މާލެ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ބޯޓަކުން އެއްލައްކަ ރުފިޔާ ވަގަށް ނެގި މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ މަތަރަސްމާގެ، ޔޫސުފް މުނާޒު،30،ގެ މައްޗަށް ކަމަށެވެ.

ޔޫސުފް މުނާޒުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ލ. އަތޮޅާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ "ބާބިލު" ނަމަކަށް ކިޔާ ބޯޓުން އެއް ލައްކަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ ބޯޓުން އޭނާ ވަގަށް ނަގާފައިވާ އެއް ލައްކަ ރުފިޔާގެ ތެރެއިން މިހާތަނަށް 54000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ފުލުހުން ވަނީ ހަވާލުކޮށްފަ އެވެ.

އެ ވައްކަން ކޮށްފައި ވަނީ ބާބިލު ބޯޓުގެ އިންޖީނު ރޫމްގެ ތަޅުދަނޑި ބޭނުންކޮށްގެން ތަޅު ހުުވުމަށް ފަހު އެތެރެއަށް ވަދެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔޫސުފް މުނާޒަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ފަރާތެއް ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގަ އާއި މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި އަތުގައި ބެހެއްޓުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުންއަމުރަށް ޔޫސުފް މުނާޒަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ހަތަރު މަސް ދުވަހަށް އޭނާ ޖަލަށް ލުމަށް 2009 ވަނަ އަހަރު ޖިނާއީ ކޯޓުން ހުކުމް ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބާބިލް ބޯޓުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ޔޫސުފް މުނާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.