އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރާ ގިނަ އިކްއިޕްމަންޓްތައް ހުރީ އެކަށީގެންވާ ވަރަށް ވުރެ މުސްކުޅިވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަން އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓުގައި ބޭނުންކުރާ އިކްއިޕްމަންޓްތައް މުސްކުޅިވެފައި ހުރުމުން އެކަމަށް އިންވެސްޓްކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން ބަސް، ހައި ލޯޑަރުތައް ހޯދުން، ބޯޓުގައި ޖަހާ ޓަގު ހޯދުން، އެމްބިއުލިފްޓާއި ކޮންޓެއިނަރު އުފުލާ ޑޮލީތައް ހޯދުން. އެ އެއްޗެތި ހޯދަން ޖެހޭ ފްލައިޓްތައް އިތުރުވާ ވަރަކަށް. ހާއްސަކޮށް ކޮންމެ ހައި ސީޒަންގައި،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ އިިކްއިޕްމަންޓްތައް ހޯދަން އިންވެސްޓް ނުކުރާތާ ހަތަރު ފަސް އަހަރެއްހާ ދުވަސްވެދާނެ ކަމަށެވެ.

"ބައެއް އިކްއިޕްމަންޓްތަކަކީ މިހާރު ދިހަ އަހަރާއި 15 އަހަރު ވެފައި ހުރި އެއްޗެތި. 15 ޕަސެންޓް އެބަ އުޅޭ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ އެއްޗެތި. އެ އެއްޗެތިތައް ބެލެހެއްޓުމުގެ ހަރަދު އިންތިހާ އަށް ބޮޑުވެފައި ވަނީ. މި އެއްޗެތިތައް މިހާރު މިހިރީ ބޭނުންކުރެވޭ ހާލަތުގައި،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ޓާގެޓަކަށް ކަނޑައެޅީ އާ އިކްއިޕްމަންޓް ހޯދުން ކަމަށެވެ.

"އޭރުން އެއް ފަހަރާ ނުވަ މަތިންދާބޯޓު ހެންޑްލްކުރެވޭނެ. ޑޮމެސްޓިކް ނުލައި. ވައިޑް ބޮޑީ ހަތަރު ބޯޓާއި ނެރޯ ބޮޑީ ފަސް ބޯޓު ފަހަރު އެއް ފަހަރާ ހެންޑްލްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ އެއާލައިންތަކުން އާ ބޯޓުތައް ގެނައުމާއި އިތުރު ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވުމާ ގުޅިގެން ޑޮމެސްޓިކް ދަތުރުތައް ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

"އެއް ގަމުގެ އެއާޕޯޓުތައް މާބޮޑަށް ގިނަވެގެންދަނީ. އެތައް އެއާޕޯޓުތަކެއް އަލަށް ހުޅުވުމާ ގުޅިގެން އެއާޕޯޓްސް ކޮމްޕެނީގެ އެފިޝެންސީ ވަރުގަދަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ އެމްޑީ ކަމާ ހަވާލުވުމަށްފަހު ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.