ސާޅީސް ހަތް ވަނަ އޭޝިއަން ފިރިހެން އަދި އަންހެން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ފަސް ބިލްޑަރުން ވީޓްނާމަށް ފުރައިފި އެވެ.

މުބާރާތުގައި ވާދަކުރުމަށް ވިއެޓްނާމަށް ދިޔަ ރާއްޖޭގެ ފަސް ބިލްޑަރުން ނަކީ ޖެހިޖެހިގެން ތިން ފަހަރު މަތިން މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ކަސްޓަމްސްގެ އާދިލް މުހައްމަދާއި އެމްއެންޑީއެފްގެ މުހައްމަދު އިބުރާހިމް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކް އާއި މުހައްމަދު މޫސާ އަދި މަހުމޫދު ޒިޔާދެވެ.

މުބާރާތުގައި ރާއްޖޭގެ ފަސް ބިލްޑަރުން ވެސް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 70 ކިލޯއިން ދަށުގެ ކެޓަގަރީ ތަކު ގައެވެ.

ރާއްޖޭގެ ޓީމާއެކު އޮފިޝަލެއްގެ ގޮތުގައި ވިއެޓްނާމަށް ދިޔައީ އަބްދުލް ހަޝީބް ހުސައިން އެވެ. އަދި ޖަޖަކަށް ދިޔައީ ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީނެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު ލިޒާމެވެ.

މިފަހަރުގެ މުބާރާތުގައި އެކިއެކި ގައުމުތަކުން 200 އަށް ވުރެ ގިނަ ބިލްޑަރުން ތަފާތު ކެޓަގަރީ ތަކުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.