29 Aug 2013, 12:18
ބަރޮސް މޯލްޑިވްސް ރިސޯޓުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ 2:30 ހާއިރު އެ ރިސޯޓުން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެދުވަހުގެ 6:30 ހާއިރު އެ ރިސޯޓުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި ދެމީހުންގެ ތެރޭ ހިމެނެނީ އުމުރުން 29 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.
ބަރޮސް ރިސޯޓުގެ މެއިން ސްޓޯ ރޫމުން ވަގަށް ނަގާފައިވަނީ ތިން ކޭސް ރެޑް ބުލް އާއި ތަފާތު ބްރޭންޑްގެ 64 ކާޓޫންގެ ސިނގިރޭޓު ކަމަށް ފުލުހުން ބުނެ އެވެ. އެތަކެތީގެ އަގު 1،440 ޑޮލަރަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދާފައި ވަނީ އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 27 އަހަރުގެ މީހާ ދިރިއުޅެމުން ދިޔަ ކޮޓަރި ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ ވައްކަން ކޮށްފައިވަނީ އެ ރިސޯޓްގެ ސްޓޯ ރޫމްގައި އޭސީ ހަރުކުރަން ހަދާފައި ހުރި ގޮޅިއަކުން އެ ރޫމްގެ ތެރެއަށް ވަދެ ކަމަށެވެ.