ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ސަބްރާ ނޫރައްދީނާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަޙްމަދު ޝާހިދު ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް، އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މއ. މާންދޫގެ، ޞަބްރާ އިބްރާހީމް ނޫރައްދީން، 26، އާއި މއ. ޗަބޭލީމާގެ، އަޙްމަދު ޝާހިދު،43،ގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިއަހަރުގެ މާޗް 5ގައި މަޖީދީމަގާއި ނީލޯފަރުހިނގުން ގުޅުނު ހިސާބުގައި ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.

ފުލުހުންނަށް ހަމަލަދިން މި މައްސަލައިގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ފުލުހުންގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯ މަގުން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 10:30 ގައި ރާއްޖެ ވަޑައިގަތް ތަނުން ހުޅުލޭ އެއާޕޯޓުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިމީހާ ޝާހިދު ފުލުހުންނާ މާރާމާރީ ހިންގި މައްސަލަ ޕީޖީއަށް ފޮނުވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ 8، ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ ފުލުހުން ރޫޅާލުމުން ޝާހިދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. ޝާހިދަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ން ވެސް ތަހުގީގު ކުރި އެވެ.