އޯކިޑްމަގާއި ޗާނދަނީ މަގު ގުޅޭ ލައިޓްކައިރީގައި މިއަދު ހެނދުނު ސައިކަލަކާއި އެމްބިއުލެންސެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި އިން މީހާގެ ބޯފަޅައިގެން ގޮސް އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.


އައިޗީއެމްއެޗް ދެންމެ ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8 ޖަހާ އެހާކަންހާއިރު ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ހޮސްޕިޓަލަށް މީހަކު ގެނެސްފައިވާ ކަމަށާއި އަދި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވުމުން އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެ މީހާގެ އަތުގައި ކާކުކަން އަންގައިދޭ ފަދަ ލިޔުމެއް ނެތުމުން އެއީ ކާކުކަން އަދި ސާފުނުވާ ކަމަށް ވެސް އައިޗީއެމް އެޗުން ބުންޏެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހެނދުނު ދިރާގު ލައިޓުކައިރީގައި ސައިކަލަކާއި އެމްބިއުލެންސެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އަދި ސައިކަލުގައި އިންމީހާ އަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ވާކަމަށެވެ.


އެކްސިޑެންޓާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.


އިއްޔެ ވެސް ވަނީ މާލޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ.