ރާއްޖޭގައި ފުޅާދާއިރާއެއްގައި ސީ ޕްލޭންގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ބޭނުންކުރާ ބޯޓުތަކުގެ ތެރެއިން ދެ ބޯޓެއްގައި ފުރޮޅު ލައްވައިގެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓީއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރޮޅު ލައްވާފައިވާ ޓްވިން އޮޓާ، ޑީއެޗްސީ 6- 400 މަރުކާގެ ބޯޓުން ދަތުރުތައް ފެށުމަށް ސިވިލްއޭވިއޭޝަންގެ އެޕްރޫވަލް ހޯދަން ދާދި ފަހުން ޓެސްޓް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރަނީ ދަރަވަންދު އަށާއި މާމިގިއްޔަށް ރޭގަނޑު ޓޫރިސްޓުން އުފުލަން ފަށަން. އެހެން ސަރަހައްދުތަކަށް ވެސް ދަތުރުތައް ކުރުމާ މެދު އެބަ ވިސްނަން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ފުރޮޅުލީ ސީ ޕްލޭން ބޭނުންކޮށް ރަސްމީކޮށް ދަތުރުތައް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ދަތުރުކުރެވެނީ ހަމައެކަނި ދުވާލު ސީޕްލޭންގައި. އޭރުން އަޅުގަނޑުމެންނަށް ޓޫރިސްޓުން އުފުލޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.


މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ބްލެކްސްޓޯން ކުންފުނިން މޯލްޑިވިއަން އެއާޓެކްސީ އާއި އެމްއޭޓީގެ މެޖޯރިޓީ ހިއްސާގަތުމަށް ފަހު އެ ދެ ކުންފުނި ވަނީ އެއްކޮށްލައިފަ އެވެ. އަދި ޓީއެމްއޭއަކީ މިހާރު ވެސް ރާއްޖޭގައި ޓޫރިސްޓުން އުފުލުމަށް އެންމެ ގިނައިން ބޭނުންކުރާ އެއާލައިނެވެ. އެ އެއާލައިންގައި 16 މީހުންގެ ޖާގައިގެ 44 ބޯޓު ބޭނުންކުރެ އެވެ.

އެ އެއާލައިނުން ބުނީ އަހަރަކު ގާތްގަނޑަކަށް 400،000 ޕެސެންޖަރުން އުފުލާ ކަމަށެވެ.