ލައިސަންސްޑް މެއިންޓެނަންސް އެއާ ކްރާފްޓް އިންޖިނިއަރިން ސްކޫލެއް ރާއްޖޭގައި އެޅުމަށް ވިލާ ކޮލެޖާއި ވިލާއެއާ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ހަވީރު ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖްގެ ރެކްޓާ ޑރ. މުހައްމަދު އަންވަރެވެ. އަދި ވިލާ އެއާގެ ފަރާތުން ސޮއިކުރެއްވީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓާ ރިޟުވާން ޝަރީފެވެ.

އެމްއޯޔޫގައި ސޮއި ކުރި ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ރަސްމީ ގޮތެއްގައި ޓްރެއިނިން ސްކޫލުގެ މަސައްކަތް ފެށޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބުމުން އަންނަ އަހަރުގެ މެދެއްހާ ތަނުގައި ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ. އެކޮލެޖުން ބުނީ ހުއްދައަށް އެދި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ އެފަދަ ސްކޫލެއް ރާއްޖޭގައި ހުޅުވައި ތަމްރީން ދޭން ނިންމުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ތިބެގެން އެފަދަ ތަމްރީނު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ހޯދައި ދިނުން ކަމަށެވެ. އަދި އެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމެއް ރާއްޖޭން ބޭރުން ފުރިހަމަ ކުރަންވެއްޖެނަމަ ތަނަވަސްކަން ލިބިފައިވާ ކުދިންނަށް ނޫނީ އެފަދަ ފުރުސަތުތައް ލިބެމުން ނުދާތީ ކުޑަ ހަރަދެއްގައި ތަމްރީނު ލިބުމުގެ ފުރުސަތު ކުދިންނަށް ހުޅުވާލަ ދިނުން ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ އެފަދަ ޕްރޮގްރާމެއް ހިންގަން ފެށުމުން އެކަމުގެ ފައިސާ މުޅި އޭވިއޭޝަންގެ ދާއިރާއަށް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި އަމިއްލަ އެއާލައިންތައް އުފެދި ގިނަ ފުލައިޓުތަކެއް އުދުހެން ފަށާއިރު އެއާކްރާފްޓް މެއިންޓެނަންސް އަށް ރާއްޖޭން ބޭރުން މީހުން ނުގެނެސް ކަމަށް އެކަށޭނެ ގާބިލު ދިވެހި ކުދިންތަކެއް އުފެއްދުމަކީ ގައުމަށް ބޮޑެތި ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށެވެ.

އެކޮލެޖުން ބުނީ ވިލާ ކޮލެޖާއި ވިލާއެއާ ގުޅިގެން ފަށަން ނިންމާފައިވާ އެއާ ކްރާފްޓް މެއިންޓަނަންސް ޓްރޭނިން ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން ނުވަ ކުއްޖަކު މިހާރު ވެސް އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދިހަ ކުދިންގެ ތެރޭ ހިމެނެނީ ހަތް ފިރިހެން ކުދިންނާއި ދެ އަންހެން ކުއްޖެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ. އެ ކޮލެޖުން ބުނީ އެ ކުދިންނަށް ތަމްރީން ދެމުން އަންނަނީ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީސާ) އެޕްރޫވުޑް އިންޖިނޭރެއް ކަމަށް ވެސް ވިލާ ކޮލެޖުން ބުނެ އެވެ.