކްރަސީއެއްގައި ރައްޔިތުން ތަމްސީލު ކުރުމުގެ ނިސްބަތް ކަނޑައެޅުމުގައި ބަލަންވީ އަޅުގަނޑުމެންގެ ގައުމަށް އަޅުގަނޑުމެންގެ އިގްތިސާދަށް ތަހައްމަލް ކުރެވޭނެ އެންމެ އެކަށޭނެ ގޮތަކީ ކޮބައިތޯ ބެލުން އެންމެ ރަނގަޅު ގޮތަކީ. އޭގެ އެންމެ ރަނަގޅު ގޮތަކީ އެންމެ އެއްބަސްވެވޭ ފޯމިޔުލާ އެއް ނެރުން" ނަޝީދު ވިދާޅުވި އެވެ.
އާމިރުގެ އިސްލާހަށް ބަހުސް ކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ގާނޫނުއަސާސީ އަށް މިވަގުތަކީ އިސްލާހު ގެނައުމަކީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ނިސްބަތެއްގައި ހިފެހެއްޓުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިވަގުތަކީ ގާނޫނުއަސާސީ އަށް އެފަދަ އިސްލާހެއް ގެންނަން ޖެހޭ ވަގުތު ނޫން ކަމަށެވެ.
ބިލްގެ ބަހުސް ޕީޕީއެމް އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އާމިރު ހުށަހެޅުއްވި އިސްލާހުގެ މަގުސަދަށް ތާއިދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ވަކި ނިސްބަތެއްގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ތާއިދު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ މެންބަރުންގެ އަދަދު ކޮނޑައެޅުމުގައި ނުވަތަ ފޯމިޔުލާ އެއް ހޯދުމަށް ހުރިހައި މެންބަރުންގެ މެދުގައި މަޝްވަރާ ކޮށް އެކަމަށް ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.