29 Aug 2013, 12:46
ސްޕެނިޝް ސުޕަ ކަޕުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗް 0-0 އިން އެއްވަރުވުމުން، ދެ މެޗުގެ އެގްރިގޭޓުން 1-1އިން ނަތީޖާ ހަމަހަމަވެ އަވޭ ގޯލުގެ ތަފާތުން ސްޕެނިޝް ސުޕާ ކަޕްގެ ތަށި 11 ވަނަ ފަހަރަށް ބާސާއިން އުފުލާލައިފި އެވެ.
ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެ، ދެ ޓީމު ނަތީޖާ ހަމަހަމަވުމުން، ބާސާއަށް ކުރި ލިބުނީ އެތުލެޓިކޯގެ ދަނޑުގައި ހުސްވި ހަފްތާ ޖެހި ލަނޑުންނެވެ. މިއީ ބްރެޒިލްގެ ތަރި ނޭމާ ބާސާއަށް ބަދަލުވި ފަހުން ހޯދި ފުރަތަމަ ތައްޓެވެ.
ރޭގެ މެޗުން މޮޅުވެގެން މުބާރާތް ކާމިޔާބުކުރުމުގެ "ރަނުގެ" ފުރުސަތެއް ބާސާއަށް މެޗުގެ 89 ވަނަ މިނެޓުގައި ލިބުނެވެ. އެ ފުރުސަތަކީ ބާސާއަށް ލިބުނު ޕެނަލްޓީއެކެވެ. އެހެން ނަމަވެސް ބާސާއަށް ލިބުނު ޕެނަލްޓީ ލިއޮނަލް މެސީ ފޮނުވާލީ ބޭރަށެވެ.
މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ ބާސާއަށް ކާމިޔާބުކުރެވުނު 16 ވަނަ މުބާރާތެވެ.
ރޭގެ މޮޅާއެކު ބާސާގެ ކޯޗް ޖެރާޑޯ މާޓިނޯ ބުނީ، މެޗުގައި ޓީމުގެ ހުރީހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި މިލިބުނު ކާޟިޔާބީއާއެކު ދެން މަސައްކަތް ފަށާނީ ކުރިއަށް ހުރި މުބާރާތް ތަކުގެ ތަށި ވެސް ކާމިޔާބު ކުރާން ކަމަށެވެ.